އިންޑިއާއިން ގައުމީ ފެންވަރުގައި، ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ތެލުގެ އަގަށް ގެނައި އެންމެ ބޮޑު ބަދަލުގެ ގޮތުގައި، ޕެޓްރޯލާއި ޑީސަލްގެ އަގު ހުކުރު ދުވަހުން ފެށިގެން ބޮޑުކޮށްފިއެވެ.
ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު މައްޗަށް ދިއުމާ ގުޅިގެން، އިންޑިއާގެ ދައުލަތުގެ ތެޔޮ ކުންފުނިތަކުން ވަނީ ޕެޓްރޯލާއި ޑީސަލް ލިޓަރަކުން ގާތްގަނޑަކަށް ތިން ރުޕީސް ބޮޑުކޮށްފައެވެ. މި ބަދަލާއެކު، ވެރިރަށް ދިއްލީގައި ޕެޓްރޯލް ލިޓަރެއްގެ އަގު މިހާރު ވަނީ 97.77 ރުޕީސް އަށް އުފުލިފައެވެ. އަދި ޑީސަލް ލިޓަރެއްގެ އަގު ވަނީ 90.67 ރުޕީސް އަށް ބޮޑުވެފައެވެ.
ތެލުގެ އަގު ބޮޑުކުރަން ޖެހުނު މައިގަނޑު ސަބަބަކީ ސޮލީބީ ސަހުޔޫނީ ހަނގުރާމައިން މަސްރަހު ނުތަނަވަސްވުމާ ގުޅިގެން، ތެޔޮ އިމްޕޯޓް ކުރުމަށް ކުރަންޖެހޭ ޚަރަދު ބޮޑުވުމެވެ. ކަމާބެހޭ އޮފިޝަލުން ހާމަކުރެއްވި ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކާއެކުވެސް، ވޭތުވެދިޔަ އަހަރުތަކުގައި ތެޔޮ ކުންފުނިތަކުން އަގުތައް އެއްވަރެއްގައި ހިފަހައްޓާފައިވަނީ ވަރަށް ބޮޑު ދަތިތަކަކާއެކުގައެވެ.
މި އަގުތަކަށް އައި ބަދަލާ ގުޅިގެން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ތެލަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކައި، ތެޔޮ ބޭނުންކުރާ މިންވަރު މަދުކުރުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. މިއީ އިންޑިއާ ފަދަ ތެޔޮ އިމްޕޯޓް ކުރުމަށް ބޮޑު ހޭދައެއް ކުރާ ގައުމަކަށް ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށާއި ޑޮލަރު ބޭރު ވިޔަ ނުދިނުމަށް އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
އިގްތިސާދީ މާހިރުން ލަފާކުރާ ގޮތުގައި ތެލުގެ އަގަށް އައި މި ބަދަލުގެ ސަބަބުން ދަތުރުފަތުރުގެ ޚަރަދުތަކާއި ގޭބިސީތަކުގެ ބަޖެޓަށް ބޮޑު އަސަރެއް ކުރާނެއެވެ. އަދި ކުރިއަށް އޮތް ހަފުތާތަކުގައި ކާބޯތަކެތީގެ އަގުތަކަށާއި، މުދާ އުފުލުމުގެ ޚަރަދަށާއި، ވައިގެ ދަތުރުފަތުރުގެ އިތުރުން މުޅި ގައުމުގެ އިންފްލޭޝަނަށް މީގެ ނޭދެވޭ އަސަރު ފޯރާނެއެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި، ހުޅަނގު އޭޝިއާގެ ހަމަނުޖެހުންތައް މިގޮތަށް ކުރިއަށްދާނަމަ، ކުރިއަށް އޮތް ތަނުގައި ތެލުގެ އަގަށް އިތުރު ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.




