އިޒްރޭލުގެ ޖާސޫސީ އިދާރާތަކުގެ ވެރިން ސިއްރު ދަތުރުތަކެއްގައި ޔޫއޭއީއަށް ގޮސްހެދިކަން ޔަގީން

އިޒްރޭލުގެ މައި ދެ ޖާސޫސީ އިދާރާ ކަމަށްވާ މޮސާޑް އަދި ޝިން ބެޓްގެ ވެރިން، މިދިޔަ މާރިޗު އަދި އޭޕްރީލް މަހުގެ ތެރޭގައި ސިއްރު ދަތުރުތަކެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ގޮސްހެދިކަމަށް ބައިނަލްއަގުވާމީ މީޑިއާން ރިޕޯޓުކޮށްފިއެވެ.

ވޯލް ސްޓްރީޓް ޖާނަލް އާއި ޔަހޫދީ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މޮސާޑްގެ ވެރިޔާ ޑޭވިޑް ބާރްނެއާ އަދި ޝިން ބެޓްގެ ވެރިޔާ ޑޭވިޑް ޒިނީ ޔޫއޭއީއަށް ކުރި މި ދަތުރުތަކަކީ އިރާނާއެކު ހިނގަމުންދާ ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ތެރެއިން ދެ ގައުމުގެ މެދުގައި އޮތް އަސްކަރީ އަދި ޖާސޫސީ ގުޅުން ބަދަހިކުރުމަށް ކުރި ދަތުރުތަކެކެވެ.

މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަޚުވަންތަ ދެ ގައުމުގެ ވެރިން ސައްލާކޮށްފައި ވަނީ އިރާނާ ދެކޮޅަށް ދޭ ހަމަލާތައް ވިލަރެސްކުރުމަށާއި، ޖާސޫސީ މައުލޫމާތު ހިއްސާކުރުމާ ގުޅޭގޮތުންނެވެ. މީގެ ތެރޭގައި އިރާނުން ފޮނުވާލާ މިސައިލާއި ޑްރޯންތައް ދެނެގަނެ، އެތަކެތި ވައްޓާލުމަށް ގުޅިގެން މަސައްކަތް ކުރުމާއި، އިރާނުގެ ތެރޭގައި ހަމަލާދޭނެ އަމާޒުތައް ކަނޑައެޅުން ހިމެނެއެވެ.

ރިޕޯޓުތައް ބުނާގޮތުން، މި ސައްލާތަކުގައި ޔޫއޭއީން ވަނީ އަމިއްލައަށް އިރާނުގެ ސަރަހައްދަށް ވަދެ ހަމަލާތަކެއް ދީފައެވެ. އެގޮތުން އޭޕްރީލް މަހުގެ ކުރީކޮޅު އިރާނުގެ ލަވަން ޖަޒީރާގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާއަކަށް ޔޫއޭއީން ހަމަލާދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން، ޔޫއޭއީގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް އެހީތެރިވުމުގެ ގޮތުން އިޒްރޭލުން ވަނީ އެ ގައުމުގައި ދަނގަޑު ގުއްބުގެ މިސައިލް ދިފާއީ ނިޒާމު ބަހައްޓައިދީ އެނިޒާމު އޮޕަރޭޓް ކުރާނެ ސިފައިންވެސް ބައި ތިއްބާފައެވެ. އީރާނުން ބުނެފައި ވަނީ މި ކަންކަމުގެ މައުލޫމާތު އީރާނަށް އެނގިފައި އޮތް ކަމަށާއި އީރާނުން ޔޫއޭއީއަށް ހަމަލަތައް ވަރުގަދަ ކުރަމުން ދިޔައީ މި ޔަހޫދީ ސަބަބުތަކާ ހެދި ކަމަށެވެ.

ހިއްސާ ކުރައްވާ!