ޓައިވާނުގެ މިނިވަންކަމާއި އަމިއްލަ އިސްތިޤްލާލާ މެދު ޗައިނާއިން ގެންގުޅޭ ހަރުކަށި ސިޔާސަތަކީ ހަމައެކަނި ބިމުގެ މިލްކުވެރިކަމާ ގުޅޭ ކަމެއް ނޫން ކަމަށާއި، އެއީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ (ސީ.ސީ.ޕީ) ވެރިކަން ދެމެހެއްޓުމާ ގުޅިފައިވާ ވަރަށް މުހިންމު ކަމެއް ކަމަށް ޓްރަމްޕްގެ ދަތުރާ ގުޅިގެން މުހައްލިލުން ބުނަން ފަށައިފިއެވެ.
ޗައިނާއިން ތްރަމްޕަށް އަންގާފައި ވަނީ ތައިވާނާ ގުޅޭ އެއްވެސް ވާހަކައެއް ބަލައި ނުގަނެވޭނެ ކަމަށެވެ. އެހެންވެ އެމެރިކާއިން ވަނީ އެކަމަށް ދީލާފައެވެ.
ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ދެކޭ ގޮތުގައި ޓައިވާނުން މިނިވަންކަން އިޢުލާނު ކުރުމަކީ، ނުވަތަ އެ ޤައުމުގެ އަމިއްލަ މިނިވަންކަމާ މެދު ޔަޤީންކަމާއެކު ވަކާލާތު ކުރުމަކީ، ޗައިނާގެ އެތެރޭގެ މަސްލަޙަތަށާއި ބައިނަލްއަޤްވާމީ މައިދާނުގައި ޗައިނާއިން ކުރާ އުންމީދުތަކަށް އޮތް ބޮޑު ނުރައްކަލެކެވެ. ބެއިޖިންގްއިން އަބަދުވެސް ބާރުއަޅަމުން ދަނީ "ވަން ޗައިނާ" ނުވަތަ "އެއް ޗައިނާ" ގެ އުސޫލުގެ ދަށުން ޓައިވާނަކީ ޒަމާނުއްސުރެ ޗައިނާގެ ބައެއް ކަމަށެވެ.
ނަމަވެސް، ތާރީޚީ ގޮތުން ބަލާއިރު މި ދަޢުވާއާ މެދު ގިނަ ސުވާލުތަކެއް އުފެދެއެވެ.
މުހައްލިލުން ބުނަނީ 1895 ވަނަ އަހަރު ވެވުނު "ޓްރީޓީ އޮފް ޝިމޮނޮސެކީ" ގެ ދަށުން ޓައިވާން ވަނީ ޖަޕާނާ ޙަވާލުކުރެވިފައެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައަށްފަހު، 1951 ވަނަ އަހަރުގެ "ސެން ފްރެންސިސްކޯ ޕީސް ޓްރީޓީ" ގެ ދަށުން ޖަޕާނުން ޓައިވާނުގެ މައްޗަށް އޮތް ހުރިހާ ޙައްޤުތަކެއް ދޫކޮށްލި ނަމަވެސް، އެ އެއްބަސްވުމުގައި ޓައިވާނުގެ މިލްކުވެރިކަން ސީދާ ޗައިނާގެ ޕީޕަލްސް ރިޕަބްލިކަށް ދީފައެއް ނުވެއެވެ.
ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ ޗައިނާގެ ބާޣީ ސަރަހައްދެކެވެ.، އަދި ދުނިޔޭގެ ގިނަ ގައުމުތަކުންވެސް މި ކަން ދެކެނޭ އެ ގޮތުގައެވެ. އެހެން ނަމަވެސް ތާރީޚީ ބައެއް ހެކި ދައްކައިގެން ޤާނޫނީ ގޮތުންނާއި ސިޔާސީ ގޮތުން ޓައިވާނުގެ ޙާލަތަކީ އަދިވެސް ބަހުސް ކުރެވެމުންދާ މައްސަލައެކެވެ.
މި މައްސަލައިގައި ޗައިނާ އެންމެ ބޮޑަށް ކަންބޮޑުވާ އަނެއް ސަބަބަކީ ޓައިވާނުގައި އޮތް ވެރިކަމުގެ ނިޒާމެވެ. ޗައިނާ ބަހުން ވާހަކަދައްކާ މުޖުތަމަޢެއްގައި، ކޮމިއުނިސްޓް ޕާޓީއާ ނުލައިވެސް، މިނިވަންކަމާއި، މުއްސަނދިކަން ހޯދިދާނެކަން ޓައިވާނުން ދަނީ ސާބިތުކޮށްދެމުންނެވެ. މިއީ ޗައިނާގެ ވެރިކަމުގެ ފަލްސަފާއަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ.
ޓައިވާނުގެ މި މިނިވަން އަމިއްލަވަންތަކަމަކީ ޗައިނާގެ މުޅި ސިޔާސީ ނިޒާމުގެ ބަލިފައި ކަމަށްވާތީ، ބެއިޖިންގްއިން މި މައްސަލައިގައި ދޫނުދީ ހިފަހައްޓަމުން ގެންދަނީ ޗައިނާގެ އެއްބައިވަންތަކަމުގެ މަޤްޞަދުގައި ކަމަށް ބެލެވެއެވެ.






