ޔޫއެފްއޯތަކާ ގުޅޭ ސިއްރު ފައިލްތަކެއް ޕެންޓަގަނުން އާންމުކޮށްފި

އާދަޔާ ހިލާފު އުދުހޭ އެއްޗެހި ނުވަތަ ޔޫއެފްއޯތަކާ ގުޅޭގޮތުން ރިޕޯޓްކޮށްފައިވާ ސިއްރު ފައިލްތަކެއްގެ ފުރަތަމަ ބައި އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަނުން ހުކުރު ދުވަހު އާންމުކޮށްފިއެވެ. 1940 ގެ އަހަރުތަކާ ހަމައަށް ދާ މި ފައިލްތަކަކީ އެފްބީއައި، ސްޓޭޓް ޑިޕާޓްމަންޓް އަދި ނާސާގެ އިތުރުން ޕެންޓަގަނުން އެއްކޮށްފައިވާ މައުލޫމާތުތަކެކެވެ.

ޕެންޓަގަނުން "އަންއައިޑެންޓިފައިޑް އެނޯމަލަސް ފެނޯމެނާ" (ޔޫއޭޕީ) ގެ ނަމުން ނަންދީފައިވާ މި ހާދިސާތަކުގެ 160 އަށްވުރެ ގިނަ ފައިލް މިހާރު ވަނީ ދިފާއީ ވުޒާރާގެ ވެބްސައިޓުގައި އާންމުކޮށްފައެވެ. މީގެ ތެރޭގައި އުދުހޭ ތަބައްތަކާއި، ޑިސްކުތަކުގެ އިތުރުން "ލޯޑް އޮފް ދަ ރިންގްސް" ފިލްމުން ފެންނަ ފަދަ އޮރެންޖު ކުލައިގެ ބޮކިތަކެއް ފެނިފައިވާ ކަމުގެ ރިޕޯޓްތައް ހިމެނެއެވެ.

މިކަމާ ގުޅޭގޮތުން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވީ، "ސިއްރު ކުރެވިފައިވާ މި ފައިލްތަކުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ތަފާތު ޝައްކުތައް އުފެދިފައިވާ ކަމަށާއި، އެމެރިކާގެ ރައްޔިތުންނަށް މިއީ އަމިއްލައަށް ފެންނަންޖެހޭ މައުލޫމާތުތަކެއް" ކަމަށެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ މި ފައިލްތައް އާންމުކުރުމަށް ތާއީދުކުރައްވައި، މިއީ ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ނިންމުމަށް ލިބުނު ފުރުސަތެއް ކަމަށް ވިދާޅުވެފައެވެ.

އާންމުކުރި ފައިލްތަކުގެ ތެރޭގައި 1947 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ރިޕޯޓެއް ހިމެނެއެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ "މީހުންނަށް ފެނިފައިވާ މި ހާދިސާތަކަކީ އެއާ މެޓީރިއަލް ކޮމާންޑުން ސީރިއަސްކޮށް ބަލަމުންދާ ކަމެއް" ކަމަށެވެ. އަދި 1948 ވަނަ އަހަރުގެ "ޓޮޕް ސީކްރެޓް" ރިޕޯޓެއްގައި ވެސް އުދުހޭ ތަބަކާއި، ކާކުކަން ނޭނގޭ އުޅަނދުތަކެއް ފެނިގެން އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މީގެ އިތުރުން 2023 ވަނަ އަހަރު ސަރުކާރުގެ ހަތް މުވައްޒަފަކު ރިޕޯޓްކޮށްފައިވާ ހާދިސާތަކެއް ވެސް މި ފައިލްތަކުގައި ހިމެނެއެވެ. މީގެ ތެރެއިން އެއް ހާދިސާއެއްގައި، އޮރެންޖު ކުލައިގެ ބޮޑު ބޮކިތަކަކުން ކުދި ރަތް ބޮކިތަކެއް އުދުއްސާލި މަންޒަރު ފެޑެރަލް އެޖެންޓުންނަށް ފެނިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި އެހެން ހާދިސާއެއްގައި ފެނުނު އެއްޗެއް ސިފަކޮށްފައިވަނީ ލޯޑް އޮފް ދަ ރިންގްސްގެ "އައި އޮފް ސޯރޯން" އާ ވައްތަރު އެއްޗެއްގެ ގޮތުގައެވެ.

މި ފައިލްތައް އާންމުކުރަން ރައީސް ޓްރަމްޕް އަމުރުކުރެއްވީ މިދިޔަ ފެބްރުއަރީ މަހުގައެވެ. ޓްރަމްޕް ވިދާޅުވީ މިކަމަށް އާންމުންގެ ބޮޑު ޝައުގުވެރިކަމެއް އޮތުމުން، ސަރުކާރުގެ އިދާރާތަކުން މިފަދަ މައުލޫމާތުތައް ހާމަކުރަން ޖެހޭ ކަމަށެވެ.

ހިއްސާ ކުރައްވާ!