ގޫގުލް އިން އައު "ގޫގުލްބުކް" ލެޕްޓޮޕްތައް ތަޢާރަފުކޮށްފި އެވެ. މިއީ އޭއައި އާއި އެންޑްރޮއިޑްގެ ފުރިހަމަ ގުޅުމެއް ކަމަށް އްކުންފުނިން ބުނެއެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ކުންފުނި ކަމަށްވާ ގޫގުލް އިން، އެ ކުންފުނީގެ ހާޑްވެއާ ސިޔާސަތަށް ބޮޑު ބަދަލެއް ގެނައުމުގެ ގޮތުން "ގޫގުލްބުކް" ސީރީޒްގެ އައު ލެޕްޓޮޕްތައް މި ވަނީ އިއުލާނުކޮށްފައެވެ. މި އައު އުފެއްދުންތަކަކީ ގޫގުލްގެ އާޓިފިޝަލް އިންޓެލިޖެންސް "ޖެމިނައި" ހިމަނައިގެން އެންޑްރޮއިޑް އަދި ކްރޯމްއޯއެސް އެއްކޮށްލައިގެން ތައްޔާރުކޮށްފައިވާ ސޮފްޓްވެއާ ނިޒާމެއްގެ މައްޗަށް ބިނާވެފައިވާ އުފެއްދުންތަކެކެވެ.
މި ލެޕްޓޮޕްތަކުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ އާދައިގެ ކާސަރ ގެ ބަދަލުގައި ތަޢާރަފުކޮށްފައިވާ "މެޖިކް ޕޮއިންޓަރ" އެވެ. މިއިން ބޭނުންކުރާ މީހާ މެޖިކް ޕޮއިންޓަރަށް ހަރަކާތެއް ގެނައުމުން ޖެމިނައި އޭއައި އެކްޓިވޭޓްވެގެންދާނެއެވެ. ޖެމިނައި މެދުވެރިކޮށް، ސްކްރީނުން ފެންނަ ކަންކަމަށް ބިނާކޮށް އެކި ކަންކަމުގައި އެހީތެރިކަން ލިބޭނެއެވެ. މިސާލަކަށް، އީމެއިލެއްގައިވާ ތާރީޚަކަށް އިޝާރާތް ކުރުމުން އަމިއްލައަށް މީޓިންއެއް ތާވަލުކޮށްދިނުމާއި، ދެ ފޮޓޯއެއް ސިލެކްޓް ކުރުމުން އެ ފޮޓޯތައް އެކުގައި އަޅާ ކިޔައިދިނުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން މެޖިކް ޕޮއިންޓަރުގައި "އާސްކް، ކޮމްޕެއަރ އެންޑް ކޮމްބައިން" ފަދަ ޚާއްޞަ ޓޫލްތައް ހިމެނެއެވެ.
ގޫގުލްބުކްއާއެކު "ކްރިއޭޓް މައި ވިޖެޓް" ގެ ނަމުގައި އެންޑްރޮއިޑްގެ އައު ފީޗަރެއްވެސް ވަނީ ތަޢާރަފުކޮށްފައެވެ. މިއީ ޖެމިނައިއަށް އަމުރުތައް ދީގެން ބޭނުންވާ ގޮތަށް ވިޖެޓްތައް އުފެއްދޭނެ ވަސީލަތެކެވެ. އިންޓަނެޓުން މަޢުލޫމާތު ހޯދުމާއި، ޖީމެއިލް އަދި ކަލަންޑަރު ފަދަ އެޕްލިކޭޝަންތައް ގުޅުވާލައިގެން، ކޮންމެ މީހަކަށްވެސް އަމިއްލަ ޑޭޝްބޯޑެއް މި ފީޗަރުގެ އެހީގައި ތައްޔާރުކޮށްލެވޭނެއެވެ.
މި ލެޕްޓޮޕްތައް އެންޑްރޮއިޑް ބިންގަލެއްގެ މައްޗަށް ބިނާކޮށްފައިވާތީ، އެންޑްރޮއިޑް ފޯނުތަކާއި ލެޕްޓޮޕާ ދެމެދު ކުރާ މުޢާމަލާތްތައް ވަރަށް ފަސޭހަވެގެންދާނެއެވެ. އެޕަލްގެ އައިފޯން މިރަރިންގް ފަދައިން، ފޯނުގައި ހުންނަ އެޕްލިކޭޝަންތައް ސީދާ ލެޕްޓޮޕުން ބޭނުންކުރެވޭނެއެވެ. އަދި "ކުއިކް އެކްސެސް" ފީޗަރ މެދުވެރިކޮށް ފޯނުގައިވާ ތަކެތި ފަސޭހައިން ބަލައި، ސާޗް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.





