އީރާނުން އެމެރިކާގެ ހުށަހެޅުންތަކަށް ދިން ޖަވާބު ޕާކިސްތާނަށް ފޮނުވައިފި

އީރާނުގެ ނިއުކްލިއާ މައްސަލައާއި ސަރަޙައްދީ ހަމަޖެހުމާ ގުޅޭގޮތުން އެމެރިކާއިން ހުށަހެޅި ހުށަހެޅުންތަކަށް އީރާނުން ދިން ޖަވާބު ޕާކިސްތާނަށް ފޮނުވައިފި ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

އީރާނުގެ ރަސްމީ މީޑިއާއިން ބުނި ގޮތުގައި، ހަނގުރާމަ ހުއްޓާލުމާއި މަޝްވަރާތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން އީރާނުގެ ރަސްމީ ޖަވާބު މިހާރު ވަނީ ޕާކިސްތާނާ ހަވާލުކޮށްފައެވެ. އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް ޕާކިސްތާނުން އަންނަނީ މެދުވެރިއެއްގެ ދައުރު އަދާކުރަމުންނެވެ. ޕާކިސްތާނުގެ މި އިސްނެގުމާއެކު ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ ވާހަކަތަކަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، އަންނަ ހަފުތާގައި ރަސްމީ މަޝްވަރާތައް ފެށުމަށް ވަނީ ތައްޔާރުވެފައެވެ.

"ވޯލް ސްޓްރީޓް ޖާނަލް" އިން ރިޕޯޓކޮށްފައިވާ ގޮތުގައި، އެމެރިކާއާއި އީރާނާ ދެމެދު ބާއްވާ މި މުހިންމު މަޝްވަރާތައް މި ހަފުތާގައި ޕާކިސްތާނުގެ އިސްލާމްއާބާދުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. ވޮޝިންޓަނާއި ތެހެރާނާ ދެމެދު މިކަމާ ގުޅޭގޮތުން ނުރަސްމީ ސިފައެއްގައި ވާހަކަތައް ދަނީ ކުރިއަށް ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.

މި ރިޕޯޓުގައިވާ ގޮތުން، ގާތްގަނޑަކަށް އެއް މަސް ދުވަހުގެ މުއްދަތަށް ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހުށަހެޅިފައެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނެ ކަންކަމުގެ ތެރޭގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި، ޔުރޭނިއަމް މުއްސަނދިކުރުމާއި، އީރާނާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުން ހިމެނެއެވެ. މީގެ އިތުރުން ސަރަޙައްދީ ސަލާމަތީ މަސްރަޙާ ގުޅޭގޮތުންވެސް ތަފްސީލީ ގޮތެއްގައި ވާހަކަ ދެކެވޭނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން ހުރްމުޒް ކަނޑުއޮޅީގައި އުފެދިފައިވާ ނުތަނަވަސްކަމާއި، ކަނޑުގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަކީވެސް މި މަޝްވަރާތަކުގެ އެޖެންޑާގައި ހިމެނޭ މުހިންމު ކަންކަމެވެ. މަޢުލޫމާތު ލިބޭގޮތުގައި، ޔުރޭނިއަމް މުއްސަނދިކުރުމާއި ނިއުކްލިއާ ހަރަކާތްތަކާ ގުޅޭގޮތުން ވަކި ޝަރުތުތަކެއްގެ ދަށުން ދޫދިނުމަށް އީރާނުން އަންނަނީ ވިސްނަމުންނެވެ. އެމެރިކާގެ އޮފިޝަލުން ބޭނުންވަނީ އީރާނުން ޔުރޭނިއަމް މުއްސަނދިކުރާ މިންވަރު ކުޑަކުރުމަށެވެ. އަދި އީރާނުން އެދެމުންދަނީ އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ސާފު ލުއިތަކެއް ދީ، އިގްތިސާދީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ހިއްސާ ކުރައްވާ!