ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މަގާމުން ދުރުކުރުމަށް އެމެރިކާއިން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި، އެކަމަށް ބާރުދޭ ސިއްރު ޑިޕްލޮމެޓިކް ލިޔުމެއް "ޑްރޮޕް ސައިޓް" ނަމަކަށް ކިޔާ ތަހުގީގީ ނޫހަކުން އާންމުކޮށްފިއެވެ. މިއާއެކު، އިމްރާން ޚާން މީގެ ކުރިން ކުރައްވަމުން ގެންދެވި ތުހުމަތުތަކުގެ ސާބިތުކަން ވަނީ ޔަގީން ވެފައެވެ.
"ކޭބަލް I-0678″ ގެ ނަމުން ނަންދެވިފައިވާ މި ރަސްމީ ލިޔުމަކީ، 2022 ވަނަ އަހަރުގެ އޭޕްރީލް މަހު އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުޑަދުވަސްކޮޅެއް ކުރިން، ވޮޝިންޓަންގައި ހުންނަވާ ޕާކިސްތާނުގެ އޭރުގެ ސަފީރާއި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އިސް އޮފިޝަލެއް ކަމަށްވާ ޑޮނަލްޑް ލޫއާ ދެމެދު ބޭއްވި ބައްދަލުވުމެއްގެ ރެކޯޑެކެވެ.
ޑޮނަލްޑް ލޫ އަކީ ޕާކިސްތާނާއި ބަނގްލަދޭޝްގެ ސަރުކާރުތައް ވައްޓާލުމުގައި އިސް ދައުރެއް އަދާ ކުރި އެމެރިކާ މަސްއޫލުވެރިޔާއެވެ.
އިމްރާން ޚާން މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، އޭނާ ގެންގުޅުއްވި މިނިވަން ޚާރިޖީ ސިޔާސަތާއި، ރަޝިޔާ އަދި ޗައިނާއާ ދެކޮޅަށް އެމެރިކާއިން ކުރާ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިނުވުމުގެ ސަބަބުން، އެމެރިކާ އަޑީގައި އޮވެގެން އޭނާ ވެރިކަމުން ދުރުކުރީ ކަމަށެވެ. ނަމަވެސް އެމެރިކާ ސަރުކާރުން މި ތުހުމަތުތައް އަބަދުވެސް ދޮގުކުރެއެވެ. އެމެރިކާއިން ބުނަމުންދަނީ އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި، ބޭރުގެ ނުފޫޒެއް އޮތްކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް އިމްރާން ޚާނަށް ދެއްކިފައި ނުވާ ކަމަށެވެ.
އިމްރާން ޚާން ވެރިކަމުން ދުރުކުރުމަށް ފަހު އެކަމުގައި އިސްކޮށް އުޅުނު ސިފައިން ވަނީ ޕާކިސްތާންގެ ޑިމޮކްރެޓިކް ނިޒާމު އެމީހުން ބޭނުން ގޮތަށް ބައްޓަން ކޮށް ގާނޫނުއަސާސީއާއި ޖުޑިޝަރީއަށް ބަދަލު ގެނަސް ސަރުކާރަށް ވުރެން މަތީގައި ތިބީ ސިފައިންކަން ހާމަކޮށްދީފައެވެ. އިމާރް ޚާން މަގާމުން ދުރުކުރުުމުގައި އަޑީގައި އުޅުނީ މިހާރުގެ ސިފައިންގެ ވެރިޔާ އާސިމް މުނީރެވެ. އާސިމް މުނީރާ އިމްރާން ޚާނާ ދެމެދު ވެރިކަމުގެ ދފުވަސްވަރު ޒުވާބުތަކެއް ހިނގައި އާސިމް މުނީރުގެ މަގާމު ބަދަލު ކުރެވުނެވެ.
އެމެރިކާގެ ސިއްރު ލިޔުން އާންމުވުމާ ގުޅިގެން ޕާކިސްތާނުގެ ސިޔާސީ މަސްރަހުގައި ބަހުސްތަކެއް ވަނީ އުފެދިފައެވެ. އިމްރާން ޚާނަށް ތާއީދުކުރާ ފަރާތްތަކުން މި ލިޔުމަކީ އޭނާގެ ވާހަކަތަކުގެ ތެދުކަން ސާބިތުވާ "އިތުބާރު ހުރި ހެއްކެއް" ކަމަށް ބުނަމުންދާއިރު، އޭނާއާ އިދިކޮޅު ފަރާތްތަކުން ބުނަނީ މި ލިޔުމުން އެމެރިކާގެ ސީދާ ބައިވެރިވުމެއް އޮތްކަން އަދިވެސް ސާބިތުނުވާ ކަމަށެވެ.
އިމްރާން ޚާން ވަނީ ޝައްކު އުފެދޭ ފަދަ ޝަރީއަތެއްގައި އަދިވެސް ޖަލުގައި ބަންދުކޮށްފައެވެ. އޭނާގެ އަންހެނުން ބުޝްރާ ބީބީވެސް ވަނީ ޖަލަށް ލައިފައެވެ. އަދި އާއިލާއަށް ދެ ބޭފުޅުންނާ ބައްދަލު ކުރެވެނީވެސް މަގުމަތީގެ މުޒާހަރާތަކާއި އިހުތިޖާޖަށް ފަހުއެވެ.





