އިސްރާއީލުގެ ޖާސޫސީ އިދާރާއަށް މަޢުލޫމާތު ފޯރުކޮށްދީ، ޖާސޫސްކުރި ކަމުގެ ކުށް ސާބިތުވި މީހަކަށް އީރާނުން މިއަދު މަރުގެ އަދަބު ދީފިއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދަންޖައްސައިގެން މަރުގެ އަދަބު ދީފައިވަނީ އިޙްސާން އަފްރެޝްތާ ނަމަކަށް ކިޔާ މީހަކަށެވެ. އޭނާގެ މައްޗަށް މަރުގެ ހުކުމް ތަންފީޛުކޮށްފައިވަނީ އިސްރާއީލަށް ޖާސޫސްކުރުމާއި، އެ ޤައުމުގެ ޖާސޫސީ އިދާރާތަކާ ގުޅިގެން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރީޢަތް ހިންގުމަށްފަހުގައެވެ.
މި މައްސަލައާ ގުޅޭގޮތުން ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އިޙްސާން އަފްރެޝްތާ ވަނީ ނޭޕާލުގައި ހުރެ އިސްރާއީލުގެ މޮސާޑް ޖާސޫސީ އިދާރާގެ ފަރާތުން ޚާއްޞަ ތަމްރީނުތަކެއް ހޯދާފައެވެ. އަދި އޭނާ ވަނީ އީރާނުގެ ޤައުމީ ސަލާމަތާ ގުޅުންހުރި ނާޒުކު އަދި މުހިންމު މަޢުލޫމާތުތަކެއް އިސްރާއީލުގެ އިދާރާތަކަށް ފޯރުކޮށްދީފައިވާކަން ޝަރީޢަތަށް ސާބިތުވެފައެވެ.
އީރާނުން މިއަދު މި ހުކުމް ތަންފީޛުކޮށްފައިވާއިރު، އެ ޤައުމުގެ ސަލާމަތީ ބާރުތަކުން ދަނީ އިސްރާއީލުގެ ޖާސޫސީ ހަރަކާތްތަކަށް ހުރަސް އެޅުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ. އިސްރާއީލަކީ މުޅި ސަރަޙައްދުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތްކުރާ ފަރާތެއްގެ ގޮތުގައި އީރާނުން އަބަދުވެސް ސިފަކުރެއެވެ.





