އަޟްޙާ އީދަށް ބަންގްލަދޭޝް ތައްޔާރުވަމުން އަންނައިރު، ދުނިޔޭގެ ނުލަފާ ސިޔާސީ ދެ ލީޑަރަކާ ވައްތަރު ކަމަށް ބުނާ ދެ މީގޮނަކަށް އެ ގައުމުގައި ބޮޑު ޝަރަފެއް ލިބެން ފަށައިފިއެވެ. ބަންގްލަދޭޝްގެ ވެރިރަށް ޑާކާ ކައިރީގައި ހުރި ފާމްތަކަކުން ފެނިފައިވާ މި ދެ މީގޮަނަށް އާންމުން ނަންދީފައިވަނީ އެމެރިކާގެ ސޮލީބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ފަލަސްޠީނުގެ ޖެނޮސައިޑް އިންޖިނޭރު ބެންޖަމިން ނަތަންޔާހޫގެ ނަމުންނެވެ.
މީގެ ތެރެއިން "ޑޮނަލްޑް ޓްރަމްޕް" ގެ ނަމުން ނަންދީފައިވާ މީގޮނުގެ ބަރުދަނުގައި ގާތްގަނޑަކަށް 700 ކިލޯ ހުރެއެވެ. މި މީގޮނަށް މި ނަން ދީފައިވަނީ އޭގެ ހަމުގެ ކުލަ އަލިވެފައި، ބޮލުގައި ހުންނަ އިސްތަށިގަނޑުގެ ކުލަ ޓްރަމްޕްގެ އިސްތަށިގަނޑާ ވައްތަރުވުމުންނެވެ. މި މީގޮނު ބަލާލުމަށް ގިނަ އަދަދެއްގެ ބަޔަކު އެ ފާމަށް ޒިޔާރަތްކޮށް ސެލްފީ ނަގަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ ޕްރޮތޮމް އާލޯއަށް މައުލޫމާތު ދިން މީހަކު މަޖާޒީ ގޮތަކަށް ބުނެފައިވަނީ، މީގޮނު ޓްރަމްޕާ ވައްތަރު ނަމަވެސް އޭގެ މިޒާޖު ޓްރަމ،ްޕަށް ވުރެން މާ މަޑުމައިތިރި ކަމަށެވެ. މީގޮނުގެ ވެރިޔާ ޒިއާއުއްދީން މްރިދާ ބުނި ގޮތުގައި މި ނަން އެސޮރުގެ ސިފައަށް ބަލާފައި ދިނީ އޭނާގެ ކޮއްކޮއެވެ. އަދި އީދު ގުރުބާނީއަށް މިހާރު އެ މީގޮނު ވިއްކާލާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
މީގެ އިތުރުން ނަރަޔަންގަންޖް ސަރަހައްދުން ފެނިފައިވާ އަނެއް މީގޮނަށް ނަންދީފައިވަނީ ޖެނޮސައިޑް ރެޖީމްގެ ޔަހޫދީ ކަލޭގެ "ބެންޖަމިން ނަތަންޔާހޫ" ގެ ނަމުންނެވެ. 750 ކިލޯއަށްވުރެ ބަރު މި މީގޮނަކީ ޓްރަމްޕްގެ ނަމުން ނަންދީފައިވާ މީގޮަނާ ހިލާފަށް ވަރަށް ނުލަފާ އަދި ޚަސީލަތް ނުބައި ސޮރެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި މީގޮނު، ބަލަހައްޓާ މީހުންނާ ދިމާލަށް ދުވެ، އާދަޔާ ހިލާފަށް ކޮންޓްރޯލް ކުރަން އުނދަގޫ މިޒާޖެއް މި މީގޮނުގެ ހުންނަ ކަމަށް ފާމުން މައުލޫމާތު ދެއެވެ. މި ދެ މީގޮނުގެ ވާހަކަ ސޯޝަލް މީޑިއާގައި ވައިރަލްވުމާއެކު، ގިނަ ބައެއްގެ ޝައުގުވެރިކަން ވަނީ މި ދެ ސަރަހައްދަށް ހުއްޓިފައެވެ.





