އެމެރިކާގެ ނިއުޔޯކުގައި ތްރާންސްޕޭރެންސީއަށް މަސައްކަތްކުރާ ޖަމިއްޔާއަކުން، ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގުޅޭ 3.5 މިލިއަން ސަފުހާގެ ލިޔެކިޔުންތައް ހިމެނޭ މައުރަޒެއް ހުޅުވައިފިއެވެ. މި މައުރަޒުގައި ދައްކާލަނީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކޮށްފައިވާ ހުރިހާ ފައިލްތަކެއްގެ ޕްރިންޓްތަކާ އެކުގައެވެ.
ޑޮނަލްޑް ޖޭ ޓްރަމްޕް އެންޑް ޖެފްރީ އެޕްސްޓީން މެމޯރިއަލް ރީޑިންގ ރޫމް "The Donald J. Trump and Jeffrey Epstein Memorial Reading Room" ގެ ނަމުން ނަންދެވިފައިވާ މި ލައިބްރަރީގައި، އެޕްސްޓީން ފައިލްސް ޓްރާންސްޕޭރެންސީ އެކްޓްގެ ދަށުން ދޫކޮށްފައިވާ ހުރިހާ ލިޔެކިޔުންތަކެއް ވަނީ 3,437 ފޮތަކަށް ބަދަލުކޮށް، ތަރުތީބުން ހަރުތަކުގައި އަތުރާފައެވެ. މި މަޝްރޫއުގެ ފަހަތުގައިވަނީ ވޮޝިންގޓަންގެ ނޮން-ޕްރޮފިޓް ޖަމިއްޔާއެއް ކަމަށްވާ އިންސްޓިޓިއުޓް އޮފް ޕްރައިމަރީ ފެކްޓްސް އެވެ.
މި ޖަމިއްޔާގެ ވެބްސައިޓުގައި ބުނެފައިވަނީ، "ހަގީގަތް ޕްރިންޓްކޮށް ފޮތްތަކެއްގެ ސިފައިގައި ފެންނަން ހުރުމުން، އެއަށް އިންކާރު ކުރުމަކީ އުނދަގޫ ކަމެއް ކަމުގައިވާނެ" ކަމަށެވެ. ނިއުޔޯކުގެ ޓްރައިބެކާގައި ހުންނަ މި މައުރަޒު ބަލާލަން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ޖަސްޓިސް ޑިޕާޓްމަންޓުން ލިޔެކިޔުންތައް އާންމުކުރިއިރު ހެދިފައިވާ ގޯސްތަކެއްގެ ސަބަބުން، ބައެއް އަނިޔާލިބުނު ފަރާތްތަކުގެ ނަންތައް އުނިކޮށްފައެއް ނުވެއެވެ. އެހެންކަމުން، އާންމު ރައްޔިތުންނަށް މި ފައިލްތައް ކިޔުމުގެ ހުއްދައެއް ނެތެވެ. ނަމަވެސް، ނޫސްވެރިންނާއި ގާނޫނީ ވަކީލުން ފަދަ ފަންނީ ބޭފުޅުންނަށް މި ލިޔެކިޔުންތައް ބެލުމުގެ އިސްތިސްނާ ހުއްދައެއް ދެވޭނެއެވެ.
މި މައުރަޒުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ކުޑަ އަންހެން ކުދިން ހޯދިކަމަށް ތުހުމަތުކޮށްފައިވާ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެޕްސްޓީންއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށެވެ. ކުޑަކުދިންގެ ވަގުފާރި ކުރުމުގެ ތުހުމަތުގައި ޝަރީއަތަށް އިންތިޒާރު ކުރަމުންދަނިކޮށް، 2019 ވަނަ އަހަރު އެޕްސްޓީން ވަނީ ޖަލުގައި މަރުވެފައެވެ. ނުވަތަ މަރާލާފައެވެ.
މި މަޝްރޫއު ހިންގުމުގައި އިސްކޮށް އުޅޭ ޑޭވިޑް ގަރެޓް ގަބޫލުކުރާ ގޮތުގައި، ޓްރަމްޕްގެ ސަރުކާރުން މި ލިޔެކިޔުންތައް އާންމުކުރުމުގައި އަމަލުކުރި ގޮތާމެދު އާންމުން އަޑުއުފުލަން ޖެހެއެވެ. ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި، ސަރުކާރުގެ އޮފިޝަލުން ވަނީ ޓްރަމްޕާއި އެޕްސްޓީންއާ އޮތް ގުޅުންތައް ފޮރުވުމަށް މަސައްކަތް ކޮށްފައެވެ.
މި ފައިލްތައް މި ރީލްއިން ފެންނާނެ އެވެ.







