ނަތަންޔާހޫއާއި މުހައްމަދު ބިން ޒާއިދު ސިއްރު ބައްދަލުވުމެއް ބާއްވައިފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް މުހައްމަދު ބިން ޒާއިދު އަލް ނަހްޔާން އަބޫދާބީގައި ސިއްރު ބައްދަލުވުމެއް ބާއްވާފައިވާކަން އިސްރާއީލުގެ ރަސްމީ މަސްދަރުތަކުން ހާމަކޮށްފިއެވެ. މި ބައްދަލުވުމަކީ ދެ ގައުމުގެ ގުޅުމުގެ ތާރީޚުގައި ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ތަލް އަވީވްގެ ސިޔާސީ ފަރާތްތަކުން ސިފަކުރެއެވެ.

އިސްރާއީލުގެ ޗެނަލް 13 އަށް މައުލޫމާތު ދިން ތިން އޮފިޝަލަކު ބުނި ގޮތުގައި، މި ބައްދަލުވުން ބާއްވާފައިވަނީ މީޑިއާއަށް ސިއްރުކޮށް ވަރަށް ރައްކާތެރިކަމާއެކުގައެވެ. މި ބައްދަލުވުން ބާއްވާފައިވަނީ އީރާނާއެކު އޮތް މަސްރަހު ނުތަނަވަސްވެ، އަސްކަރީ ކުރިމަތިލުމަކަށް ގޮސްފާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ މި ދަތުރުފުޅުގެ ސައްހަކަން ކަށަވަރުކޮށްދީފައެވެ. އަދި މި ޒިޔާރަތަކީ ކުރިއަށް ގެންދިޔަ އަސްކަރީ އޮޕަރޭޝަނުގެ ދަށުން ކުރެވުނު ދަތުރެއް ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

މި ސިއްރު ބައްދަލުވުމުގައި ދެ ގައުމުގެ ދިފާއީ އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މީގެ ތެރޭގައި އީރާނުގެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި އިސްރާއީލުގެ "އަޔަން ޑޯމް" މިސައިލް ދިފާއީ ނިޒާމު ޔޫއޭއީގެ ބިމުގައި ގާއިމުކުރުން ހިމެނެއެވެ. ސިޔާސީ މަސްދަރުތަކުން ބުނާ ގޮތުގައި މި ފިޔަވަޅަކީ ސަރަހައްދުގެ އެހެން ގައުމުތަކާއެކުވެސް އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވާނެ ކަމެކެވެ.

މީގެ އިތުރުން، އިސްރާއީލުގެ ޖާސޫސީ އިދާރާ، މޮސާޑްގެ ވެރިޔާ ޑޭވިޑް ބަރްނިއާ ވެސް ވަނީ އީރާނާ ދެކޮޅަށް ކުރާ މަސައްކަތްތައް ވިލަރެސްކުރުމަށް ޔޫއޭއީއަށް ޒިޔާރަތްތަކެއް ކުށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިދިޔަ އޭޕްރީލް މަހު ޔޫއޭއީގެ ސިފައިން ވަނީ އީރާނުގެ ލަވާން ޖަޒީރާގައި ހުރި ތެޔޮ ވަސީލަތްތަކަށް ޑްރޯން އަދި ހަނގުރާމަމަތީ ބޯޓު ބޭނުންކޮށްގެން ހަމަލާތަކެއް ދީފައެވެ.

ހިއްސާ ކުރައްވާ!