ނުކުޅެދުންތެރިކަން ހިތްވަރަށް ބަދަލުކޮށް، އަނގައިން ގަލަން ހިފަހައްޓައިގެން އިމްތިޙާނު ހަދައި ބޮޑު ކާމިޔާބީއެއް ހޯދައިފި

ދުނިޔޭގައި ނުކުޅެދުންތެރިކަން ތަހައްމަލު ކުރަމުންދާ އެތައް ބަޔަކު އުޅޭއިރު، އޭގެ ތެރެއިން ބައެއް މީހުންނަކީ އެ ނުކުޅެދުންތެރިކަމަކީ ކުރިއަށް ދިއުމަށް އޮތް ހުރަހެއް ކަމުގައި ނުދެކޭ، އަދި އެއީ މަޖުބޫރުކަމެއްގެ ގޮތުގައި ބަލައިގަންނަން ބޭނުންނުވާ މީހުންނެވެ. މިފަދަ ހިތްވަރުގަދަ ނަމޫނާ ދަރިއަކު މިވަނީ އިންޑިއާގެ ޖާރްކަންދު ސްޓޭޓުން ފެނިފައެވެ.

އިންޑިއާގެ ޖާރްކަންދު ސްޓޭޓްގެ ގޯޑާ ޑިސްޓްރިކްޓަށް ނިސްބަތްވާ ފައިޒާނުﷲ އަކީ އުފަންވީއިރުވެސް "ސެރެބްރަލް ޕަލްސީ" ކިޔާ ބައްޔެއް ތަހައްމަލު ކުރަމުންދާ ކުއްޖެކެވެ. މި ބަލީގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތައް ފުރިހަމައަށް ހުރި ނަމަވެސް، އެ ގުނަވަންތައް އަމިއްލައަށް ހަރަކާތްތެރި ކުރުމުގެ ބާރެއް އޭނާގެ ކިބަޔަކު ނެތެވެ. ނަމަވެސް، ފައިޒާނުﷲ މިވަނީ އޭނާގެ ނުކުޅެދުންތެރިކަމުގެ މައްޗަށް ހިތްވަރާއެކު ކުރިހޯދައި، ބޯޑު އިމްތިޙާނުގައި އަނގައިން ގަލަން ހިފަހައްޓައިގެން ލިޔެ، މޮޅު ނަތީޖާއެއް ހާސިލުކޮށްފައެވެ.

ފައިޒާނުﷲ ގެ ބައްޕަ، މުޙައްމަދު އަންވަރު އާލަމް އަކީ އަމިއްލަ މަދަރުސާއެއްގައި ކިޔަވައިދޭ މުދައްރިސެކެވެ. ފައިޒާނުﷲ އުފަންވިތާ މާގިނަ ދުވަހެއް ނުވަނީސް، އޭނާގެ ހެދިބޮޑުވުން އެހެން ކުދިންނާ ތަފާތުކަން މައިންބަފައިންނަށް ފާހަގަކުރެވުނެވެ. އޭނާގެ އުމުރުން ހަ މަސް ފުރުނުއިރު، ހަށިގަނޑުގެ ހަރަކާތްތައް އާދަޔާ ހިލާފަށް މަދުވުމުން ޑޮކްޓަރަށް ދެއްކުމުން އެނގުނީ އޭނާއަކީ ސެރެބްރަލް ޕަލްސީ ހުންނަ ކުއްޖެއް ކަމެވެ.

މި ހިތްދަތި ޚަބަރާއެކުވެސް ފައިޒާނުﷲ ގެ މައިންބަފައިން އުންމީދު ކަނޑައެއް ނުލައެވެ. އެމީހުން ނިންމީ އޭނާއަށް ވެދެވުނު އެންމެ ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށެވެ. އެގޮތުން، ފައިޒާނުﷲ ގެ ފުރަތަމަ ތަޢުލީމީ މަރުހަލާ ފެށުނީ ގޭގައެވެ. ބައްޕަގެ ބެލުމުގެ ދަށުން އޭނާ ވަނީ އުރުދޫ، ހިންދީ، އިނގިރޭސި، ޢަރަބި އަދި ހިސާބު މާއްދާގެ އަސާސީ ތަޢުލީމު ހާސިލުކޮށްފައެވެ. ގޭގައި ކިޔެވުމަށްފަހު ފައިޒާނުﷲ ފަހުން ވަނީ ސްކޫލަކަށް ވަދެ، އާންމު ކުދިންނާއެކު ތަޢުލީމު ހާސިލުކުރަން ފަށާފައެވެ.

އިންޑިއާގެ މީޑިއާން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަތް ބޭނުންކޮށްގެން ލިޔަން ނުކުޅެދޭ ފައިޒާނުﷲ ބޯޑު އިމްތިޙާނުގައި ލިޔެފައިވަނީ އަނގައިން ގަލަން ހިފަހައްޓައިގެންނެވެ. އޭނާގެ މި ބުރަ މަސައްކަތާއި، ދައްކުވައިދިން ސާބިތުކަމުގެ ސަބަބުން މިއަދު އޭނާ ވަނީ މުޅި ދުނިޔެ ހައިރާންކޮށްލި ފަދަ ނަމޫނާ ދަރިވަރަކަށް ވެފައެވެ. ފައިޒާނުﷲ ގެ މި ކާމިޔާބީއަކީ ނުކުޅެދުންތެރިކަމަކީ ކާމިޔާބީއަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދިން އަލިގަދަ މިސާލެކެވެ.

ހިއްސާ ކުރައްވާ!