އިންޑިއާގެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުދުހޭ ހަނގުރާމަމަތީ ބޯޓު "ކާލް ބައިރަވަ" ޔޫރަޕުގައި އުފެއްދުމަށް ނިންމައިފިއެވެ. މި މަޝްރޫއަކީ އިންޑިއާގެ ޑިފެންސް-ޓެކް ކުންފުންޏެއް ކަމަށްވާ އެފް.ޑަބްލިއު.ޑީ.އޭ އާއި ޕޯޗުގަލްގެ ސްކެޗްޕިކްސެލް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި ދެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ބޯޓު އުފެއްދުމުގެ މަސައްކަތް ކުރިއަށްދާނީ ޕޯޗުގަލްގައި ކަމަށެވެ. މިއީ އިންޑިއާއިން ފަރުމާކުރި ދިފާއީ އާލާތެއް ޔޫރަޕްގެ އުފެއްދުންތެރިކަމުގެ ތެރެއަށް ވަން ފުރަތަމަ ފަހަރެވެ.
މި އެއްބަސްވުމުގެ ދަށުން ބޯޓުގެ އޮޓޮނޮމަސް ސިސްޓަމްތަކާއި އެއަރފްރޭމްގެ ފަރުމާގެ މިލްކުވެރިކަން އޮންނާނީ އިންޑިއާގެ އެފް.ޑަބްލިއު.ޑީ.އޭ އަށެވެ. އަދި އެފް-16 ފަދަ ބޯޓުތަކަށް ސިމިއުލޭޝަން ސިސްޓަމްތައް ތައްޔާރުކޮށްދޭ ސްކެޗްޕިކްސެލް އިން ފޯރުކޮށްދޭނީ އޭއައި އިންޓަގްރޭޝަން، މުވާސަލާތީ ނިޒާމު އަދި ސިމިއުލޭޝަން ޓެކްނޮލޮޖީއެވެ.
"ކާލް ބައިރަވަ" އަކީ މެދު މިނުގެ އުސްމިނެއްގައި، ގިނަ ވަގުތު އުދުހުމުގެ ގާބިލުކަން ލިބިފައިވާ އޮޓޮނޮމަސް ބޯޓެކެވެ. މި ބޯޓުގެ މުހިންމު ސިފަތަކުގެ ތެރޭގައި:
- 3,000 ކިލޯމީޓަރުގެ ރޭންޖެއް ހުރުން.
- މެދުނުކެނޑި 30 ގަޑިއިރަށްވުރެ ގިނަ އިރު އުދުހުމުގެ ގާބިލުކަން.
- އޭއައި މެދުވެރިކޮށް އަމާޒުތައް ދެނެގަތުމުގެ ނިޒާމު.
- ސްވޯމް ކޯޑިނޭޝަން އަދި ރައްކާތެރި މުވާސަލާތީ ނިޒާމު ހިމެނެއެވެ.
އެފް.ޑަބްލިއު.ޑީ.އޭ ން ބުނި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން އިންޑިއާގެ އަމިއްލަ އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުގައި އޮތް ޝައުގުވެރިކަން ހާމަވެގެންދެއެވެ. އަދި މީގެ ސަބަބުން ޔޫރަޕްގެ ދިފާއީ ވިއުގަތަކާއި ނޭޓޯ އާ ގުޅުންހުރި ފުރުސަތުތަކަށް މަގުފަހިވެގެންދާނެއެވެ.
ސްކެޗްޕިކްސެލް އިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން އިންޑިއާ އާއި ޕޯޗުގަލްގެ ލެބޯޓްރީތަކުގައި އިންޖިނިއަރިން އަދި ކޯޑިންގެ މަސައްކަތްތައް ގުޅިގެން ކުރިއަށްދާނެއެވެ. އަދި އަމާޒަކީ މި ބޯޓުތައް ޕޯޗުގަލް އާއި ނޭޓޯގެ ގައުމުތަކުގެ އަސްކަރިއްޔާތަކުގައި ބޭނުންކުރުމަށް ތައްޔާރުކުރުމެވެ.





