އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ ދެކޮޅަށް ޗައިނާއިން ރަސްމީކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި އޮތް ނަމަވެސް، ޑިޕްލޮމެޓިކް އުކުޅެއް ބޭނުންކޮށްގެން އޭނާއަށް އެގައުމަށް އެތެރެވުމުގެ ހުއްދަ ޗައިނާއިން ދިނެވެ. ރޫބިއޯ ޗައިނާއަށް ވަޑައިގެންފައިވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް އެގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތުމަށެވެ.
މާކޯ ރޫބިއޯއާ ދެކޮޅަށް ޗައިނާއިން ފިޔަވަޅު އަޅާފައިވަނީ 2020 ވަނަ އަހަރު އޭނާ ސެނެޓަރުކަމުގައި ހުންނެވި ދުވަސްވަރު ޗައިނާއާ ދެކޮޅަށް ގެންގުޅުނު އަދާވާތްތެރިކަމުގެ ސަބަބުންނެވެ. މި ފިޔަވަޅުތައް އަޅާފައިވަނީ ހޮންކޮންގްގެ މިނިވަންކަމަށް އޭނާ ވަކާލާތު ކުރެއްވުމާއި، ޝިންޖިއާންގް ސަރަހައްދުގައި އުއިގޫރު މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އަމަލުތައް ހިންގާ ކަމަށް ބުނެ ޗައިނާއަށް ކުރެއްވި ފާޑުކިޔުންތަކާ ގުޅިގެންނެވެ.
ޗައިނާގެ ގާނޫނީ ހުރަސްތަކުން ސަލާމަތްވުމަށާއި، އަޅާފައިވާ ފިޔަވަޅުތައް ރަސްމީކޮށް އުވާނުލައި ރޫބިއޯއަށް އެގައުމަށް އެތެރެވުމުގެ ފުރުސަތު ދިނުމަށްޓަކައި ބެއިޖިންގްއިން ވަނީ އޭނާގެ ނަން ލިޔާ ގޮތަށް ބަދަލެއް ގެނެސްފައެވެ. އެގޮތުން ރަސްމީ ލިޔެކިޔުންތަކުގައި ރޫބިއޯގެ ނަމުގެ ފުރަތަމަ އަކުރު ބަދަލުކޮށް، އޭނާ އެގައުމަށް އެތެރެވުމުގެ ހުއްދަ ދީފައިވަނީ "މާކޯ ލޫ" ގެ ނަމުގައެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި ސަމިޓަށްޓަކައި ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް އެގައުމުން ބޭނުންވެއެވެ. ނަމަވެސް، ރޫބިއޯ ސެނެޓުގައި ހުންނެވި އިރު ކުރެއްވި ކަންތައްތަކާ ގުޅިގެން އެޅި ފިޔަވަޅުތައް ދެމިއޮންނާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މިގޮތަށް ނަން ބަދަލުކުރުމަކީ ދެ ގައުމުގެ މެދުގައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށާއި، ހަމައެއާއެކު ޗައިނާގެ އަބުރަށް އުނިކަމެއް ނާންނާނެހެން "ސެނެޓަރު ރޫބިއޯ" އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓަމުން "ސެކްރެޓަރީ ލޫ" އަށް މަރުހަބާ ކިޔުމަށް ހޯދި ހައްލެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.





