ރަޝިޔާ ހަނގުރާމައަށް ޕާކިސްތާން ޒުވާނުން ރިކްރޫޓްކުރާ ކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެ

ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ބައިވެރިކުރުވުމަށްޓަކައި، އިންސާނީ ވަގުފާރިކުރާ ނެޓްވޯކެއް މެދުވެރިކޮށް ޕާކިސްތާނުގެ ޒުވާނުން ރަޝިޔާއަށް ގެންގޮސް، މަޖުބޫރުން ހަނގުރާމައަށް ފޮނުވާކަމުގެ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ.

މި މައްސަލައާ ގުޅިގެން ޕާކިސްތާނުގެ ފެޑަރަލް އިންވެސްޓިގޭޝަން އެޖެންސީ (އެފް.އައި.އޭ) ގެ އެންޓި ހިއުމަން ޓްރެފިކިން ރާވަލްޕިންޑީ ސާކަލްއަށް މިހާރު ވަނީ ރަސްމީކޮށް ޝަކުވާ ހުށަހަޅާފައެވެ. އަދި މި މައްސަލައިގެ ތަހުގީގު އެ އިދާރާއިން މިހާރު ވަނީ ފަށާފައެވެ.

މި މައްސަލަ އެފް.އައި.އޭ އަށް ހުށަހެޅި މަންސޫރު އަޚްތަރު ޖަމާލް ބުނި ގޮތުގައި، އޭނާއަށް ރަޝިޔާއިން ގާނޫނީ މަސައްކަތުގެ ހުއްދައާއި، ރައްކާތެރި ވަޒީފާއެއްގެ އިތުރުން މަހަކު 5 އާއި 6 ލައްކަ ރުޕީސްގެ މުސާރައެއް ލިބޭނެ ކަމަށް ބުނެ އޮޅުވާލާފައިވެއެވެ. އޭނާ ރަޝިޔާއަށް ފޮނުވާފައިވަނީ ކައްކާ މީހެއްގެ ވިސާގައެވެ.

މި މުއާމަލާތަށްޓަކައި މަންސޫރުގެ ބޭބެ މަހްމޫދު އަޚްތަރު ޖަމާލްގެ އެކައުންޓުން ގާތްގަނޑަކަށް 47.5 ލައްކަ ރުޕީސް އެޖެންޓް ހިޝާމް ބިން ތާރިގަށް ދައްކާފައިވާ ކަމަށް ޝަކުވާގައިވެއެވެ. ތުހުމަތު ކުރެވޭ ގޮތުގައި ހިޝާމް ބިން ތާރިގާއި އޭނާގެ ބައިވެރިން ޒުވާނުންނަށް އުޖާލާ މުސްތަގުބަލެއްގެ ހުވަފެން ދައްކައިގެން ރަޝިޔާއަށް ފޮނުވަނީއެވެ. ނަމަވެސް އެ ގައުމަށް ދިއުމުން ކަންތައްތައް މުޅިން ބަދަލުވެގެންދާ ކަމަށް މަންސޫރު ބުންޏެވެ.

މަންސޫރު އިތުރަށް ކިޔައިދިން ގޮތުގައި، އޭނާ ރަޝިޔާއަށް ދިއުމާއެކު ރަޝިޔާގެ ސިފައިންގެ ތެރެއަށް ވަދެ ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވުމަށް އޭނާއަށް ވަނީ ވަރަށް ބޮޑަށް މަޖުބޫރުކޮށް، ފިއްތުންތައް ކުރިމަތިކުރުވާފައެވެ.

މި ހާދިސާ ބޭޒާރުވެފައި މިވަނީ، ރަޝިޔާ ޔޫކްރެއިން ހަނގުރާމަ ނިމުމަކާ ގާތްވަމުންދާ ކަމަށް ރަޝިޔާގެ ރައީސް ލަފާކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ދެ ގައުމުގެ ދެމެދުގައި ތިން ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އިއުލާން ކުރައްވާފައިވާ ވަގުތެއްގައެވެ.

ހިއްސާ ކުރައްވާ!