އީރާނުގެ އިންޓަރނެޓް ކަނޑާލާފައި އޮތުމުން ރައްޔިތުންގެ މެދުގައި އޮތް ނުރުހުން ހައްގު ކަމަށް ސަރުކާރުން ބުނެފި

އީރާނުގައި އިންޓަރނެޓްގެ ޚިދުމަތް މެދުކަނޑާލާފައި އޮތުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުރުހުމަކީ "މުޅިން އިންސާފުވެރި" ކަމެއް ކަމަށް އެ ގައުމުގެ ސަރުކާރުގެ ތަރުޖަމާނު ފާތިމާ މުހާޖިރާނީ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި އިންޓަރނެޓް ލިބުމަކީ ރައްޔިތުންގެ ހައްގެކެވެ.

އީރާނުގައި އިންޓަރނެޓްގެ ޚިދުމަތް މެދުކަނޑާލާފައި އޮންނާތާ މިހާރު 70 އަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މުހާޖިރާނީ ވިދާޅުވީ މިކަމުގެ ސަބަބުން ރައްޔިތުން ރުޅިގަދަވާން ޖެހުނު އަސްލު ސަބަބަކީ ގައުމުގެ ސަލާމަތީ މަސްލަހަތު ނަގާލަން މަސައްކަތްކުރާ ދުޝްމަނުން ކަމަށެވެ.

ސަރުކާރުގެ ތަރުޖަމާނު އިތުރަށް ވިދާޅުވީ "އިންޓަރނެޓް ޕްރޯ" ގެ ނަމުގައި ތައާރަފުކުރި ޚިދުމަތުގެ ބޭނުމަކީ ހަމައެކަނި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު އިންޓަރނެޓް ފޯރުކޮށްދިނުން ކަމަށެވެ. އަދި ހަނގުރާމައިގެ ބިރުވެރިކަން ކުޑަވުމުން އާންމު ރައްޔިތުންނަށް އަލުން އިންޓަރނެޓްގެ ޚިދުމަތް ލިބޭނެ ކަމަށް އޭނާ ވައުދުވެވަޑައިގެންނެވިއެވެ.

މި ބްލެކްއައުޓްގެ ސަބަބުން އީރާނުގެ މިލިއަނުން ގުނާލެވޭހައި ރައްޔިތުންގެ މަސައްކަތްތަކަށާއި، ސިއްހީ ޚިދުމަތްތަކުގެ އިތުރުން ދިރިއުޅުމުގެ އާންމު ކަންކަމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ގައުމުގެ ރައްޔިތުން ބުނެއެވެ.

އިންޓަރނެޓް މޮނިޓަރ ކުރާ ޖަމާއަތެއް ކަމަށްވާ ނެޓްބްލޮކްސް އިން ބުނެފައިވަނީ، މިގޮތަށް ގިނަ ދުވަސްތަކެއް ވަންދެން އިންޓަރނެޓް ކަނޑާލާފައި އޮތުމަކީ އެ ގައުމުގައި ހިނގަމުންދާ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް ފޮރުވުމަށް އެޅިފައިވާ "ޑިޖިޓަލް އަނދިރިގަނޑެއް" ކަމަށެވެ.

އީރާނުން މިފިޔަވަޅު އެޅީ ސޮލީބީންނާއި ސަހުޔޫނީން އީރާނު ރައްޔިތުން މެދުވެރިކޮށް ޖާސޫސް ކުރުމުގެ އަމަލުތައް ހިންގުމަށް އިންޓަރނެޓް ބޭނުން ކޮށް މަސްކުގެ އިންޓަރނެޓް ޓާމިނަލްތައް އީރާނަށް ވަގަށް ވައްދައި ގައުމު ފަސާދަ ކުރތުމަށް މަސައްކަތް ކުރުމުންނެވެ.

ހިއްސާ ކުރައްވާ!