އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މި ހަފުތާގައި އިސްލާމްއާބާދުގައި އަލުން ފަށަނީ

އެމެރިކާއާއި އީރާނާ ދެމެދު މެދުކެނޑިފައިވާ ސިޔާސީ މަޝްވަރާތައް މި ހަފުތާގައި ޕާކިސްތާނުގެ އިސްލާމްއާބާދުގައި އަލުން ފެށުމަށް ތައްޔާރުވަމުންދާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ "ދަ ވޯލް ސްޓްރީޓް ޖާނަލް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ ގައުމުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކޮށް، ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ބިރު ނައްތާލުމަށްޓަކައި މެދުވެރިން މެދުވެރިކޮށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް އައުމަށްޓަކައި 14 ނުކުތެއްގެ މައްޗަށް އެކުލެވޭ ފަހުމުނާމާއެއް ވަނީ ތައްޔާރު ކޮށްފައެވެ.

މި ފަހުމުނާމާގެ މައިގަނޑު ބޭނުމަކީ ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ކުރިއަށް ގެންދާނެ މަޝްވަރާތަކުގެ އޮނިގަނޑެއް ކަނޑައެޅުމެވެ. މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނެ ކަންކަމުގެ ތެރޭގައި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި، ހުރުމުޒް ކަނޑުއޮޅީގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމާއި، އީރާނުގައި ހުރި މަތީ ދަރަޖައަކަށް ފައްކާކޮށްފައިވާ ޔުރޭނިއަމް ތިންވަނަ ގައުމަކަށް ބަދަލުކުރުން ހިމެނެއެވެ.

ނަމަވެސް، "ދަ ވޯލް ސްޓްރީޓް ޖާނަލް" އިން ފާހަގަކޮށްފައިވާ ގޮތުގައި، އަދިވެސް ހައްލުނުކުރެވި ހުރި ބޮޑެތި މައްސަލަތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދޭނެ މިންވަރާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތައް ހިމެނެއެވެ. މިކަމަކީ މަޝްވަރާތަކަށް އެޅިދާނެ ބޮޑު ހުރަހެއް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބޭނަމަ، ދެ ފަރާތުގެ ރުހުމާއެކު މިހާރު ކަނޑައަޅާފައިވާ އެއް މަސްދުވަހުގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮތްކަމަށްވެސް ނޫހުން ރިޕޯޓުކުރެއެވެ.

އެމެރިކާއާއި އީރާނާ ދެމެދު ބޭއްވުނު މަޝްވަރާތަކުގެ ފުރަތަމަ މަރުހަލާ ކުރިއަށްދިޔައީ މިދިޔަ އޭޕްރިލް މަހުގެ 11 ވަނަ ދުވަހު އިސްލާމްއާބާދުގައެވެ. ގާތްގަނޑަކަށް 21 ގަޑިއިރަށް ދެމިގެންދިޔަ އެ މަޝްވަރާތައް އެ ފަހަރު ނިމިގެންދިޔައީ އެމެރިކާއިން ފޮނުވި ވަފްދަށް ގޮތް ނުނިންމިގެން އެއްވެސް އެއްބަސްވުމަކަށް ނާދެވި އެވެ. އަންނަ ހަފުތާގައި އަލުން މި ފެށޭ މަޝްވަރާތަކަކީ ސަރަހައްދީ ހަމަޖެހުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދަނީ ބަލަމުންނެވެ.

ހިއްސާ ކުރައްވާ!