އޮސްޓްރޭލިއާގެ ގައުމީ އެއާލައިން، ކުއަންޓަސްގެ ފްލައިޓެއްގައި ދަތުރުކުރި ފަސިންޖަރަކު ފްލައިޓް އެޓެންޑެންޓެއްގެ ގައިގައި ދަތްއެޅުމާ ގުޅިގެން އެ ފްލައިޓް އެހެން އެއާޕޯޓަކަށް ޑައިވާޓްކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އޮސްޓްރޭލިއާގެ މެލްބަންއިން އެމެރިކާގެ ޑަލަސްއަށް ދަތުރުކުރި ފްލައިޓެއްގައެވެ. ފަސިންޖަރުގެ ފަރާތުން ފެނުނު ނުރައްކާތެރި އަމަލުތަކުގެ ސަބަބުން ފްލައިޓް ވަނީ ފްރެންޗް ޕޮލިނީޝިއާގެ ވެރިރަށް ޕަޕީޓޭއަށް ޖައްސާފައެވެ.
އޮސްޓްރޭލިއާގެ ގައުމީ ބްރޯޑްކާސްޓަރު އޭބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ފިރިހެން މީހާ ކޮންޓްރޯލް ނުކުރެވުމުން އޭނާ ހިފެހެއްޓީ ފްލައިޓްގައި ތިބި އެހެން ފަސިންޖަރުންނެވެ. އެ މީހާ ވަނީ ކުއަންޓަސްގެ މުވައްޒަފެއްގެ ގައިގައި ދަތްއަޅާފައެވެ.
ފްލައިޓް ޕަޕީޓޭގައި ޖެއްސުމާއެކު އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ މީހާ ފްލައިޓުން ބާލައި ހައްޔަރުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ކުއަންޓަސް އެއާލައިނުން ވަނީ އެ މީހާ އެ އެއާލައިންގެ އެއްވެސް ފްލައިޓެއްގައި ދަތުރުކުރުން މުޅި އުމުރަށް މަނާކޮށްފައެވެ. މިކަން ކުރީ އެމެރިކާ މީހެއް ކަމަށްވެސް ބުނެއެވެ. ނަމަވެސް އެކަން ޔަގީނެއް ނުކުރެވެއެވެ.
ކުއަންޓަސްގެ ތަރުޖަމާނަކު އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނީ، "އަޅުގަނޑުމެންގެ އެންމެ އިސް އިސްކަމަކީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ގައިގައި ދަތް އެޅުމުން ރައްކާތެރި ކުރުމާއި ސަލާމަތާއި ރައްކާތެރިކަން،" ކަމަށެވެ. އަދި ފްލައިޓްތަކުގައި ފަސިންޖަރުންގެ ފަރާތުން ފެންނަ މިފަދަ ނުރައްކާތެރި އަމަލުތަކަށް އެ އެއާލައިނުން އެއްވެސް ވަރަކަށް ކެތްނުކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.







