ޕާކިސްތާނުގައި އުފެއްދި ފިތުނަވެރި އޭއައި ވީޑިއޯތަކަކުން އިނގިރޭސިވިލާތުގައި ބޮޑު އާމްދަނީއެއް ހޯދިކަން ހާމަވެއްޖެ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ޕާކިސްތާނުގައި އުފެއްދި، ނަފްރަތާއި ފިތުނަ އުފައްދާ ވީޑިއޯތަކެއް އިނގިރޭސިވިލާތުގައި ފަތުރައިގެން، މެޓާގެ އިޝްތިހާރު މޮޑެލް މެދުވެރިކޮށް ބޮޑު އާމްދަނީއެއް ހޯދަމުން ދިޔަކަން 'ދަ ބިއުރޯ އޮފް އިންވެސްޓިގޭޓިވް ޖާނަލިޒަމް' އިން ނެރުނު ތަހުގީގީ ރިޕޯޓަކުން ވަނީ ހާމަވެއެވެ.

މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މި ފިތުނަވެރި ވީޑިއޯތަކުގައި މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އިނގިރޭސި ބޮޑުވަޒީރު ސަރ ކިއަރ ސްޓާމަރު އަދި ލަންޑަންގެ މޭޔަރު ސާދިގު ޚާނަށެވެ. މީގެ ތެރެއިން އެއް ފޭކު ވީޑިއޯ އެތައް މިލިއަން ބަޔަކު ބަލާފައިވާކަން ފާހަގަކުރެވެއެވެ.

މި މައްސަލައިގައި ޕާކިސްތާނުގައި ހުރި މީހަކު މި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުކުރުމުގައި ބައިވެރިވެފައިވާކަން ވަނީ ހާމަވެފައެވެ. އޭނާ އިއުތިރާފުވެފައިވާ ގޮތުގައި، ސޯޝަލް މީޑިއާގެ އިޝްތިހާރުތައް މެދުވެރިކޮށް އޭނާ ދިޔައީ މަހުން މަހަށް ބޮޑު އާމްދަނީއެއް ހޯދަމުންނެވެ. ނަމަވެސް، އޭނާގެ އިނގިރޭސި ބަހުގެ ފެންވަރު ދަށްވުމުގެ ސަބަބުން ވީޑިއޯތަކުގައި ހުރި ނަފްރަތު އުފައްދާ މައުލޫމާތުތައް ފުރިހަމައަށް ފަހުމްނުވާ ކަމަށާއި، މައްސަލަ ފާހަގަވުމުން ބައެއް ޕޯސްޓްތައް ފޮހެލާފައިވާނެ ކަމަށް އޭނާ ބުނެފައިވެއެވެ. މިކަން ބޭޒާރުވުމާއެކު، އޭނާ ބޭނުންކުރަމުންދިޔަ ސޯޝަލް މީޑިއާ އެކައުންޓްތައް މިހާރު ވަނީ ބަންދުކޮށްފައެވެ.

ލަންޑަންގެ މޭޔަރުގެ ތަރުޖަމާނު ވަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ނަފްރަތު އުފައްދާ އަދި ހަގީގަތާ ޚިލާފު އޮޅުވާލުންތައް ހިމެނޭ މައުލޫމާތު ފެތުރުން ހުއްޓުވުމަށް ސޯޝަލް މީޑިއާ ކުންފުނިތަކުން މިއަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް އޭނާ ވަނީ ގޮވާލާފައެވެ.

ހިއްސާ ކުރައްވާ!