ކެމްބްރިޖް އިންޓަނޭޝަނަލް އެޑިއުކޭޝަން (ސީ.އައި.އީ) އިން ކުރިއަށްގެންދާ އޭ ލެވެލް މެތަމެޓިކްސް އިމްތިހާނުގެ ޕޭޕަރެއް ލީކުވުމާ ގުޅިގެން، ޕާކިސްތާންގައި އެ އިމްތިހާނު ކެންސަލްކޮށްފިކަން އެ އިދާރާއިން އިއުލާނުކޮށްފިއެވެ.
ސީ.އައި.އީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭ ލެވެލް މެތަމެޓިކްސް ޕޭޕަރު 32 (9709) ކެންސަލް ކުރަން ނިންމީ، އޭގެ ކުރިން އޮތް އޭ.އެސް ލެވެލް މެތަމެޓިކްސް ޕޭޕަރު 52 (9709) އިމްތިހާނުގެ ކުރިން އާންމުވެ، ލީކުވުމާ ގުޅިގެންނެވެ. މިއީ އެ އިދާރާގެ ހަރުކަށި ގަވާއިދުތަކާ ޚިލާފަށް ހިނގާފައިވާ ކަމެއްކަން ސީ.އައި.އީ އިން ވަނީ ކަށަވަރުކޮށްދީފައެވެ.
"މިފަދަ ހާދިސާތައް އަޅުގަނޑުމެން ވަރަށް އަވަހަށް އަދި ފުރިހަމައަށް ތަހުގީގު ކުރަމުންދާނަން. މިހާރު މަސައްކަތް ކުރަމުންދަނީ މި ޕޭޕަރު ލީކުވެފައިވަނީ ކިހާ މިންވަރަކަށްތޯ ބަލައި، ދެން އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމަށް،" ސީ.އައި.އީގެ ބަޔާނުގައިވެއެވެ.
މި މައްސަލައާ ގުޅިގެން އަމަލުކުރާނެ ގޮތުގެ ތަފްސީލީ މައުލޫމާތު މެއި މަހުގެ 22 ވަނަ ދުވަހުގެ ކުރިން ސްކޫލްތަކާ ހިއްސާކުރާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މީގެ އިތުރުން، ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މެއި 15 ވަނަ ދުވަހު ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އޭ ލެވެލް މެތަމެޓިކްސް ޕޭޕަރު 32 ވެސް ވަނީ ފަސްކޮށްފައެވެ. ސީ.އައި.އީ އިން ބުނި ގޮތުގައި މި އިމްތިހާނު ދެން ބާއްވާނީ އައު ޕޭޕަރަކާއެކުގައެވެ. އަދި އިމްތިހާނު ބާއްވާނެ އައު ތާރީޚެއް ޖޫން މަހުގެ ސީރީޒްގެ ތެރެއިން ހަމަޖައްސައި، މެއި 22 ގެ ކުރިން އިއުލާނުކުރާނެއެވެ.
ޕޭޕަރު ލީކުވުމުގެ މައްސަލަ ކުރިމަތިވި ނަމަވެސް، އޭ.އެސް އަދި އޭ-ލެވެލް އިމްތިހާނުގެ ނަތީޖާ ފާޅުކުރުމަށް ކުރިންވެސް ހަމަޖެހިފައިވާ ތާރީޚު ކަމަށްވާ އޮގަސްޓް 11 ވަނަ ދުވަހަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.


