އިސްރާއީލުން ޔޫއޭއީގައި "އަޔަން ޑޯމް" ގާއިމްކޮށް ދިން ކަން އެމެރިކާގެ އޮފިޝަލުން ކަށަވަރުކޮށްދީފި

އިސްރާއީލުގެ މިސައިލް ދިފާއީ ނިޒާމެއް ކަމަށްވާ "ދަނގަޑު ގުއްބު" ޔަހޫދީ ސިފައިން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ގާއިމްކޮށް ދިން ކަމަށާއި އަދި، އީރާނުގެ ހަމަލާތަކުން ދިފާއުވުމަށް އެ ނިޒާމު ބޭނުންކުރަމުންދާކަން އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލުން ފުރަތަމަ ފަހަރަށް ރަސްމީކޮށް ކަށަވަރުކޮށްދެއްވައިފިއެވެ.

މިކަން ހާމަކުރެއްވީ އެމެރިކާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކް ވޯލްޓްޒް އާއި އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ހަކަބީއެވެ. ސަފީރު ވޯލްޓްޒް ހާމަކުރެއްވި ގޮތުގައި، ސޮލީބީ ސަހުޔޫނީ ކުރިމަތިލުންތަކުގައި ޔޫއޭއީއަށް އަމާޒުވި އީރާނުގެ މިސައިލްތައް ވައްޓާލުމަށް އިސްރާއީލުގެ މި ދިފާއީ ނިޒާމާއި ސިފައިން ވަނީ ކާމިޔާބުކަމާއެކު ބޭނުންކޮށްފައެވެ. މިއީ އިސްރާއީލާއި އެމެރިކާ ފިޔަވައި އެހެން ގައުމެއްގައި މި ނިޒާމު ގާއިމްކުރިކަން ރަސްމީ އިދާރާއަކުން ކަށަވަރުކޮށްދިން ފުރަތަމަ ފަހަރެވެ.

މި ހަމަލާތަކުގެ ތަފްސީލަށް ބަލާއިރު، ކުރިމަތިލުންތަކުގެ ތެރޭގައި ޔޫއޭއީއަށް ގާތްގަނޑަކަށް 550 މިސައިލާއި 2,200 ޑްރޯންގެ ހަމަލާ އަމާޒުވެފައިވާކަން އޮފިޝަލުން ފާހަގަކުރެއެވެ. މިއާއެކު، ސަރަހައްދީ ހަމަނުޖެހުންތަކުގައި ޔޫއޭއީއަކީ ހަމަލާތަކުގެ މައިގަނޑު އަމާޒަކަށް ވެފައިވާކަން ވަނީ ހާމަވެފައެވެ.\

އިސްރާއީލާއި ޔޫއޭއީއާ ދެމެދު ގާއިމްކޮށްފައިވާ ޔަހުދީން ބާރުވެރި ކުރާ އިބްރާހީމީ މުއާހަދާގެ ދަށުން ޔޫއޭއިއާއި ޔަހޫދީ ރެޖީމާ ދެމެދު އަޙުވަންތަ ގުޅުމާއި އަސްކަރީ ގުޅުން ބަދަހިވެފައިވާ މިންވަރު މިކަމުން ހާމަ ކޮށްދެއެވެ. މިގޮތުން، އަޔަން ޑޯމްގެ އިތުރުން، ގަލްފުގެ ގައުމުތަކަށް އޮތް ނުރައްކާތައް ނައްތާލުމަށް އިސްރާއީލުގެ ވައިގެ ސިފައިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާތައް ދީފައިވާކަން ވެސް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ އޭޕްރިލް މަހުގެ 8 ވަނަ ދުވަހުން ފެށިގެން ހަމަލާ ބަދަލުކުރުން ހުއްޓާލާފައިވީ ނަމަވެސް، ޔޫއޭއީގައި ގާއިމްކޮށްފައިވާ މިސައިލް ބެޓެރީތައް އޮޕަރޭޓްކުރުމުގައި އެހީތެރިވުމަށް އިސްރާއީލުގެ އެތައް ސަތޭކަ ސްޕެޝަލިސްޓް ސިފައިންނެއް އެ ގައުމުގައި މިހާރުވެސް ހަރަކާތްތެރިވަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.

ހިއްސާ ކުރައްވާ!