އިތިއޯޕިއާގެ ހަރާރީ ރީޖަންއަށް ނިސްބަތްވާ އަންހެނަކު، 12 އަހަރު ދުވަހުގެ ދިގު އިންތިޒާރަކަށްފަހު އެއްފަހަރާ ފަސް ކުދިން ވިހައިފިއެވެ.
އުމުރުން 35 އަހަރުގެ މި އަންހެންމީހާ ވިހާފައިވަނީ ހަތަރު ފިރިހެން ކުދިންނާއި އަންހެން ކުއްޖެކެވެ. ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ މީޑިއާއިން ބުނެފައިވަނީ، ވިހެއި ފަސް ކުދިންގެ ސިއްހަތުވެސް ރަނގަޅު ކަމަށެވެ.
މި އުފާވެރި ހާދިސާއާ ގުޅިގެން މީޑިއާއާ ވާހަކަދައްކަމުން އެ އަންހެންމީހާ ބުނެފައިވަނީ، ލިބިފައިވާ އުފާވެރިކަން ބަޔާންކޮށްދޭނެ އިތުރު ބަހެއް ނެތް ކަމަށެވެ. އަދި މިއީ 12 އަހަރުގެ ދިގު އިންތިޒާރަކަށްފަހު އޭނާއަށް ލިބުނު ވަރަށް ބޮޑު ނިއުމަތެއްކަން އޭނާ ފާހަގަކުރިއެވެ.
މިކަމާ ގުޅޭގޮތުން ސިއްހީ މާހިރުން ބުނެފައިވަނީ، އެއްފަހަރާ ފަސް ކުދިން އުފަންވުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ، ގުދުރަތީ ގޮތުން ހިނގާފައިވާ އާދަޔާ ހިލާފު ކަމެއް ކަމަށެވެ. އަދި 12 އަހަރުގެ މެދުކެނޑުމަކަށްފަހު މިފަދަ ގޮތަކަށް ކުދިން ލިބުމަކީ ވަރަށް ނާދިރު ކަމެއްގެ ގޮތުގައި ޑޮކްޓަރުން ސިފަކުރެއެވެ.
މި އާދަޔާ ހިލާފު ޚަބަރާއެކު، އިތިއޯޕިއާގެ ގިނަ ބަޔަކު ދަނީ އެ އަންހެންމީހާ އަށާއި އޭނާގެ އާއިލާއަށް މަރުހަބާ ކިޔަމުންނެވެ.





