އެއަރ އިންޑިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލަނީ

ދުނިޔޭގެ ބާޒާރުގައި މަތިންދާބޯޓަށް އަޅާ ތެލުގެ އަގު އުފުލުމާއި، ހިނގަމުންދާ ހަނގުރާމަތަކާ ގުޅިގެން ވައިގެ ސަރަހައްދުތައް ބޭނުންކުރުމުގައި ކުރިމަތިވެފައިވާ ހުރަސްތަކުގެ ސަބަބުން، އެއަރ އިންޑިއާގެ ބައިނަލްއަގުވާމީ ބައެއް ދަތުރުތައް މަދުކުރުމަށް ނުވަތަ މެދުކަނޑާލުމަށް އެ އެއަރލައިނުން ނިންމައިފިއެވެ.

އޭއެފްޕީ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ބަދަލުތަކުގެ އަސަރު ކުރާނެ ފްލައިޓްތަކުގެ ޖުމްލަ އަދަދެއް އެއަރލައިނުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ކުރިއަށް އޮތް ޖޫން މަހާއި އޮގަސްޓް މަހާ ދެމެދު އިންޑިއާގެ ނިއުދިއްލީ، މުމްބާއީ އަދި ޗެންނާއީ ފަދަ ސިޓީތަކުން މާލެއަށާއި، އެމެރިކާގެ ޝިކާގޯއަށް، ޗައިނާގެ ޝަންހާއީއަށް އަދި ސިންގަޕޫރަށް ކުރާ ދަތުރުތައް ސަސްޕެންޑް ކުރާނެ ކަމަށް އެ އެއަރލައިނުން ބުނެފައިވެއެވެ.

މީގެ އިތުރުން، އެމެރިކާގެ ސެން ފްރެންސިސްކޯ، ފަރަންސޭސިވިލާތުގެ ޕެރިސް، އިޓަލީގެ މިލާން އަދި އޮސްޓްރޭލިއާގެ ސިޑްނީއަށް ކުރާ ދަތުރުތަކުގެ އަދަދުވެސް މަދުކުރުމަށް ވަނީ ނިންމާފައެވެ.

އެއަރ އިންޑިއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބައެއް ދަތުރުތައް ވިޔަފާރީގެ ގޮތުން ކުރިއަށް ގެންދިއުމަށް މިހާރު ހުރި ގޮންޖެހުންތަކުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. "މި ގޮންޖެހުންތަކާ އެކުވެސް، އަދި މި ގެނެވޭ ބަދަލުތަކާ އެކުވެސް، އެއަރ އިންޑިއާއިން ކޮންމެ މަހަކު 1,200 އަށްވުރެ ގިނަ ބައިނަލްއަގުވާމީ ދަތުރުތައް މެދުނުކެނޑި ކުރިއަށް ގެންދާނެ،" އެއަރލައިނުން ބުނެފައިވެއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަކީ އިންޑިއާގެ ގައުމީ އެއަރލައިނަށް ކުރިމަތިވި އެންމެ ފަހުގެ ހުރަހެވެ. މިދިޔަ އޭޕްރީލް މަހު އެ އެއަރލައިންގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މި ނިންމުމާ ގުޅިގެން ރާއްޖެއާއި އިންޑިއާއާ ދެމެދު ދަތުރުކުރާ ފަރާތްތަކަށް، ހާއްސަކޮށް ޗެންނާއީ ފަދަ ސިޓީތަކުން މާލެއަށް ދަތުރުކުރާ ފަރާތްތަކަށް ބައެއް ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބެލެވެއެވެ.

 

ހިއްސާ ކުރައްވާ!