ޕާކިސްތާނުގެ ފުރަތަމަ ފަހަރަށް ޔުއާއިން "ޕަންޑާ ބޮންޑު" ދޫކުރަނީ

ޕާކިސްތާނުގެ ހީނަރުވަމުންދާ އިގްތިސާދު ކޮޅަށްޖެހުމަށްޓަކައި، ޗައިނާގެ ފައިސާ ނުވަތަ ޔުއާން އިން އަގުކުރެވޭ "ޕަންޑާ ބޮންޑު" އަންނަ ހަފްތާގައި ބާޒާރަށް ނެރުމަށް އެ ގައުމުން ނިންމައިފިއެވެ.

ޕާކިސްތާނުގެ މާލީ ވަޒީރު މުޙައްމަދު އައުރަންގްޒޭބް އިއުލާން ކުރެއްވި ގޮތުގައި، މިއީ އެ ގައުމުގެ ތާރީޚުގައި ވެސް މިފަދަ ބޮންޑެއް ނެރޭ ފުރަތަމަ ފަހަރެވެ. މި ފިޔަވަޅަކީ އިގްތިސާދީ ގޮތުން ގައުމަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ސިފަކުރި ނަމަވެސް، އިގްތިސާދީ މާހިރުން މިކަން ފާހަގަކުރަނީ ދަރަނި ދެއްކުމަށްޓަކައި އިތުރު ދަރަނި ނެގުމުގެ ނުރައްކާތެރި ސިޔާސަތެއްގެ ގޮތުގައެވެ.

މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ފިޔަވަޅެއްގެ ގޮތުން 250 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް އަމާޒު ހިފާފައި ވެއެވެ. އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ އެހީތެރިކަމާއެކު ޖުމްލަ 1 ބިލިއަން ޑޮލަރު ހޯދުމަށް ވަނީ ރޭވިފައެވެ.

މި ބޮންޑު ނެރުމުގެ މައިގަނޑު ބޭނުމަކީ ޔޫއޭއީ އިން ނަގާފައިވާ 3.5 ބިލިއަން ޑޮލަރުގެ ފެސިލިޓީގެ ފައިސާ ހޯދުމެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާއިން ލިބޭނެ ކަމަށް އުންމީދުކުރާ އެހީތެރިކަން ލަސްވަމުންދާތީ، ޗައިނާގެ މި ބޮންޑަކީ ޕާކިސްތާނަށް މިވަގުތު އޮތް "ލައިފްލައިން" އެއް ކަމަށް ބެލެވެއެވެ.

ޕާކިސްތާނުގެ އުފެއްދުންތެރިކަން 11 އިންސައްތައަށް ކުރިއަރާފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ ގައުމު އަދިވެސް އޮތީ ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް) ގެ ހަރުކަށި ޝަރުތުތަކެއްގެ ދަށުގައެވެ. ގައުމު ބަނގުރޫޓުވިޔަ ނުދިނުމަށްޓަކައި އައިއެމްއެފް އިން ވަނީ 1.32 ބިލިއަން ޑޮލަރު ދޫކޮށްފައެވެ. މި އެހީ ނުލިބޭނަމަ ބޭރުން މުދާ އެތެރެ ކުރުން ޕާކިސްތާނަށް ބުރައަކަށް ވާނެއެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ "އެއް ދަރަނި ދެއްކުމަށް އިތުރަށް ދަރަނި ނެގުމުގެ" ސިޔާސަތެކެވެ. ޗައިނާގެ ބޮންޑުތަކަށް ބަރޯސާވުމަކީ ޕާކިސްތާން އިތުރަށް ދަރަނީގެ ދަންތުރައެއްގައި ބެދި، ގައުމުގެ ސިޔާދަތަށް ނުރައްކާވެދާނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

މި ބޮންޑު ބާޒާރަށް ނެރުމާއެކު، ޕާކިސްތާނުގެ އިގްތިސާދީ ކުރިމަގު ބައްޓަންވެގެންދާނެ ގޮތަކާމެދު ބައިނަލްއަގުވާމީ މާލީ ދާއިރާގެ ސަމާލުކަން މިވަގުތު ވަނީ އެ ގައުމަށް ހުއްޓިފައެވެ.

ހިއްސާ ކުރައްވާ!