ޑްރަގް ލޯޑް އަންމޯލް ޕިންކީ ރާއްޖެއަށް ދަތުރުކުރި ބާ؟ އޭނާގެ ދަތުރުފަތުރުގެ ރެކޯޑްތައް ހާމަވެއްޖެ

ޕާކިސްތާނުގައި ކޮކެއިންގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ އަންމޯލް ނުވަތަ އާންމު ނަމުން ނަމަ "ޕިންކީ" ގެ ދަތުރުފަތުރުގެ ރެކޯޑްތަކާ ގުޅޭ އާ މައުލޫމާތުތަކެއް މީޑިއާއިން ހާމަކޮށްފިއެވެ. މަސްދަރުތަކާ ހަވާލާދީ އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަންމޯލް މިހާތަނަށް ގައުމުން ބޭރަށް ދަތުރުކޮށްފައިވަނީ އެންމެ ފަހަރަކުއެވެ.

ލިބިފައިވާ ރެކޯޑްތަކުން އެނގޭ ގޮތުގައި އޭނާ ޕާކިސްތާނުން ބޭރަށް ފުރާފައިވަނީ 25 ޑިސެމްބަރު 2018 ގައެވެ. ކަރާޗީ މަގުން އޭނާ ދަތުރުކުރީ އަޒަރުބައިޖާންގެ ބާކޫއަށެވެ. ގާތްގަނޑަކަށް ތިން މަސް ދުވަހު ބޭރުގައި އުޅުމަށްފަހު އޭނާ އެނބުރި ޕާކިސްތާނަށް އައިސްފައިވަނީ 1 އެޕްރީލް 2019 ގައެވެ.

އެއާޕޯޓް މަސްދަރުތަކުން ބުނާ ގޮތުގައި އަންމޯލްގެ ފިރިމީހާ، ކުރީގެ ޕޮލިސް އިންސްޕެކްޓަރު ރާނާ އަކްރަމް ވެސް ވަނީ ދެ ފަހަރެއްގެ މަތިން ބާކޫއަށް ދަތުރުކޮށްފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހާއި ޑިސެމްބަރު މަހު އޭނާ ބާކޫއަށް ދަތުރުކޮށްފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.

މި މައްސަލައިގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ ރާނާ އަކްރަމްގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މީގެ ކުރިން އަންމޯލް ޕިންކީ އާއި އޭނާގެ ބައިވެރިޔާ ކިރަން ހައްޔަރުކުރީ ރާނާ އަކްރަމްއެވެ. ނަމަވެސް 500 މިލިއަން ރުޕީސްގެ ރިޝްވަތާއި ދެ އުޅަނދު ދިނުމުން އެ ދެމީހުން ދޫކޮށްލާފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.

"ކޮކެއިން ކުއީން" ގެ ނަމުން މަޝްހޫރުވެފައިވާ އަންމޯލް ޕިންކީ މި މަހުގެ ކުރީކޮޅު ހައްޔަރުކުރީ މަސްތުވާތަކެއްޗާއި ހުއްދަނެތް ހަތިޔާރު ގެންގުޅުނު މައްސަލައެއްގައެވެ. މި މައްސަލަ މިހާރު ވަނީ ސިންދު ޕޮލިހުގެ ބޮޑު ފަޟީހަތަކަށް ބަދަލުވެފައެވެ. އެގޮތުން އޭނާއަށް "ވީއައިޕީ ޕްރޮޓޮކޯލް" ދިން މައްސަލައިގައި ތިން ފުލުހަކު ވަނީ ސަސްޕެންޑްކޮށްފައެވެ.

އަންމޯލް ކޯޓަށް ހާޒިރުކުރި އިރު ބިޑި އަޅުވާފައި ނުވާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ގިނަ ބަޔަކު ބުނަމުންދަނީ މިއީ ޕާކިސްތާނުގެ އަދުލު އިންސާފުގެ ނިޒާމުގެ ތެރޭގައި އޮތް ތަފާތުކުރުންތަކާއި ފައިސާވެރިންނަށް ލިބޭ އިމްތިޔާޒުތައް ހާމަވެގެންދާ ކަމެއް ކަމަށެވެ.

ހިއްސާ ކުރައްވާ!