ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހުރުމުޒް ކަނޑުއޮޅި ބެލެހެއްޓުމަށްޓަކައި އީރާނުން އާ އިދާރާއެއް އުފައްދާފައިވާކަން އެ ގައުމުން އިއުލާނުކޮށްފިއެވެ. އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އިދާރާ އުފެއްދިކަން ހާމަކޮށްފައިވަނީ އީރާނުގެ އެންމެ މަތީ ސަލާމަތީ މަޖިލީހުންނެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި އާ އިދާރާއަށް ދީފައިވާ ނަމަކީ "ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީ" އެވެ. މި އިދާރާގެ މައިގަނޑު މަގްސަދަކީ ހުރުމުޒު ކަނޑުއޮޅީގައި ހިނގާ ކަންކަމާއި އޮޕަރޭޝަންތަކުގެ އެންމެ ފަހުގެ މައުލޫމާތު ވަގުތުން ވަގުތަށް ފޯރުކޮށްދިނުމެވެ.
މި އާ އިދާރާ މެދުވެރިކޮށް "ހުރުމުޒް ކަނޑުއޮޅީގެ އޮޕަރޭޝަންތަކާއި އެންމެ ފަހުގެ ކުރިއެރުންތަކާ ގުޅޭ މައުލޫމާތު އަދާހަމަކޮށް ލިބޭނެ" ކަމަށް ސަލާމަތީ މަޖިލީހުން ބުނެފައިވެއެވެ. މިއީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
ހުރުމުޒު ކަނޑުއޮޅިއަކީ އީރާނުގެ ކަނޑުގެ ސަރަހައްދުގައި އޮންނަ މަގެކެވެ.




