އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު، ހަރުކަށި ފިކުރުގެ ޓެރަރިސްޓް ލީޑަރު އީތަމާރު ބިން ގްވީރު، އިސްރާއީލު ސިފައިންގެ ވަރުގަދަ ހިމާޔަތުގައި މަސްޖިދުލްއަގްސާއަށް ވަދެގަނެ، އެތަނުގެ ހަރިންމަ ތެރޭގައި އިސްރާއީލުގެ ދިދަ ނަގައިފިއެވެ. ގުދުސްގެ ގަވަރުނަރުގެ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، ބިން ޣަވީރު މި އަމަލު ހިންގާފައިވަނީ ގިނަ އަދަދެއްގެ ޔަހޫދީ ވަޒަންވެރިންނާއެކު މިސްކިތުގެ ގޯތިތެރެއަށް ވަދެގަތުމަށްފަހުގައެވެ.
މަސްޖިދުލްއަގްސާގެ ހަރިންމަ ތެރޭގައި ބިން ގްަވީރު ވަނީ ފަލަސްތީނު މުސްލިމުންނަށް އަމާޒުކޮށް އިސްތިފްޒާޒީ ހަރަކާތްތަކެއް ހިންގައި، ނަށާ ހަދާފައެވެ. މި ހަރަކާތްތައް ހިންގާފައިވަނީ ޔަހޫދީ ވަޒަންވެރިން މަސްޖިދުލްއަގްސާއަށް ވަދެގަންނަ މިންވަރު އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ހަމައެއާއެކު، ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ޔަހޫދީންގެ "ދިދަ ހިފައިގެން ހިނގާލުން" ވަނީ ގުދުސްގެ ބާބުލް އާމޫދު ސަރަހައްދަށް ފޯރާފައެވެ.
ގިނަ އަދަދެއްގެ ޓެރަރިސްޓް ޔަހޫދީ ވަޒަންވެރިން ބައިވެރިވި މި ހިނގާލުމުގައި، އިސްރާއީލުގެ މާލީ ވަޒީރު ޓެރަރިސްޓް ބެޒަލްއެލް ސްމޮޓްރިޗް ވެސް ވަނީ ބައިވެރިވެފައެވެ. މި ހިނގާލުމުގެ ބައިވެރިން ވަނީ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އަދި މަސްޖިދުލްއަގްސާއަށް ނިސްބަތްކޮށް ހުތުރު އަދި އިސްތިފްޒާޒީ ޝިއާރުތައް ގޮވާފައެވެ. ބާބުލް އާމޫދަކީ ފަލަސްތީނު މީހުންގެ ސިޔާސީ އަދި ސަގާފީ ރަމްޒަކަށްވާއިރު، މިއީ މަސްޖިދުލްއަގްސާއަށް ވަދެވޭ މައި ދޮރާށި ވެސް މެއެވެ.
މި ހިނގާލުމުގެ ތެރޭގައި ޔަހޫދީ ވަޒަންވެރިން ވަނީ ފަލަސްތީނު މީހުންނަށާއި އެމީހުންގެ މުދަލަށް ސީދާ ގޮތުން ހަމަލާދީފައެވެ. އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ވަނީ ވަޒަންވެރިންގެ ހަމަލާތަކުން ރައްކާތެރިވުމުގެ ގޮތުން، އެ ސަރަހައްދުގައި ހުރި ފަލަސްތީނު މީހުންގެ ވިޔަފާރިތައް ބަންދުކުރުމަށް މަޖުބޫރުކޮށްފައެވެ. މި ހިނގާލުމުގައި 50،000 އަށްވުރެ ގިނަ ޔަހޫދީން ބައިވެރިވާނެ ކަމަށް އިސްރާއީލުގެ މީޑިއާން ކުރިން ލަފާކޮށްފައިވެއެވެ.
ޔަހޫދީން މި ހިނގާލުން ބާއްވަނީ 1967 ވަނަ އަހަރު ގުދުސްގެ އިރުމަތީ ބައި ހިފި ހިފުން ފާހަގަކުރުމުގެ ގޮތުންނެވެ. އެމީހުން މި ދުވަހަށް "ގުދުސް އެއްބައިވަންތަ ކުރި ދުވަސް" ކިޔާއިރު، ފަލަސްތީނު ރައްޔިތުން ދެކޭގޮތުގައި މިއީ އިރުމަތީ ގުދުސްގެ މައްޗަށް އިސްރާއީލުގެ ބާރު ގަދަކޮށް، އިސްތިއުމާރީ ވެރިކަން ދެމެހެއްޓުމަށް ހިންގާ އަމަލެކެވެ.





