ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޖެނޮސައިޑް ޔަހޫދުން ހިންގާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކާ މެދު ހުޅަނގުންނާއި ޔަހޫދީން ކޮންޓްރޯލު ކުރާ ބައިނަލްއަގުވާމީ މީޑިއާން ގެންގުޅޭ ތަފާތުކުރުންތަކަށް އދ. ގެ ސްޕެޝަލް ރެޕަޓުއާ ފްރަންޗެސްކާ އަލްބަނީޒް ފާޑުވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ފަލަސްތީނު މީހުންނަށް ކުރާ އަނިޔާތަކާ މެދު ހުޅަނގުގެ ދުނިޔެއިން އިޖާބަދެނީ ދެފުށްކެހެރި އުސޫލަކުން ކަމަށެވެ.
އަލްޖަޒީރާގެ 'އަޕްފްރަންޓް' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަލްބަނީޒް ވަނީ އިޒްރޭލުގެ ސިފައިންގެ ބެލުމުގެ ދަށުގައި ތިބޭ ފަލަސްތީނުގެ ރަހީނުންނާއި އަސީރުންނަށް ކުރާ ޖިންސީ އަނިޔާ އާއި އަނިޔާވެރި އަމަލުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ނިއުޔޯކު ޓައިމްސްއިން ވަނީ ޔަހޫދީން ނިޒާމީ ސިފައެއްގައި ފަލަސްޠީނުގެ ރަހީނުންނާއި އަސީރުންނާ ދެކޮޅަށް ޖިންސީ އަނިޔާ ކުރާ ކަމަށް ހެއްކާއެކު ރިޕޯޓެއް ޑޮކިއުމެންޓް ކޮށްފައެވެ. ޔަހޫދީން ވަނީ މި ކަމާ މެދު ނުރުހުން ފާޅުކޮށް ޓައިމްސްއާ ދެކޮލަށް މުޒާހަރާ ކޮށްފައެވެ.
ފަލަސްތީނުގެ ޖަމިއްޔާތަކާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕްތަކުން މިފަދަ އަނިޔާތަކުގެ ހެކި އެތައް އަހަރެއް ވަންދެން އެއްކުރަމުން ދިޔަ ނަމަވެސް، ހުޅަނގުގެ ބޮޑެތި މީޑިއާން އެ ވާހަކަތައް ރިޕޯޓްކުރަންދެން ދުނިޔޭގެ ސިޔާސީ ނިޒާމުތަކުން އެކަމަށް ސަމާލުކަން ނުދޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ނިއުޔޯކް ޓައިމްސް އިން ފަލަސްތީނު މީހުންނަށް ކުރާ ޖިންސީ އަނިޔާތަކާ ގުޅޭގޮތުން ޝާއިއުކުރި ތަހުގީގީ ރިޕޯޓަކަށް އިޝާރާތް ކުރައްވަމުން އަލްބަނީޒް ވިދާޅުވީ، މިއީ ހަމައެކަނި ވަކިވަކި ހާދިސާތަކެއް ނޫން ކަމަށެވެ. މިއީ ފަލަސްތީނު މީހުން ފިއްތުމަށްޓަކައި ހިންގާ ފުޅާ އަދި ނިޒާމީ އޮނިގަނޑެއްގެ ބައެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
1967 އިން ފެށިގެން ޔަހޫދީން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ މަންދޫބު އިތުރަށް ވިދާޅުވީ، އިޒްރޭލުގެ ދައުލަތުގެ އޮނިގަނޑުގެ ތެރޭގައި އަނިޔާކުރާ މީހުންނަށް އަދަބު ނުލިބި ސަލާމަތްވެވޭނެ ސަގާފަތެއް އޮތުމަކީ، ހައްޔަރުކުރެވޭ މީހުންނަށް ކުރާ އިހާނެތި އަމަލުތައް އިތުރުވާ ސަބަބެއް ކަމަށެވެ.
ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ދުނިޔޭގެ ސަމާލުކަން ފަލަސްޠީނު މީހުންގެ ހައްގަށް ލިބުމުގައި ހުރި ޖިއޯޕޮލިޓިކަލް ތަފާތުކުރުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ފަލަސްތީނުގެ ރައްޔިތުންގެ ތަހައްމަލުކުރާ އަނިޔާތަކަކީ ތެދު ހަގީގަތެއްގެ ގޮތުގައި ބަލައިގަތުމަށް ހުޅަނގުގެ މީޑިއާއަށް ބަރޯސާވާން ޖެހުމަކީ، އަނިޔާ ލިބޭ މީހުން އިންސާފު ހޯދުމަށް ކުރާ މަސައްކަތަށް އެޅޭ ހުރަހެކެވެ. މީގެ އިތުރުން، ފުރާނައަށް ނުރައްކާވާ ހާލަތުގައި ތިބެގެން ހަގީގަތް ހާމަކުރާ ފަލަސްތީނުގެ ރިސާޗަރުންނާއި މަންޒަރުދުށް މީހުންގެ އިތުބާރު ކުޑަކުރުމަށް ޔަހޫދީން މަސައްކަތް ކުރާ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.




