ނިއުޔޯކް ޓައިމްސްއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ނަތަންޔާހޫ ދީފި

އިސްރާއީލުގެ ޖަލުތަކާއި ހައްޔަރު މަރުކަޒުތަކުގައި ފަލަސްތީނުގެ އަސީރުން ރޭޕްކޮށް ޖެނޮސައިޑް އިސްރާއީލު ސިފައިންނާއި ޖަލު ބަލަހައްޓާ މީހުން ޖިންސީ އަނިޔާ ކުރަމުންދާ ކަމަށް ބުނެ ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން، އެމެރިކާގެ ނިއުޔޯކް ޓައިމްސް ނޫހާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު އިއުލާނުކޮށްފިއެވެ.

ނަތަންޔާހޫ ބުނީ، އެ ނޫހާއި އެ ރިޕޯޓް ތައްޔާރުކުރި ތަޖުރިބާކާރު ނޫސްވެރިޔާ ނިކޮލަސް ކްރިސްޓޮފްއާ ދެކޮޅަށް ޔަހޫދީންގެ އަބުރާ ބެހުމުގެ ދައުވާ ކުރުމަށްޓަކައި އެޅޭނެ އެންމެ ހަރުކަށި ގާނޫނީ ފިޔަވަޅުތައް ދިރާސާކުރުމަށް އޭނާގެ ގާނޫނީ މުޝީރުންނަށް މިހާރު އަންގާފައިވާނެ ކަމަށެވެ. މި ރިޕޯޓަކީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ހުރެގެން ކްރިސްޓޮފް ތައްޔާރުކޮށްފައިވާ ތަހުގީގީ ރިޕޯޓެކެވެ.

ރިޕޯޓުގެ ތަފްސީލާއި ހެކިތައް

ނިއުޔޯކް ޓައިމްސް އިން ވަނީ އެ ރިޕޯޓް ދިފާއުކޮށް، އެއީ ޔަހޫދީން ރޭޕްކޮށްފައިވާ 14 ފިރިހެނުންނާއި އަންހެނުންގެ ހެކިބަހުގެ މައްޗަށް ބިނާކޮށް، ވަރަށް ބޮޑަށް ކަށަވަރުކުރުމަށްފަހު ޝާއިއުކުރި ރިޕޯޓެއް ކަމަށް ބުނެފައެވެ.

ދުނިޔޭގެ އެންމެ ގިނައިން ވިއާގްރާ ބޭނުން ކުރާ އަދި ޖިންސީ ކުށަށް އަރައިގަންނަ މީހުންގެ ސުވަރުގެ ކަމަށް ބުނާ އިސްރާއީލުގައި "ފަލަސްތީނު މީހުން ރޭޕްކުރުމުގެ ކުރިމަތީގައި ހަނުހުރުން" މި ސުރުޚީގެ ދަށުން ޝާއިއުކުރި މި ރިޕޯޓުގައި ބުނެފައިވަނީ، އިސްރާއީލުގައި ވަގަށް ނަގާ ފަލަސްޠީނު މީހުން ބައިތިއްބާ ހައްޔަރު މަރުކަޒުތަކުގައި ރޭޕް ކުރުމާއި ގަދަކަމުން ލިވާޠު ކުރުމާއި ޖިންސީ އަނިޔާ ކުރުމަކީ ރޭވިގެން ހިންގާ ސިޔާސަތެއް ކަމަށެވެ. އަދި މީގެ ކުރީގެ އެހެން ރިޕޯޓެއްގައި ބުނެފައި ވަނީ ޔަހޫދީ އަންހެނުންވެސް ފަލަސްޠީނު ފިރިހެނުން ރޭޕް ކުރާ ކަމަށާއި އަދި ބައެއް ހާލަތްތަކުގައި އެމީހުންނަށް ފައިސާ ދީގެން ޖިންސީ ގަރިޒާ ފުރިހަމަ ކުރުވާ ކަމަށެވެ.

މި ރިޕޯޓުގައި ހިމެނޭ ބައެއް ބިރުވެރި ހާދިސާތަކުގެ ތެރޭގައި، ނޫސްވެރިޔާ ސާމީ އައްސާއި އަށް ކުރި ޖިންސީ އަނިޔާތަކާއި، ދަނޑުވެރިއަކަށް ދަގަނޑު ބުރިއަކުން ޖިންސީ އަނިޔާކުރި ހާދިސާތަކުގެ އިތުރުން، ލޯމަތީގައި ފޮތިގަނޑު އަޅާފައި ހުރި ނޫސްވެރިއަކަށް ކުއްތާ ބޭނުންކޮށްގެން އަނިޔާކުރި ހާދިސާ ހިމެނެއެވެ. މީގެ އިތުރުން އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ވާހަކަތައް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ބައިނަލްއަގުވާމީ ކަންބޮޑުވުންތައް

ޖެނޮސައިޑް ޔަހޫދީ ރެޖީމްގެ ކުރީގެ ބޮޑުވަޒީރު އިހޫދު އޮލްމާޓް މި ރިޕޯޓާ ގުޅޭގޮތުން ބުނީ މިފަދަ ކަންކަން ހިނގާތީ އޭނާ ހައިރާން ނުވާ ކަމަށާއި، އަދި ކޮންމެ ދުވަހަކު ވެސް ހަނގުރާމައިގެ ކުށްތައް ކުރެވެމުންދާ ކަމަށެވެ. އދ. އާއި ސޭވް ދަ ޗިލްޑްރަން ފަދަ ޖަމިއްޔާތަކުން ވެސް ވަނީ އޮކްޓޫބަރު 7 ގެ ފަހުން ފަލަސްތީނުގެ އަސީރުންނަށް ކުރާ ޖިންސީ އަނިޔާތައް އިތުރުވެފައިވާކަން ފާހަގަކޮށްފައެވެ.

ނިކޮލަސް ކްރިސްޓޮފް އޭނާގެ ލިޔުމުގައި ފާހަގަކުރެއްވި ގޮތުގައި، އެމެރިކާގެ ޓެކްސް ފައިސާ ޖެނޮސައިޑް އިސްރާއީލުގެ ސަލާމަތީ ބާރުތަކަށް ހޭދަކުރާއިރު، މިފަދަ ލާއިންސާނީ އަމަލުތަކުގައި އެމެރިކާގެ ބައިވެރިވުން އޮތް ކަމަށް ބެލެވިދާނެއެވެ. ޔަހޫދީ ޖެނޮސައިޑް ރެޖީމަކީ އެމެރިކާގެ ޕްރޮކްސީ ބާރެކެވެ. އަދި ޖެނޮސައިޑް ހިންގައި ހަނގުރާމައިގެ ޖަރީމާތައް ހިންގުމަށް ފައިސާއާއި ހަތިޔާރު ދޭ ކަމަށް އެމެރިކާއިން ވަނީ އެއްބަސްވެފައެވެ. މި ވަނީ ޔަހޫދީންގެ ގާނޫނު ހަދާ މަޖިލީހުގައި ޓްރަމްޕް އެކަމަށް އިއުތިރާފްވެފައިޥާ ކަމުެގ ހެއްކެވެ!

މިއީ ނިއުޔޯކް ޓައިމްސްއާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ނަތަންޔާހޫ ބުނި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އޮގަސްޓް މަހު ޣައްޒާގެ ބަނޑުހައިހޫނުކަމާ ގުޅޭގޮތުން ލިޔުނު ރިޕޯޓަކާ ގުޅިގެން ވެސް އޭނާ ވަނީ މިފަދަ އިންޒާރެއް ދީފައެވެ. ނިއުޔޯކް ޓައިމްސްގެ މިހާރުގެ އެޑިޓަރާއި ކުރީގެ އެޑިތަރަކީ ދެބަފައިންނެވެ. ދެ ބަފައިންނަކީވެސް ޔަހޫދީންނެވެ. ނަމަވެސް ނަތަންޔާހޫގެ ޖެނޮސައިޑް ސިޔާސަތަށް އެމީހުން ދެކޮޅު ހަދައެވެ.

ހިއްސާ ކުރައްވާ!