ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި ސިޔާސީ ދާއިރާގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަންގަނާ ރަނާވަތު، އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީއާ ކައިވެނިކުރަން އުޅޭކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތަކީ ކަނޑައެޅިގެން ދޮގު ޚަބަރުތަކެއް ކަމަށް ބުނެ، އެކަމަށް ވަރުގަދަ ރައްދެއް ދީފިއެވެ.
ބޮލީވުޑްގައި ކުޅަދާނަ އެކްޓިންގެ އިތުރުން، ކަންކަމަށް ފާޅުކަން ބޮޑު ގޮތެއްގައި އަނގަ ބާނާ އަދި، ހިތަށް އެރި އެއްޗެއް ޖެހިލުމެއް ނެތި ބުނުމަށް މަޝްހޫރު ކަންގަނާއާ ގުޅޭގޮތުން މިފަދަ ވާހަކައެއް ފެތުރެން ފެށީ ސޯޝަލް މީޑިއާގެ "މީމް" ޕޭޖަކުން ހިއްސާކުރި ފޭކް ޕޯސްޓަކާ ގުޅިގެންނެވެ.
މި ފަހަކަށް އައިސް އިންޑިއާގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ބައެއް ބަދަލުތަކާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ތަފާތު އެކި ޕޯސްޓްތައް ދައުރުވަމުންދާއިރު، ކަންގަނާގެ ނަމުގައި ފެތުރި ފޭކް ޕޯސްޓުގައި ލިޔެފައިވަނީ، "ރާހުލް ގާންދީ ބީޖޭޕީއާ ގުޅިވަޑައިގެންފިނަމަ، އޭނާއާ ކައިވެނިކުރަން އަހަރެން ތައްޔާރު" ކަމަށެވެ.
މި ފޭކް ޕޯސްޓް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު، އިންޑިއާގެ ބައެއް މީޑިއާން ވެސް ވަނީ އެއީ ކަންގަނާ ދެއްކި ހަގީގީ ވާހަކައެއްގެ ގޮތުގައި ރިޕޯޓްކޮށްފައެވެ.
މި ޚަބަރު ކަންގަނާގެ ސަމާލުކަމަށް އައުމާއެކު، އޭނާ ވަނީ އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް އެ ޕޯސްޓުގެ ސްކްރީންޝޮޓެއް ހިއްސާކޮށް، އެކަން ކުރި ބަޔަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ކަންގަނާ ބުނިގޮތުގައި މިއީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށާއި، މިފަދަ ކަންކަމުން ހާމަވަނީ ސިޔާސީ ދާއިރާގައި އުޅޭ އަންހެނުންނަށް އެއްވެސް އިހުތިރާމެއް ނެތްކަން ކަމަށެވެ.
"މިއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް. ސިޔާސީ ދާއިރާގައި އުޅޭ އަންހެނުންނަށް އެއްވެސް ގަދަރެއް ނެތް. މިފަދަ ދޮގު ޚަބަރުތައް ފަތުރާ މީހުން ލަދުގަންނަން ޖެހޭނެ،" ކަންގަނާގެ ޕޯސްޓުގައި ބުނެފައިވެއެވެ.
ކަންގަނާއަކީ މީގެ ކުރިން ވެސް އޭނާގެ ކައިވެންޏާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ރައްދުދީފައިވާ ތަރިއެކެވެ. އެގޮތުން މީގެ ކުރިން ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ، އޭނާއާ ބެހޭގޮތުން ފަތުރާފައިވާ ނުބައި ވާހަކަތަކުގެ ސަބަބުން ކައިވެނިކުރާނެ ރަނގަޅު ބައިވެރިއަކު ހޯދުމަށް ވެސް ދަތިވެފައިވާ ކަމަށެވެ. އަދި ބަޔަކު ވަނީ އޭނާ މޮދީއާ އިންނަން ބޭނުންވާ ކަމަށްވެސް ބުނެ ދޮގު ވާހަކަ ފަތުރާފައެވެ!
ކަންގަނާ މިހާރު ހަރަކާތްތެރިވަނީ އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ މެންބަރެއްގެ ގޮތުގައެވެ. އަދި އޭނާއަކީ އަބަދުވެސް ރާހުލް ގާންދީއަށާއި ކޮންގްރެސް ޕާޓީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަ މީހެކެވެ.





