އީރާނަށް ދިން ހަމަލާތަކުގައި އިސްރާއީލުން އިރާގުގެ އެތެރޭގައި ސިއްރު މަރުކަޒެއް ބޭނުންކުރިކަން ހާމަވެއްޖެ

އީރާނާ ދެކޮޅަށް ފަސް ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ ވައިގެ ހަމަލާތަކުގައި، އިރާގުގެ ހުޅަނގު ސަހަރާގައި އިސްރާއީލުން ސިއްރު އަސްކަރީ މަރުކަޒެއް ހަދައިގެން އޮޕަރޭޓް ކޮށްފައިވާކަން "ވޯލް ސްޓްރީޓް ޖާނަލް" އިން ހާމަކޮށްފިއެވެ.

މި ރިޕޯޓުގައިވާ ގޮތުން، މި ސިއްރު މަރުކަޒަކީ އިސްރާއީލުގެ ޚާއްޞަ ކޮމާންޑޯ ސިފައިންނާއި، ލޮޖިސްޓިކް ޓީމުތަކުގެ އިތުރުން "ސާޗް އެންޑް ރެސްކިއު" ޔުނިޓުތަކުގެ މައި ހަބެއްގެ ގޮތުގައި ބޭނުންކުރި ތަނެކެވެ. މި މަރުކަޒުގެ ސަބަބުން އީރާނަށް މެދުނުކެނޑި ވައިގެ ހަމަލާތައް ދިނުމަށް ބޭނުންވާ މުހިންމު އެހީތެރިކަން ޖެނޮސައިޑް ރެޖީމަށް ލިބިގެންދިޔައެވެ.

ރިޕޯޓުތައް ބުނާގޮތުން މި މަރުކަޒު ގާއިމުކޮށްފައިވަނީ އެމެރިކާގެ ސަރުކާރަށް އެނގިގެންނެވެ. ނަމަވެސް، އިރާގުގެ ސަރުކާރަށް މިކަމުގެ އެއްވެސް މައުލޫމާތެއް ދީފައި ނުވާކަން ފާހަގަކުރެވެއެވެ.

މާރިޗު މަހުގެ ކުރީކޮޅު، އިރާގުގެ ސިފައިންގެ ބަޔަކަށް މި މަރުކަޒު ހުރި ސަރަހައްދު ފާހަގަވާން އުޅުމުން، އިސްރާއީލުން ވަނީ އެމީހުންނަށް އަމާޒުކޮށް ހަމަލާދީފައެވެ. މި ހަމަލާގައި އިރާގު ސިފައިންގެ ބަޔަކު މަރުވެފައިވާ ކަމަށް ބުނެވެއެވެ.

މި މައުލޫމާތުތައް ހާމަވުމާއެކު، ކުރިން ބާރުގަދަ އަމިއްލަ ސިޔާދަތަށް ބާރު ފޯރުވި އިރާގް ހީނަރުކޮށްލުމުގައި އެމެިރކާއިން ކާމިޔާބު ވެފައިޥާ މިންވަރު ހާމަވެގެން ދެއެވެ. މިއީ އިރާގުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ބައިނަލްއަގުވާމީ އުސޫލުތަކާ ހިލާފަށް، ގައުމުތަކުގެ ބޯޑަރުތަކުގެ ބޭރުން މިފަދަ ސިއްރު މަރުކަޒުތައް ހިންގުމަކީ ސަރަހައްދީ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

ހިއްސާ ކުރައްވާ!