އީރާނުގެ ނިއުކްލިއާއަށް ލިޔެއް ދޭނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ދެއްވައިފި

މެދުއިރުމަތީގެ މަސްރަހާ ގުޅޭގޮތުން އެމެރިކާގެ ސިޔާސަތަށް ބޮޑު ބަދަލެއް ގެންނަވައި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ދާއިމީކޮށް ހުއްޓާލުމުގެ ބަދަލުގައި، ޔަގީން ކޮށްދެވޭ ފަދަ ގޮތަކަށް 20 އަހަރުގެ މުއްދަތަކަށް އެ މަސައްކަތް މެދުކަނޑާލުމަށް އެއްބަސްވެވިދާނެ ކަމުގެ އިޝާރާތެއް ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. މިއީ ޗައިނާ ދަތުރަށް ފަހު ތްރަމްޕް ސައިޒް ވެފައިވާ މިންވަރު ހާމަވާ އަދި ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް ދިއުމަށް ވައިޓް ހައުސްއިން މަސައްކަތް ކުރަމުންދާ ކަމުގެ އެންމެ ސާފު ހެއްކެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންއާއެކު ބޭއްވި ސަމިޓަށްފަހު އެއާފޯސް ވަންގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ވަރުގަދަ ކަށަވަރުކަމެއް ލިބޭނަމަ ވަކި މުއްދަތަކަށް ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލުމަށް އެއްބަސްވެވިދާނެ ކަމަށެވެ. "20 އަހަރަކީ ފުދޭވަރެއް، އެކަމަކު އެމީހުންގެ ފަރާތުން ލިބޭ ގެރެންޓީ… އެއީ ހަގީގީ 20 އަހަރަށް ވާންވާނެ،" ޓްރަމްޕް ވިދާޅުވިއެވެ. މިއީ މީގެ ކުރިން ޓްރަމްޕް ގެންގުޅުއްވި، އީރާނުގެ ނިއުކްލިއާ މަސައްކަތްތައް މުޅިން ހުއްޓާލުމަށް ކުރި ޑިމާންޑާ ހިލާފު ނިންމުމެކެވެ.

ރައީސް ޓްރަމްޕް ހާމަކުރެއްވި ގޮތުގައި މެދުއިރުމަތީގެ ސަލާމަތީ ކަންކަމުގައި އެމެރިކާއާއި ޗައިނާ މިހާރު ތިބީ އެއްސަފެއްގައެވެ. އެގޮތުން އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމާއި، ބައިނަލްއަގުވާމީ ވިޔަފާރި މަގުތައް ކަމަށްވާ ހުރުމުޒު މަގު ހުޅުވާފައި ބޭއްވުމަށް ދެ ގައުމުންވެސް އެއްބަސްވެއެވެ. މިކަމުގައި ޗައިނާގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ޝީ ދެއްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް އީރާންގެ ނިއުކްލިއަރ ހަތިޔާރާ ބެހޭ ގޮތުން ޗައިނާއިން ރަސްމީކޮށްވެސް ނުރަސްމީކޮށްވެސް އެމެރިކާއަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

މިހާރު އޮތް ހާލަތަށް ބަލާއިރު ދެ ގައުމުގެ ދެމެދުގައި ބޮޑެތި ފަރަގުތަކެއް އެބަހުއްޓެވެ. އެމެރިކާއިން އެދެނީ މަދުވެގެން 20 އަހަރުގެ މުއްދަތަކަށް ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލައި، މިހާރު ހުރި ސުޓޮކްތައް ހަވާލުކުރުމަށެވެ. ނަމަވެސް އީރާނުން ހުށަހަޅަނީ 5 އަހަރުގެ މުއްދަތެކެވެ. އަދި އީރާނުން ޝަރުތު ކުރަނީ އެމެރިކާގެ ކަނޑުގެ ހިސާރަ ކުރުން ވަގުތުން އުވާލުމަށާއި، އެގައުމުގެ މަދަދުގާރުންނަށް ދޭ ހަމަލާތައް ހުއްޓާލުމަށެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ، ސިއްރު މަގުތަކުން އެމެރިކާއާއެކު މުއާމަލާތްތައް ކުރިއަށްދާ ކަމަށެވެ. ނަމަވެސް އެމެރިކާގެ އިހުލާސްތެރިކަމާމެދު ސުވާލު އުފައްދަވަމުން އޭނާ ވިދާޅުވީ، އިންސާފުވެރި އެއްބަސްވުމަކަށް އެމެރިކާ ތައްޔާރުކަން ޔަގީންވުމުން މަޝްވަރާތަކަށް އެނބުރި ދާނެ ކަމަށެވެ. މި މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ އަލުން ހަނގުރާމައަކަށް ދާން ތައްޔާރަށް ތިބި ކަމުގެ އިންޒާރު ދެގައުމުންވެސް ވަނީ ދީފައެވެ.

ހިއްސާ ކުރައްވާ!