އީރާނުގެ ހުށަހެޅުންތައް އެމެރިކާއިން ބޭރުކޮށްލި ނަމަވެސް، ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދަނީ

އީރާނުން ހުށަހެޅި 14 ނުކުތާގެ ފްރޭމްވޯކް އެމެރިކާއިން ފާޅުގައި ދެކޮޅު ހެދިި ނަމަވެސް، ޕާކިސްތާނު މެދުވެރިކޮށް ދެ ގައުމުގެ ދެމެދުގައި ޚިޔާލު ބަދަލުކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް ތެހެރާނުން ބުނެފިއެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އީރާނުގެ ހުށަހެޅުންތަކާ ގުޅިގެން އެމެރިކާގެ ކަންބޮޑުވުންތަކާއި އިސްލާހުކުރެވިފައިވާ ބައެއް ނުކުތާތައް މިދިޔަ ހަފްތާގައި ޕާކިސްތާނު މެދުވެރިކޮށް ލިބިފައިވާ ކަމަށެވެ.

ޔުރޭނިއަމް މުއްސަނދިކުރުމުގެ ހައްގު ދޫނުކުރާނެ

އެމެރިކާގެ ހުށަހެޅުންތަކުގައި އީރާނުގެ ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ހުރި ވާހަކަތަކަށް ރައްދު ދެއްވަމުން ބަގާއީ ވިދާޅުވީ، ޔުރޭނިއަމް މުއްސަނދިކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އީރާނަށް ލިބިގެންވާ ހައްގެއް ކަމަށެވެ. "މިއީ އަޅުގަނޑުމެން މަޝްވަރާކުރާނެ ނުވަތަ ދޫދޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ. އަދި މިއީ އެހެން ފަރާތަކުން އީރާނަށް ދޭންޖެހޭ ހުއްދައެއް ނޫން ކަމަށާއި، ނިއުކްލިއާ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާ (އެންޕީޓީ) ގެ ދަށުން އެ ހައްގު އޮތީ ލިބިފައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން

ހުރުމުޒްގެ ސަލާމަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބަގާއީ ވިދާޅުވީ އެ ސަރަހައްދަކީ މުޅި ދުނިޔެއަށްވެސް މުހިންމު ސަރަހައްދެއް ކަމަށާއި، އޮމާނާއެކު ގުޅިގެން އެތަނުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެމެރިކާއާއި އިޒްރޭލުން ގާނޫނާ ޚިލާފަށް ހިންގާ އަމަލުތަކުން ސަލާމަތްވުމަށް އީރާނުން އަޅާ ފިޔަވަޅުތަކަކީ ގައުމީ ސަލާމަތާއި އިސްތިގުލާލު ދިފާއުކުރުމަށް ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން ކުރާ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާއާއި އިޒްރޭލާ ދެކޮޅަށް ގާނޫނީ ފިޔަވަޅު

އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކާ ގުޅިގެން ބައިނަލްއަގުވާމީ އިދާރާތަކަށް މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް ތަރުޖަމާނު ހާމަކުރެއްވިއެވެ. މީގެ ތެރޭގައި އެމެރިކާއިން އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމާއި، ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ ގުޅޭ މައްސަލަތައް ހިމެނެއެވެ. ބަގާއީ އިތުރަށް ވިދާޅުވީ އީރާނުގެ ދުޝްމަނަކީ އެމެރިކާގެ ރައްޔިތުން ނޫން ކަމަށާއި، ނަމަވެސް އެމެރިކާގެ ސަރުކާރުން އިޒްރޭލުގެ ބޭނުންތަކަށްޓަކައި ކުރާ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ރައްޔިތުންނަށްވެސް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.

ޗައިނާއާއެކު އޮތް ގުޅުން ވަރުގަދަކުރުން

އީރާނާއި ޗައިނާގެ ގުޅުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބަގާއީ ވިދާޅުވީ، ޗައިނާގެ ކަންކަމާ ބެހޭ ޚާއްސަ މަންދޫބެއްގެ ގޮތުގައި ޕާލަމަންޓުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް އައްޔަންކުރެއްވުމަކީ ޗައިނާއާއެކު އޮތް ގުޅުމަށް އީރާނުން ދޭ އަހައްމިއްޔަތު ހާމަވާ ކަމެއް ކަމަށެވެ. ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއެކު ޗައިނާއާއެކު އޮތް ގުޅުން އެންމެ މަތީ ފަންތީގައި ދެމެހެއްޓުމަކީ އީރާނުގެ ގައުމީ މަސްލަހަތަށް މުހިންމު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!