އިސްރާއީލުގެ ސިފައިންގެ ޗީފް އޮފް ސްޓާފް އީޔަލް ޒާމިރު، އީރާނާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމައިގެ ދުވަސްވަރު ސިއްރު ދަތުރެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދިޔަ ކަމަށް އިސްރާއީލުގެ ބްރޯޑްކާސްޓިން އޮތޯރިޓީން ޔަގީން ކޮށްދީފިއެވެ. މި ދަތުރުގައި އޭނާ ވަނީ ޔޫއޭއީގެ ރައީސް މުޙައްމަދު ބިން ޒާއިދު އާލަނަޙްޔާން އާ އެ ގައުމުގެ މަތީ ފަންތީގެ އިސްވެރިންނާ ބައްދަލުކޮށް ސައްލާކޮށްފައެވެ.
އިސްރާއީލުގެ މީޑިއާ ނެޓްވޯކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ މާރިޗު މަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން އަބޫދާބީއަށް ކުރި ދަތުރުގެ މައުލޫމާތު އާންމުކުރުމާ ގުޅިގެން ޔޫއޭއީން ވަނީ ވަރުގަދަ އިހުތިޖާޖެއް ކޮށްފައެވެ. މި ސިއްރު ދަތުރުފުޅުތަކުގެ މައުލޫމާތު ހާމަކުރުމުން އެމިރޭޓްސްގެ އިސްވެރިން ތިއްބެވީ އިންތިހާއަށް ކޯފާވެފައި ކަމަށްވެސް އެ ނެޓްވޯކުން ބުނެފައިވެއެވެ.
ނިއުދިއްލީގައި ބޭއްވުނު ބްރިކްސް ގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި އީރާނުގެ ފޮރިން މިނިސްޓަރު އަރާގްޗީ ވަނީ ޔޫއޭއީގެ މަންދޫބު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އަރާގްޗީ ވިދާޅުވީ "އިސްރާއީލާއެކު ތިޔަ ހެދި ކޯލިޝަނުން ތިޔަ ގައުމަކަށް ރައްކާތެރިކަމެއް ނުލިބުނު" ކަމަށާއި، އީރާނާ މެދު ގެންގުޅޭ ސިޔާސަތު މުރާޖައާ ކުރުމަށް ގޮވާލައްވާ ކަމަށެވެ.
އަރާގްޗީ އިތުރަށް ވިދާޅުވީ، އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި އޭނާގެ ތަގުރީރުގައި ކުރިން ޔޫއޭއީގެ ނަން ބޭނުންކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް، އީރާނާ ދެކޮޅަށް ހިންގި އުދުވާނީ އަމަލުތަކުގައި ޔޫއޭއީގެ ސީދާ ބައިވެރިވުން އޮތް ކަމަށާއި، އެ އަމަލުތައް ކުށްވެރިކުރުމަށްވެސް ޔޫއޭއީން ފަސްޖެހިފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.






