ޖަރުމަނުގައި ކަރާ ފެޅުމާއި ކަރާއާ ބެހޭ ގޮތުން ވާހަކަ ދެއްކުން މަނާކޮށްފި

ޖަރުމަނު ސަރުކާރުން ވަނީ ކަރާއާއި ކަރާގެ ރަމްޒާއި ކަރާގެ ނިޝާނަކީ ހަރުކަށި ފިކުރުގެ ރަމްޒެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. އަދި ކަރާގެ ނިޝާނާއި ފޮޓޯ ބޭނުންކޮށްގެން ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ މެދު އެ ގައުމުގައި މިހާރު ވަނީ ބަހުސްތަކެއް އުފެދި ފައެވެ.

މިމައްސަލަ ދިމާވީ ފަލަސްތީނަށް ތާއީދުކުރާކަން ހާމަކުރުމަށް ޔޫރަޕްގައި އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރާ އެއް ރަމްޒު ކަމަށްވާ ކަރާގެ ނިޝާން ފަލަސްޠީނުގެ ކަންބާއާ ދިމާކޮށް ޖަރުމަންގައި އާންމުކޮށް ބޭނުން ކުރުމުންނެވެ.

ކަރާއަކީ، ފަލަސްތީނު ރަމްޒުކޮށްދޭ ސެކިއުލާ ހަރުކަށި ފިކުރާ ގުޅުންހުރި އެއްޗެއްގެ ގޮތުގައި ޖަރުމަނުގެ ދާހިލީ އިންޓެލިޖެންސް އެޖެންސީން މިހާރު ވަނީ ރަސްމީކޮށް ކަނޑައަޅައިފައެވެ. މި ނިންމުމާ ގުޅިގެން ޔޫރަޕްގެ މަދަނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކާއި ގާނޫނީ މާހިރުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

ފެޑަރަލް އޮފީސް ފޯ ދަ ޕްރޮޓެކްޝަން އޮފް ދަ ކޮންސްޓިޓިއުޝަން (ބީއެފްވީ) އިން 15 މެއި 2026 ގައި ޝާއިއުކުރި ރިޕޯޓެއްގައި ހާއްސަކޮށް އަމާޒުކޮށްފައިވަނީ، އިޒްރޭލާއި ފަލަސްތީނުގެ ބިންތަކުގެ ޖިއޮގްރަފީ ބޯޑަރުތައް ރަމްޒުކޮށްދޭ ގޮތަށް ކުރަހާފައިވާ ކަރާ ފޮއްޗެއްގެ ތަސްވީރަށެވެ. އެ އެޖެންސީން ބުނާ ގޮތުގައި އެ ބައްޓަމަށް އެ ނިޝާން ބޭނުންކުރުމަކީ، މުޅި ދައުލަތުގައި ފަލަސްތީނުގެ ދިދައިގެ ކުލަތައް ޖައްސައިގެން އިޒްރޭލު ދައުލަތް އޮތުމުގެ ހައްގަށް އިންކާރުކުރުމުގެ އަމަލެއް ކަމަށެވެ.

ޖަރުމަންވިލާތަކީ އެގައުމުން ޔަހޫދީން ފޮހެލުމަށްޓަކައި އެހެން ގައުމުތަކަށް އެމީހުން ބޭރުކޮށް ޖެނޮސައިޑެއް ހިންގި ގައުމެވެ. އަދި މިމީހުން ނިޒާމީ ސިފައެއްގައި ގެންގުޅުނު ސިޔާސަތުގެ ނުހޮރޮއްޕާނާ އާޚިރުގައި ކުރިމަތިލާން ޖެހުނު ބަޔަކީ ފަލަސްޠީނު މީހުންނެވެ. ޖަރުމަނު މީހުންގެ ސިޔާސަތުން ޔަހުދީންނަށް މޮޅެއް ލިބުނު ކަމުގައި އެމީހުން ގަބޫލު ކުރިނަމަވެސް ޔަހޫދީން ދަނީ އެކަމަކީ ޖަރުމަން މީހުން ބްލެކްމެއިލް ކުރުމަށް ބޭނުން ކުރާ ސިޔާސަތަކަށް އެކަން ހަދާފައެވެ. އެހެންވެ ޔަހުދީން ޖަރުމަން ގެންގުޅެނީ އިނގިލި ކުރީގައެވެ.

ބީ އެފްވީ އިން ވަނީ ކަރާގެ އިތުރުން، ފަލަސްތީނުގެ ސަގާފީ އެހެން ދެ ނިޝާނެއް ވެސް ހަރުކަށި ފިކުރުގެ ގިންތީގައި ހިމަނާފައެވެ.

އޭގެ ތެރޭގައި ފަލަސްތީނުގެ ރެފިއުޖީންގެ ހާލަތު ރަމްޒުކޮށްދިނުމަށް އެތައް އަހަރެއް ވަންދެން ބޭނުންކުރަމުން ގޮސްފައިވާ، ކުރެހުންތެރިޔާ ނާޖީ އަލްއަލީގެ "ހަންޠަލާ" ކާޓޫން ކަރެކްޓަރާއި، "ޔާއްލާ ޔާއްލާ އިންތިފާޟާ" މި އިބާރާތް ހިމެނެއެވެ.

ޖަރުމަން ސަލާމަތާ ބެހޭ އެޖެންސީން ބުނާ ގޮތުގައި މި ކަންކަމަކީ ޔަހޫދީންނަށް އަނިޔާވެރި ވުމަށް ހިތްވަރުދޭ ގޮވުމެއްގެ ގޮތުގައި މާނަކުރެވިދާނެ އެއްޗެކެވެ.

ޖަރުމަންގެ ސަރުކާރުގެ ނިންމުމުގެ ނަތީޖާ މަގުމަތިން ވަނީ ވަގުތުން ފެންނަން ފަށާފައެވެ.

1948 ވަނަ އަހަރު ފަލަސްތީނު މީހުން ބޭރުކޮށްލިތާ 78 އަހަރު ފުރުން ފާހަގަކުރުމަށް 16 މެއި 2026 ގައި ބާލިންގައި ބޭއްވި ނަކްބާގެ ހަރަކާތްތަކުގައި، ޖަރުމަނު ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ޕެޕަރ ސްޕްރޭ އާއި ނުހައްގު ބާރުގެ ބޭނުންކޮށްފައެވެ.

ޖަރުމަނުގައި ދިރިއުޅޭ ފަލަސްތީނު މީހުން ބުނާ ގޮތުގައި، ކަރާގެ ނިޝާން ޖަހާފައިވާ ފޮއްޗެއް ނުވަތަ ހެދުމެއް ބޭނުންކޮށްފި ކަމުގައި ވީނަމަވެސް ވަޒީފާގެ މައިދާނުގައި އެމީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާފާނެ ކަމަށް ނުވަތަ ފުލުހުންނާ ކުރިމަތިލާން ޖެހިދާނެތީ މިހާރު ބިރުގަނެއެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނަނީ ޖަރުމަނުން މިހާރު ޔަހޫދީ ޖެނޮސައިޑަށް ވާގި ވެރިވުމުގައި ހައްދުފަހަނަޅައި ގޮސްފައިވާ ކަމަށެވެ.

ގާނޫނީ މާހިރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަކާލާތުކުރާ ގޮތުގައި، ބީއެފްވީ އިން ދަނީ އެތައް އަހަރެއް ވަންދެން ސުލްހަވެރިކަމާއެކު ބޭނުންކުރަމުން އައި ސަގާފީ ރަމްޒުތަކަކީ ކުށެއް ކަމަށް ކަނޑައަޅައި، ސިޔާސީ ޚިޔާލުފާޅުކުރުން ހުއްޓުވުމަށްޓަކައި ނާޒީން އަމަލު ކުރި ބީދައިން "ހަރުކަށި ފިކުރު" ގެ މާނަ ފުޅާކުރަމުންނެވެ.

ފަލަސްތީނުގެ ޝަޚުސިއްޔަތާ ކަރާ ގުޅޭ ތާރީހު ފެށެނީ 1967 ވަނަ އަހަރުންނެވެ.

އެއީ ޔަހޫދީން ހިންގި 6 ދުވަހުގެ ހަނގުރާމައަށްފަހު، ހުޅަނގު އައްސޭރި އާއި ޣައްޒާގައި ފަލަސްތީނުގެ ދިދަ ނެގުން އިޒްރޭލުން މަނާކުރުމާ ގުޅިގެން ފަލަސްޠީނުގެ ރަމްޒެއްގެ ގޮތުގައި އާންމުން ކަރާ ބޭނުން ކުރުމާ ގުޅިގެންނެވެ.

އެއަށްފަހު، ކުރެހުންތެރިން މިކަމަށް ހޯދި ހައްލަކީ ކަރާ ފޮއްޗެކެވެ. ރަތްކުލަ، ފެހި އަދި ހުދުކުލައިގެ ތޮށިގަނޑާއި، ކަޅުކުލައިގެ އޮށްތަކުން، ދިދައިގެ ހަތަރު ކުލަ ރަމްޒުކޮށްދެނީ ގާނޫނީ ގޮތުން މަނާކަމެއް ނުކޮށް ފަލަސްޠީނު ރަމްޒު ކޮށްދިނުމަށެވެ.

1980 ވަނަ އަހަރު ރާމަﷲ ގައި ބޭއްވި އާޓް އެގްޒިބިޝަނެއް ވެސް ޔަހޫދީ ރެޖީމު ސިފައިން ހުއްޓުވާ ފައި ވަނީ އެ މައުރަޒުގައި ކަރާ ދައްކާފައިވާ ކަމަށް ބުނެއެވެ.

އޭގެ އެތައް އަހަރެއް ފަހުން މި ނިޝާން މިހާރު ވަނީ އިންޓަނެޓަށް ބަދަލުވެފައެވެ.

ޣައްޒާ ޖެނޮސައިޑަށް ފަހު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ އެލްގޮރިދަމްތަކުން ފަލަސްތީނާ ގުޅޭ ލަފުޒުތައް ސެންސަރުކުރުމުން ސަލާމަތްވުމަށް އެކްޓިވިސްޓުން ވަނީ ކަރާގެ އިމޯޖީ ބޭނުންކުރަން ފަށާފައެވެ.

މިއީ މިހާރު މުޅި ދުނިޔޭގައި ބާއްވާ މުޒާހަރާތަކުގައި އާންމުކޮށް ފެންނަ ނިޝާނެކެވެ.

ޖަރުމަނުވިލާތުން ކަރާއަކީ ހަރުކަށި ފިކުރެއްގެ ރަމްޒެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމި ނިންމުމަކީ، ވިލާތުގެ ދައުލަތްތަކުގެ ސިޔާސަތުތަކާއި އާންމު ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަމުގެ ހަރަކާތްތަކާ ދެމެދު އޮތް ނުތަނަވަސްކަން ބޮޑުވެގެންދާ ކަމެކެވެ. އަދި މިއީ ޔޫރަޕްގައި ޚިޔާލު ފާޅުކުރުން ހުއްޓުވުމަށް ގެންގުޅޭ ހުދު މީހާގެ މުނާފިގު ސިޔާސަތު ދައްކައިދޭ ކަމެކެވެ.

ހިއްސާ ކުރައްވާ!