ބުލްޑޯޒަރާ ރައްޓެހި ބީޖޭޕީން ވެސްޓްބެންގޯލްގައި ބުލްޑޯޒަރު ބޭނުންކޮށްގެން ތަންތަން ތަޅާލަނީ

ވެސްޓް ބެންގާލްގެ އައު ބީޖޭޕީ ސަރުކާރުން އެ ސްޓޭޓްގެ އެކި ސަރަހައްދުތަކުގައި ހުރި މުސްލިމުންގެ ބިނާތައް ގަވާއިދާ ހިލާފު ބިނާތައް ކަމަށް ބުނެ ނައްތާލުމަށް ފެށި ބޮޑު ކެމްޕޭނުގެ ދަށުން، މިދިޔަ ހަފްތާ ބަންދުގައި ކޮލްކަޓާގެ އެކި ސަރަހައްދުތަކުގައި ބުލްޑޯޒަރު ބޭނުންކޮށްގެން ތަންތަން ތަޅާލަން ފަށައިފިއެވެ. ހޮނިހިރު ދުވަހުގެ މެންދުރު ފަހުން ފެށި މި އޮޕަރޭޝަންގައި މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ހައުރާ އަދި ސީލްދާ ރޭލްވޭ ސްޓޭޝަން ކައިރީގައި ހުރި ގަވާއިދާ ހިލާފު ފިހާރަތަކާއި ހަދާފައިވާ ވަގުތީ ބިނާތަކަށެވެ.

ޗީފް މިނިސްޓަރު ސުވެންދޫ އަދިކާރީގެ ސަރުކާރުން މަގާމާ ހަވާލުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ފެށި މި ހަރަކާތަކީ، ކޮލްކަޓާ އާއި އެ ސިޓީގެ ވަށައިގެންވާ ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތަކާއި މަގުމަތީގައި ވިޔަފާރި ކުރާ މީހުން ހިސާރުކޮށްފައިވާ ކަމަށް ބުނާ އާންމު ތަންތަން ހުސްކުރުމަށް ހިންގާ ކެމްޕޭނެކެވެ. މިހާރުވެސް ގިނަ އަދަދެއްގެ މެޝިނަރީ ބޭނުންކޮށްގެން މަގުމަތީގައި ހުރި ހުރަސްތައް ނައްތާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ބީޖޭޕިއަކީ ބުލްޑޯޒަރާ ވަރަށް ރައްޓެހި ބައެކެވެ. މުސްލިމުން ގަވާއިދު ޚިލާފު ވެއްޖަކަމަށް ބުނެ އެމީހުންގެ ގެތައް ތަޅާ ލުމަކީ ބީޖޭޕީގެ ސަރުކާރުތަކުން އާންމު ކޮށް ހިންގާ ޖަރީމާއެކެވެ!

މި އޮޕަރޭޝަނުގެ ތެރެއިން ހޯމަ ދުވަހު ހައުރާގެ ވޯޑް 44 ގައި ހުރި ފަސް ބުރީގެ އިމާރާތެއް ތަޅާލުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެ އިމާރާތަށް ހުއްދަ ދީފައިވަނީ އެންމެ ބުރިއެއް ނެގުމަށެވެ. މިއީ އައު ސަރުކާރުން އިމާރާތްކުރުމުގެ ގަވާއިދުތައް ތަންފީޒުކުރުމަށް ފެށި ފުރަތަމަ ބޮޑު ފިޔަވަޅެވެ.

ސްޓޭޓް މިނިސްޓަރު ދިލިޕް ގޯޝް ވިދާޅުވީ ކޮލްކަޓާގައި މިހާރު ކުރިއަށްދާ އޮޕަރޭޝަނަކީ "އަދި ފެށުމެއް" ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސްޓް ބެންގާލްގެ އެހެން ޑިސްޓްރިކްޓްތަކުގައި ވެސް ބުލްޑޯޒަރު ބޭނުންކޮށްގެން މިފަދަ ހަރަކާތްތައް ހިންގާނެ ކަމުގެ އިޝާރާތެއް އޭނާ ވަނީ ދެއްވާފައެވެ.

އާދީއްތަ ދުވަހުގެ ހެނދުނާ ހަމައަށް ކުރިއަށްދިޔަ މި ހަރަކާތުގެ ސަބަބުން ހައުރާ އަދި ސީލްދާ ސްޓޭޝަން ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ އެތައް ފިހާރައަކާއި ވިޔަފާރިތަކަކަށް ވަނީ އަސަރުކޮށްފައެވެ.

ހިއްސާ ކުރައްވާ!