ޕާކިސްތާނުގެ ހައްދުފަަހނައަޅާފައިވާ އިސްލާމީ ސިޔާސީ ޖަމާއަތެއް ކަމަށްވާ ތަހުރީކޭ ލައްބައިކަ ޖަމާއަތުގެ ލީޑަރު ސައުދު ރިޒްވީ އާއި އިތުރު 23 މީހަކަކީ "ފިލައިގެން އުޅޭ ކުށްވެރިން" ކަމަށް ކޯޓުން ކަނޑައަޅައިފިއެވެ.
ޕާކިސްތާނުގައި މަނާކޮށްފައިވާ ތަހްރީކޭ ލައްބައިކް ޕާކިސްތާން ގެ އިސްވެރިން ހައްޔަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ވަރުގަދަ ކޮށްފައެވެ. މިގޮތުން، އެ ޕާޓީގެ ވެރިޔާ ސައުދު ރިޒްވީ އާއި އިތުރު 23 އިސް މެންބަރުން ހޯދުމަށް ކޯޓުން ވަނީ އިއުލާން ކޮށްފައެވެ.
މި މަހުގެ ކުރީކޮޅު ތަހުރީކޭ ލައްބައިކަ ޖަމާއަތުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، ޕާކިސްތާނުގެ ކެބިނެޓުން ވަނީ އެންޓި ޓެރަރިޒަމް ގާނޫނުގެ ދަށުން ޓީ.އެލް.ޕީ އަކީ މަނާ ޖަމާއަތެއް ކަމަށް އިއްތިފާގުން ނިންމާފައެވެ. ސަރުކާރުން މިހާރު ދަނީ އެ ޖަމާއަތުގެ ހަރުކަށި ފިކުރުތައް ނައްތާލުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ސަރުކާރުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މާލީގޮތުން ދަތިކުރުމާއި މުދާ ހިފެހެއްޓުމާއި މުއައްސަސާތައް ކޮންޓްރޯލު ކުރުން ހިމެނެއެވެ.

މާލީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ޓީ.އެލް.ޕީ އަށް ފަންޑުކުރާ 3,800 އަށްވުރެ ގިނަ މީހުން ދެނެގަނެ، އެމީހުން ފައިސާ ފޮނުވާ މަގުތައް ވަނީ ބަންދުކޮށްފައެވެ. އަދި ސައުދު ރިޒްވީއާ ގުޅުންހުރި 95 ބޭންކް އެކައުންޓެއް ވަނީ ފްރީޒްކޮށްފައެވެ.
މުދާ ހިފެހެއްޓުމުގެ މަސައްކަތުގެ ތެރޭން ރިޒްވީގެ ގެއަށް ފުލުހުން ވަދެ ހިންގި ރޭޑްތަކުގައި 1.92 ކިލޯގެ ރަނައި ގާތްގަނޑަކަށް ކިލޯއެއްގެ ރިހި އަދި ގިނަ އަދަދެއްގެ އަގުބޮޑު އަތުކުރީ ގަޑިތައް ވަނީ އަތުލައިގެންފައެވެ.
މުއައްސަސާތައް ކޮންޓްރޯލްކުރުމުގެ މަސައްކަތުގެ ތެރޭން، އެ ޖަމާއަތާ ގުޅުންހުރި 130 މިސްކިތެއްގެ ބެލެނިވެރިކަން ޕާކިސްތާންގެ އައުގާފް ޑިޕާޓްމަންޓާ ހަވާލުކޮށްފައިވެއެވެ. އަދި 223 މަދަރުސާއެއް ވަނީ ސަރުކާރުގެ ފާރަވެރިކަމުގެ ދަށަށް ގެނެސްފައެވެ.
މީގެ އިތުރުން، އެ ޖަމާއަތުގެ އިސް ލީޑަރުން ވަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަތުރާ މީހުން މޮނިޓަރުކުރުމަށް އެކުލަވާލާފައިވާ ލިސްޓްގައި ހިމަނާފައެވެ. ޕާކިސްތާނު ސަރުކާރުގެ އަމާޒަކީ މި ފިޔަވަޅުތަކާއެކު ގައުމުގެ އަމަންއަމާންކަން ގާއިމުކޮށް، ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމެވެ.


