އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގައި އެހީތެރިވާ ކޮންމެ ޤައުމަކަށްމެ، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގައި "ޔަޤީނުންވެސް ދަތިތަކާ ކުރިމަތިލާން ޖެހިދާނެ" ކަމުގެ އިންޒާރު އީރާނުގެ ސިފައިން ދީފިއެވެ.
އީރާންގެ ނިއުސް އެޖެންސީއާ ހަވާލާދީ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އިންޒާރު ދެއްވީ އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް އަކްރަމީ ނިއާއެވެ.
ޖެނެރަލް ނިއާ ވިދާޅުވީ، ހަނގުރާމައިގެ ތެރޭގައި "ދުޝްމަނުން" ބޭނުންވި އެއްވެސް މަޤްޞަދެއް ހާސިލު ވެފައި ނުވާ ކަމަށާއި، އީރާނުގެ ސިޔާސީ ހަމަޖެހުމަށް އެއްވެސް ލޮޅުމެއް އަރާފައި ނުވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި އީރާނުގެ އެތެރޭގެ އެއްބައިވަންތަކަމާއި ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމަށާއި، އެކަމުގެ ހެކި މިއަދުވެސް އީރާނުގެ މަގުމަތިތަކުން ފެންނަމުންދާ ރައްޔިތުންގެ ޝުޢޫރުތަކުން ހާމަވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އީރާނުގެ ދިފާޢީ ބާރު ކަނޑުވާލުމަށް ސޮލީބީ ދުޝްމަނުންނަށް ކުރެވުނު ކަމެއް ނެތް ކަމަށާއި، އެންމެ ފަހުން އެމީހުންނަށް މަޖުބޫރުވީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިސް ކުރުނީސް ކުރަން ކަމަށެވެ.
މީގެ އިތުރުން، ހަނގުރާމަ ހުއްޓާލާފައި އޮތް މުއްދަތުގެ ތެރޭގައި އީރާނުން ވަނީ އެޤައުމުގެ ސިފައިންގެ ފައުޖުތަކާއި ސިފައިންގެ ޤާބިލުކަން އިތުރަށް ވަރުގަދަކޮށްފައި ކަމަށް ޖެނެރަލް ވިދާޅުވިއެވެ. އެގޮތުން، ހަމަލާދޭނެ އަމާޒުތައް އަލުން ކަނޑައަޅައި ދިފާޢީ އަދި ހަމަލާދޭ މަޤާމުތަކަށް ބަދަލުގެނެސް އިތުރަށް ތައްޔާރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.






