ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ އެއާލައިންތަކުން ޓިކެޓް ވިއްކުމަށްފަހު، ތެލުގެ އަގަށް އަންނަ ބަދަލާ ގުޅިގެން ކަސްޓަމަރުންގެ އަތުން އިތުރު ފީއެއް ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަރުގަދަ އިންޒާރެއް ދީފިއެވެ.
މިއަދު ހުކުރު ދުވަހު ބްރަސަލްސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އީޔޫގެ ތަރުޖަމާނު އަންނަ-ކައިސާ އިޓްކޮނެން ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން އެއާލައިންތަކުން ވިއްކާ ޓިކެޓްގެ އަގުތަކަށް ބަދަލު ގެނައުމުގެ ފުރުސަތު އޮތް ނަމަވެސް، ޓިކެޓް ގަނެ މުއާމަލާތު ނިންމާފައިވާ ކަސްޓަމަރުންގެ އަތުން އިތުރު ފީއެއް ނެގުމަކީ އެއްވެސް ހަމައަކުން ދެއްކޭނެ އުޒުރެއް ނޫން ކަމަށެވެ.
އީޔޫއިން މިގޮތަށް ނިންމާފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ސޮލީބީ ސަހުޔޫނީ ހަނގުރާމައާ ގުޅިގެން ހަކަތައިގެ އަގުތައް އުފުލި، ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ތަރުޖަމާނު ވިދާޅުވި ގޮތުގައި، ޓިކެޓް ބުކްކޮށް ނިމުމަށްފަހު އަގަށް ބަދަލު ގެނައުމަކީ އީޔޫގެ ވިޔަފާރީގެ ނާއިންސާފު އަމަލުތަކާ ބެހޭ ގައުމީ ގަވާއިދުތަކާ ޚިލާފު ކަމެކެވެ.
މިކަމާ ގުޅޭގޮތުން ޔޫރަޕިއަން ކޮމިޝަނުން ނެރުނު ލިޔުމެއްގައި ބަޔާންކޮށްފައިވަނީ، ތެލުގެ އަގު އުފުލިދާނެ ކަމަށް ބަލައި، ޓިކެޓް ވިއްކާއިރު އިއުލާންކޮށްފައިވާ އަގަށްވުރެ ބޮޑުކުރެވޭނެ ފަދަ އެއްވެސް ޝަރުތެއް އެއާލައިންތަކުގެ އުސޫލުތަކުގައި ނުހިމެނޭނެ ކަމަށެވެ. އަދި ކުރިން ވިއްކާފައިވާ ޓިކެޓަކަށް ފަހުން އަގު ބަދަލުކުރުމަކީ މުޅިން މަނާކަމެއް ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.
ނަމަވެސް، މި ގަވާއިދަށް އޮތް ހަމައެކަނި އިސްތިސްނާއަކީ "ޕެކޭޖް ހޮލިޑޭ" ތަކެވެ. އެއީ ކަސްޓަމަރާއެކު ވެވޭ އެއްބަސްވުމުގައި ތެލުގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން އަގު ބަދަލުވެދާނެ ކަމަށް ސާފުކޮށް ބަޔާންކޮށްފައިވާނަމައެވެ. މިފަދަ ހާލަތްތަކުގައިވެސް އަގު ބޮޑުކުރެވޭނީ ގިނަވެގެން 8 އިންސައްތައާ ހަމައަށެވެ. އެއަށްވުރެ އަގު ބޮޑުވާނަމަ، އެ އަގު ގަބޫލުކުރުން ނުވަތަ ބުކިން ކެންސަލްކުރުމުގެ އިޚުތިޔާރު ކަސްޓަމަރަށް ލިބިގެންވެއެވެ.
މި މައްސަލަ ބޮޑުވެފައިވަނީ ސްޕެއިންގެ އަގުހެޔޮ އެއާލައިނެއް ކަމަށްވާ "ވޮލޮޓިއާ" އިން ހަކަތައިގެ އަގު ބޮޑުވުމާ ގުޅިގެން ކަސްޓަމަރުންގެ އަތުން އިތުރު ފީ ނަގަން ފެށުމުންނެވެ. މި މައްސަލައިގައި ފްރާންސް އިން މިހާރު ދަނީ އެ އެއާލައިން ތަހުގީގު ކުރަމުންނެވެ.
މި ފަދަ ގަވާއިދުތައް މި ގައުމުގައި ހަދާނެ ނަމައޭ ހިތަށް އަރައެވެ!






