އިސްކޮޅުގައި އެންމެ ދޮޅު ފޫޓު ހުރި ނަމަވެސް، ހިތްވަރާއެކު މަސައްކަތް ކޮށްގެން އިމްތިހާނުން ފާސްވެއްޖެ

އިސްކޮޅުގައި އެންމެ ދޮޅު ފޫޓު ހުރި ނަމަވެސް، ހިތްވަރާއެކު އިންޑިއާގެ އަންހެން ކުއްޖަކު މެޓްރިކް އިމްތިހާނުން ފާސްވެއްޖެ އެވެ. އިންސާނެއްގެ ކިބައިގައި ވަރުގަދަ އަޒުމަކާއި ނުގުޑާފަދަ ހިތްވަރެއް ހުރެއްޖެނަމަ، ކޮންމެފަދަ ކުޅެދުންތެރިކަމަކަށް ވެސް ގޮންޖަހައި ކާމިޔާބީ ހޯދިދާނެކަން އިންޑިއާގެ އަންހެން ކުއްޖަކު ސާބިތުކޮށްދީފިއެވެ. އިސްކޮޅުގައި އެންމެ ދޮޅު ފޫޓު ހުންނަ ސުނީތާ ނައިކް ނަމަކަށް ކިޔާ މި ކުއްޖާ ވަނީ ގިނަ ގޮންޖެހުންތަކަކާއެކު ވެސް ދިހަވަނަ ކުލާސް ނިންމާ މެޓްރިކް އިމްތިހާނުން ފާސްވެ ދުނިޔެ ހައިރާންކޮށްލާފައެވެ.

އިންޑިއާގެ އޮޑީޝާ ސްޓޭޓްގެ ސަރުލީ އަވަށަށް ނިސްބަތްވާ ސުނީތާގެ އިސްކޮޅު އާދަޔާ ހިލާފަށް ކުރުވުމުގެ ސަބަބުން އޭނާއަށް އަމިއްލައަށް ލިޔެ ހެދުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން، އިމްތިހާނުގައި އޭނާއަށް އެހީތެރިވެދިނީ އޭނާގެ ކަޒިންއެއް ކަމަށްވާ ޕްރަތާޕް ނައިކް އެވެ. ސުނީތާ ބުނި ގޮތުގައި އިމްތިހާނުގެ ސުވާލުތަކަށް އޭނާ ދޭން ބޭނުންވާ ޖަވާބުތައް ބުނެދެނީއެވެ. އަދި ޕްރަތާޕް އެ ޖަވާބުތައް ކަރުދާހުގައި ލިޔެދެނީއެވެ.

ސުނީތާގެ މި ކާމިޔާބީގެ ފަހަތުގައިވާ އެންމެ ބޮޑު ބާރަކީ އޭނާގެ މަންމަ ސަންޖޫ އެވެ. މީގެ ދިހަ އަހަރު ކުރިން ސުނީތާގެ ބައްޕަ ބިޝްނޫ ނައިކް ނިޔާވުމާ ގުޅިގެން، ގޭގެ ހުރިހާ ޒިންމާއެއް އުފުލަމުން ދަނީ އޭނާގެ މަންމައެވެ. ސުނީތާ ކުޑައިރުއްސުރެ ސްކޫލަށް ގެންގޮސް ގެނެސް ހަދަނީ އޭނާގެ މަންމަ ބައިސްކަލުގައެވެ. ކޮންމެފަދަ ދަތި ހާލަތެއްގައި ވެސް ސަންޖޫ ހުރީ އޭނާގެ ދަރިފުޅަށް ތައުލީމު އުނގަންނައިދިނުމުގައި ސާބިތުކަމާއެކުގައެވެ.

ދަރިފުޅުގެ މި ކާމިޔާބީއާ ގުޅިގެން ސަންޖޫ ބުނީ، މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފިނަމަ، ސުނީތާ އިތުރަށް ކިޔަވައިގެން ގައުމަށް ރީތި ނަން ހޯދައިދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް އޭނާ ބުންޏެވެ. ސުނީތާގެ މި ވާހަކައަކީ ޚާއްސަ ގޮތަކަށް ކުޅެދިފައިވާ ފަރާތްތަކަށާއި، ދިރިއުޅުމުގައި އެކި ކަހަލަ ހުރަސްތަކާ ކުރިމަތިލާންޖެހިފައިވާ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެކެވެ.

ހިއްސާ ކުރައްވާ!