އިންޑިއާގެ އާމީ ޗީފް ޖެނެރަލް އުޕެންދުރަ ދްވިވޭދީ، ޕާކިސްތާނަށް ވަރުގަދަ އިންޒާރެއް ދެއްވައި، އެ ގައުމުން ދެން ބޭނުންވަނީ ދުނިޔޭގެ ޗާޓުގެ ބައެއްގެ ގޮތުގައި އޮންނަންތޯ ނުވަތަ ތާރީޚުގެ ތެރެއަށް އޮބިގެންދާންތޯ ނިންމަން ޖެހޭނެ ކަމަށް ވިދާޅުވެއްޖެއެވެ. މިއީ މިދިޔަ އަހަރުގެ ބޯޑަރު ހަމަނުޖެހުންތަކަށްފަހު އިންޑިއާގެ ސިފައިން ދިން އެންމެ ހަރުކަށި އިންޒާރެވެ.
މަނެކްޝޯ ސެންޓަރުގައި ދެއްވި ހަރުކަށި ރައްދު
ނިއުދިއްލީގެ މަނެކްޝޯ ސެންޓަރުގައި ބޭއްވި 'ސޭނާ ސަމްވާދު' އިވެންޓުގައި ވާހަކަ ދައްކަވަމުން ޖެނެރަލް ދްވިވޭދީ ވިދާޅުވީ، ޕާކިސްތާނުން ޓެރަރިސްޓުންނަށް ހިމާޔަތްދީ އިންޑިއާއާ ދެކޮޅަށް މަސައްކަތް ކުރާނަމަ، އެ ގައުމުގެ މުސްތަގުބަލާ މެދު ސުވާލު އުފެދޭނެ ކަމަށެވެ. "ޕާކިސްތާނުން ޓެރަރިސްޓުންނަށް ހިމާޔަތްދީ އިންޑިއާއާ ދެކޮޅަށް މަސައްކަތް ކުރާނަމަ، އެމީހުން ނިންމަން ޖެހޭނީ ޖިއޮގްރަފީގެ ބައެއްގެ ގޮތުގައި ނުވަތަ ތާރީޚުގެ ބައެއްގެ ގޮތުގައި އޮންނަން ބޭނުންވޭތޯ ނުވަތަ ނޫންތޯ،" އާމީ ޗީފް ވިދާޅުވިއެވެ.
އޮޕަރޭޝަން ސިންދޫރުގެ އަހަރީ ދުވަހާ ދިމާވުން
މި އިންޒާރު އައިސްފައިވަނީ 'އޮޕަރޭޝަން ސިންދޫރު' އަށް އެއް އަހަރު ފުރުން ފާހަގަކުރިތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. ޖެނެރަލް ދްވިވޭދީގެ ވާހަކަތަކުން ދޭހަވަނީ، ކުރިއަށް އޮތް ތަނުގައި ޕާކިސްތާނުން ޓެރަރިޒަމަށް ހިތްވަރުދޭ ފަދަ އަމަލެއް ހިންގައިފިނަމަ، އިންޑިއާއިން ދޭނެ އަސްކަރީ ރައްދު ވަރުގަދަވާނެ ކަމާއި، އެކަމުގެ ސަބަބުން ޕާކިސްތާނުގެ ބޯޑަރުތަކަށް ނުވަތަ ގައުމުގެ ސިޔާދަތަށް ދާއިމީ ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރެވެ.
މަޝްވަރާގެ ދޮރުތައް ބަންދުވުން
ޕާކިސްތާނުގެ ފޮރިން އޮފީހުގެ ތަރުޖަމާނު ތާހިރު އަންދްރާބީ ދާދި ފަހުން ވަނީ ދެ ގައުމުގެ ދެމެދުގައި ވާހަކަދެއްކުމަށް އިންޑިއާގެ ބައެއް ފަރާތްތަކުން ގޮވާލާ ގޮވާލުންތަކަށް މަރުހަބާ ކިޔާފައެވެ. ނަމަވެސް، އިންޑިއާގެ އަސްކަރީ ލީޑަޝިޕްގެ މި ހަރުކަށި ބަސްމަގުން އެނގެނީ، ލައިން އޮފް ކޮންޓްރޯލް ސަރަހައްދުގައި ހގަމަނުޖެހުމުގެ ހަރަކާތްތައް ހުރިހާ ހިނދަކު، މަޝްވަރާގެ މޭޒަށް އެނބުރި ދިއުމުގެ އެއްވެސް ނިޔަތެއް ނިއުދިއްލީގެ ނެތް ކަމެވެ.






