ސައޫދީ އާއި ޔޫއޭއީން އީރާނަށް ސިއްރު އަސްކަރީ ހަމަލާތަކެއް ދިން

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ސައުދީ އަރަބިއްޔާއިން އީރާނަށް ސިއްރު އަސްކަރީ ހަމަލާތަކެއް ދިން ކަމަށް ހުޅަނގު މީޑިއާއިން ރިޕޯޓު ކުރަން ފަށައިފިއެވެ. އެމެރިކާގެ އެކުވެރި މި ދެ ގައުމަކީ އެމެރިކާގެ ސިފައިންނަށް އަސްކަރީ މަރުކަޒުތަކެއް ގާއިމް ކޮށްދީ އީރާނަށް ހަމަލަ ދިނުމަށް ފުރުސަތު ދިން ފާރިސީ ކަނޑު އޮޅީގެ ގައުމުތަކުގެ ތެރޭގައި ހިމެނޭ ބައެކެވެ.

މި ދެ ގައުމުން މާޗް އަދި އޭޕްރީލް މަހު ވަކިވަކިން ހަމަލާތަކެއް ދީފައިވާ ކަމަށް މިހާރު ރިޕޯތްތައް ބުނެއެވެ. އަބޫދާބީން ބުނަނީ އީރާނުން ދޭ ޢަދާވާތްތެރި ހަމަލާތަކަށް ދިފާޢީ ގޮތެއްގައި ރައްދު ދިނުމުގެ ހައްގު ދަމަހައްޓާ ކަމަށާއި ނަމަވެސް މުޅި ހަނގުރާމައިގެ ތެރޭގައި ތެހެރާނާ ދެކޮޅަށް އެއްވެސް ހަމަލައެއް ދީފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ކޮށްފައިވާ ކަމަށް ބުނާ ވާހަކަތައް ދޮގު ކުރެއެވެ. ނަމަވެސް އެމެރިކާގެ ހެލިކޮޕްޓަރުތަކާއި ފައިޓާ ޖެޓްތަކުގައި ޔޫއޭއީގެ ސިފައިން އޭޕްރީލް މަހުގެ ކުރީކޮޅު އީރާނުގެ ލަވާން ޖަޒީރާގައި ހުންނަ ތެޔޮ ސާފުކުރާ ރިފައިނަރީއަކަށް ހަމަލާދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސައުދީ އަރަބިއްޔާގެ ވައިގެ ސިފައިން ހަމަލާތައް ދީފައިވަނީ މާޗް މަހުގެ ފަހުކޮޅު ކަމަށް ހުޅަނގުގެ ދެ އޮފިޝަލަކު ވިދާޅުވެއެވެ. އެއް މަސްދަރަކުން ބުނި ގޮތުގައި އެއީ ސައޫދީއާ ދެކޮޅަށް ދިން ހަމަލައަށް ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލައެއް ކަމަށެވެ. ނަމަވެސް ސައުދީ އަރަބިއްޔާގެ ހަމަލާތަކުގެ އަމާޒަކީ ކޮބައިކަން ސާފެއް ނުވެއެވެ.

ސައޫދީ އަރަބިއްޔާއިން އީރާނަށް ހަމަލަ ދިން ކަމަށް ރޮއިޓާސް އިން ޔަގީންކޮށްދެއެވެ. ހުޅަނގުގެ އޮފިޝަލުންނާއި އީރާނުގެ މަސްދަރުތަކާ ހަވާލާދީ މި ޚަބަރު ފެތުރި ނަމަވެސް، މިއީ މިހާތަނަށް މި ވާހަކަތައް އޮތީ ސިއްރު ކުރެވިފައެވެ.

ރިޕޯޓްތައް ބުނާގޮތުން، ސައޫދީ އެއާފޯސް އިން އީރާނަށް ހަމަލާތައް ދީފައިވަނީ މާރިޗު މަހުގެ ފަހުކޮޅުގައެވެ. މިއީ ސައޫދީ އަރަބިއްޔާގެ ސިފައިން އީރާނުގެ ސިޔާދަތީ ސަރަހައްދަށް ސީދާ ހަމަލާއެއް ދިން ކަމަށް ރިޕޯޓްކުރި ފުރަތަމަ ފަހަރެވެ. މި ހަމަލާތަކުގައި އަމާޒުކުރި ވަކި ތަންތަނެއް ކަށަވަރު ކުރެވިފައި ނުވި ނަމަވެސް، މިއީ ސައޫދީގެ ސަރަހައްދަށް ދެމުންދިޔަ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދީފައިވާ "ބަދަލު  ހިފުމުގެ ހަމަލާއެއް" ގެ އުސޫލުން ހިންގި އޮޕަރޭޝަނެއް ކަމަށް ރޮއިޓާސް އިން ބުނެއެވެ.

މި ހަމަލާތަކާ ގުޅޭގޮތުން ސައޫދީ އޮފިޝަލުން ސީދާ ރަސްމީ ބަޔާނެއް ނުރެފައެއް ނުވެއެވެ. ނަމަވެސް، ސަރަހައްދީ ހަމަޖެހުމާއި ސަލާމަތްތެރިކަން ގާއިމުކުރުމަށާއި މަސްލަހަތު ހިފެހެއްޓުމަށް ސައުދީން އަބަދުވެސް ބާރުއަޅާކަން ވަނީ ހާމަކޮށްފައެވެ.

އަސްކަރީ ގޮތުން ބަދަލުހިފުމުގެ ހަމަލާތަކެއް ދިން ކަމަށް ވާހަކަ ދެކެވުނު ނަމަވެސް، ސައޫދީ އަރަބިއްޔާއިން ވަނީ އީރާނާއެކު އޮންނަ ސިޔާސީ މުއާމަލާތްތައް މެދުކަނޑާނުލައި ކުރިއަށް ގެންގޮސްފައެވެ. ސައޫދީން ބޭނުންވަނީ ހަމަނުޖެހުންތައް އިތުރަށް ފުޅާވިޔަނުދީ، މަޝްވަރާގެ މަގުން ކަންކަން ހައްލުކުރުމަށް ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!