އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކާމެދު އެ ދެ ގައުމުގެ އިތުބާރު ކުޑަވެ، މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މިދިޔަ އޭޕްރިލް މަހުގެ މެދުތެރޭގައި އިސްލާމްއާބާދުގައި ބޭއްވުނު މަޝްވަރާތަކުގެ ފުރަތަމަ ބުރުގައި އެއްވެސް ކުރިއެރުމެއް ނުލިބި ދެ ފަރާތުން ވަކިވުމާ ގުޅިގެން، މި މަރުހަލާ ވަނީ މަޑުޖެހިފައެވެ. ވޮޝިންޓަނާއި ތެހެރާން އަދި ގަލްފުގެ ގައުމުތަކާއެކު ޕާކިސްތާނުން ބާއްވާ ގާތް ގުޅުމުގެ ސަބަބުން، ކުރިން ބެލެވިފައި އޮތީ މި މަޝްވަރާތަކުގައި ޕާކިސްތާނަކީ އެންމެ އެކަށީގެންވާ މެދުވެރިޔާ ކަމަށެވެ. ނަމަވެސް މިހާރުގެ ހާލަތު ވަނީ ބަދަލުވެފައެވެ.
އީރާނުގެ އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި ޕާކިސްތާނުން އަމަލުކުރަނީ މިނިވަން މެދުވެރިއެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި، ނިއުކްލިއާ ހަރަކާތްތަކާއި، މިސައިލް ޕްރޮގްރާމާއި، ސަރަހައްދީ އެކުވެރިންނާއި ހުރުމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން އެމެރިކާއިން ބޭނުންވާ ގޮތަށް އީރާނަށް ފިއްތުންތައް ކުރިމަތިކުރާ ކަމަށް އީރާނުން ތުހުމތު ކުރެއެވެ.
އީރާނުގެ އިސް ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ އިބްރާހީމް ރިޒާއީ ވިދާޅުވީ، މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ އިތުބާރު ޕާކިސްތާނަށް މިހާރު ނެތް ކަމަށާއި، އިސްލާމްއާބާދުން ބޮޑަށް ބުރަވަނީ އެމެރިކާގެ މަސްލަހަތަށް ކަމަށެވެ. އަދި އީރާނުގެ ވާދަވެރި ސައުދީ އަރަބިއްޔާއަށް ޕާކިސްތާނުން ފައިޓާ ޖެޓްތައް ފޮނުވުމަކީ، ޕާކިސްތާނުން ގެންގުޅޭ ކަމަށް ބުނާ ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތާ ފުށުއަރާ ކަމެއް ކަމަށްވެސް އީރާނުން ދެކެއެވެ.
އަނެއްކޮޅުން އެމެރިކާއިންވެސް ދަނީ ޕާކިސްތާނުގެ ނިޔަތާމެދު ސުވާލު އުފައްދަމުންނެވެ. އެމެރިކާއިން ކަންބޮޑުވަނީ، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް ޕާކިސްތާނުން އީރާނަށް މުދާ އެތެރެ ކުރުމަށް މަގުފަހިކޮށްދޭތީއެވެ.
މިގޮތުން "ޓްރާންސިޓް އޮފް ގުޑްސް އޯޑަރ 2026″ އަދި "ގަބްދު ރިމްދާން ކޮރިޑޯ" ފަދަ ވިޔަފާރީގެ އާ މަގުތައް ހުޅުވުމަކީ އެމެރިކާގެ ފިއްތުންތަކުގެ ބާރު ކުޑަވެގެންދާނެ ކަމެއް ކަމަށް ވޮޝިންޓަނުން ދެކެއެވެ.
މި އަމަލުތަކުގެ ސަބަބުން، ޕާކިސްތާނުން ގެންގުޅޭނީ ދެފުށް ފެންނަ ސިޔާސަތެއް ނޫންކަމަށް ބުނެ އެމެރިކާއިން ކުރާ ތުހުމަތުތައް ވަނީ އިތުރަށް ވަރުގަދަވެފައެވެ. މި ހުރިހާ ސަބަބުތަކާ ހުރެ، ސަރަހައްދީ ހަމަޖެހުމަށް ޕާކިސްތާނުން ކުރާ މަސައްކަތަށް މިހާރު ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.






