ޗައިނާގެ ބެއިޖިންގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބޭއްވި މުހިންމު ސަމިޓުން، 77 ދުވަސްވެފައިވާ އީރާނު ހަނގުރާމަ ހުއްޓުވުމަށް އެދެވޭ އެއްބަސްވުމަކަށް ނާދެވުނެވެ. ދުނިޔޭގެ އެންމެ ނުފޫޒުގަދަ ދެ ލީޑަރުން ބޭއްވި މި ބައްދަލުވުމުގައި، ހަނގުރާމައާ ގުޅުންހުރި މުހިންމު ކަންތައްތަކުގައި ދެ ގައުމުގެ ދެމެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ހުރިކަން ވަނީ ހާމަވެފައެވެ.
މި ބައްދަލުވުމުގައި ދެ ލީޑަރުންވެސް ހުރްމުޒް ކަނޑުއޮޅި ހުޅުވާފައި ބޭއްވުމުގެ މުހިންމުކަމާ މެދު އެއްބަސްވި ނަމަވެސް، އެކަން ކުރާނެ ގޮތަކާ މެދު ވަނީ ދެބަސްވެފައެވެ. އެމެރިކާއިން ބުނާ ގޮތުގައި، ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން އީރާނުން ފީ ނެގުމާ ރައީސް ޝީ ދެކޮޅު ހައްދަވައެވެ. ނަމަވެސް ޗައިނާގެ ރަސްމީ ބަޔާނުގައި އެކަން ފާހަގަކޮށްފައި ނުވުމުން އެއީ ޓްރަމްޕްގެ ހޮޅި ވާހަކައެއް ކަމަށް ބެލެވެއެވެ.
އީރާނުގެ ނިއުކްލިއާ މައްސަލައިގައި ވައިޓް ހައުސްއިން ބުނެފައިވަނީ "އީރާނަށް ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް ނުލިބޭނެ" ކަމަށެވެ. އެހެންނަމަވެސް ޗައިނާގެ ރޫހު ހުރީ ހުރިހާ ފަރާތްތަކެއްގެ ކަންބޮޑުވުންތަކަށް ރިއާޔަތްކުރާ ސިޔާސީ ހައްލެއް ހޯދުމަށެވެ. މީގެ އިތުރުން، ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ހަނގުރާމަ ހުއްޓާލުމަށް ކުރާ މަސައްކަތަށާއި، ޝީގެ "ހަތަރު ނުކުތާގެ ސުލްހައިގެ ޕްލޭން" އަށް ޗައިނާއިން ތާއީދުކުރިއެވެ.
ސަމިޓަށްފަހު ރައީސް ޓްރަމްޕް ވިދާޅުވީ، ބޭރުގެ އެހީތެރިކަމެއް ނެތިވެސް "ކޮންމެވެސް އެއްގޮތަކުން" އެމެރިކާއަށް މި ހަނގުރާމަ ކާމިޔާބު ކުރެވޭނެ ކަމަށެވެ. މި ވާހަކަތަކުން ދޭހަވަނީ ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ކުރާ މަސައްކަތަށްވުރެ، އެމެރިކާގެ އަސްކަރީ ބާރުގެ މައްޗަށް ޓްރަމްޕް އިތުބާރު ކުރައްވާ މިންވަރެވެ. މި ސަމިޓުން ޓްރަމްޕް ބޭނުންވިފަދަ ބަޔާނެއް އީރާނާ ދެކޮޅަށް ނުލިބުނެވެ.





