Unsplash by Chris Karidis
Unsplash by Chris Karidis

ފަރަންސޭސިވިލާތުގެ އިސްތިޢުމާރީ ކަޅު ތާރީޚާއި އޭގެ އަސަރުތައް

ފަރަންސޭސިވިލާތުގެ ތަހުޒީބާއި ކުރިއެރުމާ މެދު ބައެއް މީހުން ފަޚުރުވެރިވެ، އެ ގައުމަކީ އިންސާނީ ހައްގުތަކުގެ މަރުކަޒެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، އެ ގައުމުގެ އިސްތިޢުމާރީ ތާރީޚަކީ ލޭއޮހޮރުވުންތަކާއި އަނިޔާވެރިކަމުން ފުރިގެންވާ ކަޅު ސަފުހާތަކެކެވެ. އިސްލާމީ ގައުމުތަކުގައި ފަރަންސޭސީން ހިންގާފައިވާ ބައެއް ގަތުލުއާންމުތަކާއި ހޯދާފައިވާ ނާޖާއިޒު ފައިދާތަކުގެ ޚުލާސާއެއް:

1. އިސްލާމީ ގައުމުތައް އިސްތިޢުމާރުކުރުން

ފަރަންސޭސިވިލާތުން އެތައް އަހަރެއް ވަންދެން އެފްރިކާގެ މުސްލިމް ގައުމުތައް އެމީހުންގެ ދަށުލައިގެން އުޅުނެވެ. އެގޮތުން:

  • އަލްޖީރިއާ: 132 އަހަރު ވަންދެން އިސްތިޢުމާރުކުރިއެވެ.

  • ޓިއުނީޝިއާ: 75 އަހަރު ވަންދެން އިސްތިޢުމާރުކުރިއެވެ.

  • މޮރިޓޭނިއާ: 60 އަހަރު ވަންދެން އިސްތިޢުމާރުކުރިއެވެ.

  • މޮރޮކޯ: 44 އަހަރު ވަންދެން އިސްތިޢުމާރުކުރިއެވެ.

2. އަނިޔާވެރި ގަތުލުއާންމުތަކާއި ހަނގުރާމައިގެ ޖަރީމާތައް

  • ޢިލްމުވެރިންގެ ބޯ ބުރިކުރުން (ޗާޑް – 1917): ފަރަންސޭސީން ޗާޑް ހިފާފައި އޮތް ދުވަސްވަރު، މީލާދީން 1917 ވަނަ އަހަރު އެ ގައުމުގެ 400 މުސްލިމް ޢިލްމުވެރިން އެއް ތަނަކަށް އެއްކޮށް، އެ ބޭފުޅުންގެ ބޯ ބުރިކޮށް ޝަހީދުކޮށްލިއެވެ.

  • ލަގުވާތު ސިޓީ އަންދާލުން (އަލްޖީރިއާ – 1852): 1852 ވަނަ އަހަރު ފަރަންސޭސީން އަލްޖީރިއާގެ އަޣުވާތު (ލަގުވާތު) ސިޓީއަށް ވަދެގަތްއިރު، އެންމެ ރެއެއްގެ ތެރޭގައި އެ ސިޓީގެ އާބާދީގެ ތިންބައިކުޅަ ދެބައި މީހުން ދިރިތިއްބާ އަންދާލައި ޝަހީދުކޮށްލިއެވެ.

  • މިޞްރަށް ވަދެގަތުން: ފަރަންސޭސީންގެ މަޝްހޫރު ލަޝްކަރު މިޞްރަށް ވަދެގަތްއިރު، ސިފައިން އަސްތަކުގައި މިސްކިތްތަކަށް ވަދެ، އެ ތަންތަނުގައި ރާބޮއެ، އަސްތައް ބައިތިއްބާ އަސްތަބަލުތަކަށް މިސްކިތްތައް ހެދިއެވެ. އަދި އާއިލާތަކުގެ ކުރިމަތީގައި މުސްލިމް އަންހެނުންގެ އިއްފަތް ފޭރުނެވެ.

  • އަލްޖީރިއާގެ 10 މިލިއަން މަރު: ފަރަންސޭސި ތާރީޚު ޢިލްމުވެރިއެއް ކަމަށްވާ ޖެކް ގޯކީ އަންދާޒާކުރާ ގޮތުގައި، 1830 އިން 1962 އަށް ފަރަންސޭސީން އަލްޖީރިއާގައި އުޅުނުއިރު ޖުމްލަ 10 މިލިއަން މުސްލިމުން ޝަހީދުކޮށް ފައިވެއެވެ. މީގެ ތެރެއިން 1 މިލިއަން މީހުން ޝަހީދު ކުރީ އިސްތިޢުމާރުގެ ފުރަތަމަ 7 އަހަރުގެ ތެރޭގައެވެ. އަދި މިނިވަންވުމުގެ ކުރިން ހިނގި ފަހު 7 އަހަރުގެ ހަނގުރާމައިގައި 1.5 މިލިއަން މީހުން ޝަހީދުކޮށްލިއެވެ.

3. ނިއުކްލިއާ ޓެސްޓްތަކާއި ބިންގޮއްވާ މައިންތައް

  • ނިއުކްލިއާ ޓެސްޓްތައް: 1960 އާއި 1966 އާ ދެމެދު ފަރަންސޭސިވިލާތުން އިސްރާއީލާ ގުޅިގެން އަލްޖީރިއާގެ ސަހަރާގައި 17 ނިއުކްލިއާ ޓެސްޓް ކުރިއެވެ. މީގެ ސަބަބުން 27,000 އާއި 100,000 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވި ކަމަށް އަންދާޒާކުރެވޭއިރު، އޭގެ ރޭޑިއޭޝަންގެ ނުރައްކާތެރި އަސަރުތައް މިއަދާ ހަމައަށްވެސް އެ ސަރަހައްދުން ފެނެއެވެ.

  • ބިންގޮއްވާ މައިން: 1962 ގައި ފަރަންސޭސީން އަލްޖީރިއާ ދޫކޮށް ދިޔައިރު، ބިމުގެ އަޑީގައި 11 މިލިއަން މައިން ވަޅުލާފައި ދިޔައެވެ. މިއީ އެ ދުވަސްވަރު އަލްޖީރިއާގެ މުޅި އާބާދީއަށްވުރެވެސް ގިނަ އަދަދެކެވެ.

4. އެފްރިކާގެ ރަން ފޭރުން (ރަނުގެ އިޤްތިޞާދު)

ފަރަންސޭސިވިލާތުގެ މުއްސަނދިކަމާއި އެފްރިކާގެ ފަގީރުކަމާ ހުރި ގުޅުން މި މިސާލުން ހާމަވެއެވެ:

  • ފަރަންސޭސިވިލާތް: ދުނިޔޭގައި 4 ވަނައަށް އެންމެ ގިނައިން ރަން ރައްކާކޮށްފައިވާ ގައުމެވެ. އެ ގައުމުގެ އަމިއްލަ ބިމުގައި އެއްވެސް ރަން ވަޅެއް ނެތް ނަމަވެސް، 'ބޭންކް އޮފް ފްރާންސް' ގައި 2,436 ޓަނުގެ ރަން ރައްކާކޮށްފައިވެއެވެ.

  • މާލީ: އެފްރިކާގެ މާލީއަކީ ދުނިޔޭގައި އެންމެ ގިނައިން ރަން އުފައްދާ ގައުމުތަކުގެ ތެރޭގައި ހިމެނޭ، އަދި ރަސްމީ 14 ރަން މައިން އޮންނަ ގައުމެކެވެ. ނަމަވެސް ފަރަންސޭސިން އިސްތިއުމާރު ކުރި އެ ގައުމުގެ އަމިއްލަ މަރުކަޒީ ބޭންކުގައި އެއްވެސް ރަން ރިޒާވެއް ނެތެވެ.

  • ރިޕަބްލިކް އޮފް ކޮންގޯ: ރަން އުފެއްދުމުގައި ދުނިޔޭގެ 7 ވަނައިގައި އޮތް ގައުމަށް ވީނަމަވެސް، މަރުކަޒީ ބޭންކުގައި އެއްވެސް ރަން ރިޒާވެއް ނެތެވެ.

މިއީ ފަރަންސޭސިވިލާތެވެ! މިއަދުގެ ތަހުޒީބީ ފަރުދާގެ އަޑީގައިވަނީ އެތައް މިލިއަން މުސްލިމުންނެއްގެ ލެޔާއި، އެފްރިކާގެ ގައުމުތަކުން ފޭރިގަނެފައިވާ މުއްސަނދިކަމެވެ.

ހިއްސާ ކުރައްވާ!