އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަކީ "ހަރުފަ ނައްޓުވާ ޖާދޫގަރެއް"ގެ ގޮތުގައި ސިފަކޮށް، ނޯވޭގެ މަޝްހޫރު ނޫހަކުން ޝާއިއުކުރި ކާޓޫނަކާ ގުޅިގެން އެ ނޫހަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. ނޯވޭގެ ނޫހެއް ކަމަށްވާ "އަފްޓެންޕޯސްޓަން" އިން ޝާއިއުކުރި މި ކާޓޫނަކީ ނަސްލީ ތަފާތުކުރުންތަކާއި އިސްތިއުމާރީ ޒަމާނުގެ ބޯދާ ވިސްނުންތަކަށް ބިނާކޮށް ކުރަހާފައިވާ އެއްޗެއް ކަމަށް އިންޑިއާއިން ދަނީ ބުނަމުންނެވެ.
އިންޑިއާ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ކާޓޫނުގައި މޯދީ ހުންނަވަނީ ހަރުފައެއްގެ ބައްޓަމަށް އިންނަ ތެޔޮ އަޅާ ހޮޅިއެއް ހިފަހައްޓައިގެންނެވެ. މި ކާޓޫނު ޝާއިއުކޮށްފައިވަނީ "ވިސްނުންތޫނު އަދި ކުޑަކޮށް އުނދަގޫ މީހެއް" މި ސުރުޚީގެ ދަށުން ލިޔެފައިވާ ޚިޔާލު ފާޅުކުރާ މަޒުމޫނަކާ އެކުގައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މި ކުރެހުމަކީ ހުޅަނގުގެ ގައުމުތަކުން އިންޑިއާއާ މެދު ގެންގުޅޭ ބޯދާ ތަސައްވުރުތައް ދަމަހައްޓައި، އިންޑިއާގެ އިހުސާސްތަކަށް އިހުތިރާމް ކުޑަކުރުމުގެ އަމަލެކެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ މޯދީ އޮސްލޯއަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޯވޭގެ ނޫސްވެރިއަކު މޯދީއާ ކުރަން އުޅުނު ސުވާލަކާ ގުޅިގެން އުފެދުނު ނުތަނަވަސްކަމުގެ ތެރޭގައެވެ. ނޯވޭގެ ނޫސްވެރިޔާ ހެލީ ލިންގް ވަނީ މޯދީ ސުވާލުތަކަށް ޖަވާބު ނުދެއްވަނީ ކީއްވެތޯ ސުވާލުކޮށްފައެވެ. އެސުއާލު ކުރި ވަގުތަކީ މޮދީ ޕޯޑިއަމުން ފައިބައި ވަޑައިގެންނެވި ވަގުތެވެ. އަދި ޕްރޮޓޮކޯލްގައި ސުއާލު ޖަވާބު ސެޝަނެއްވެސް ހިަމނާފައެއް ނުވެއެވެ. އެ ސުވާލަށް މޯދީ ޖަވާބު ނުދެއްވި ނަމަވެސް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ޑިޕްލޮމެޓް ސިބީ ޖޯޖް ވަނީ އެކަމަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ.
ޚާރިޖީ ގޮތުން މިފަދަ ނުތަނަވަސްކަމެއް އޮތް ދަނޑިވަޅެއްގައި މިފަދަ ކާޓޫނެއް ޝާއިއުކުރުމަކީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ބަހުސްގެ ނިވަލުގައި ހުރެ ބޮޑުވަޒީރަށް މަލާމާތްކުރުމަށް ކުރި ކަމެއްގެ ގޮތުގައި އިންޑިއާއން ސިފަ ކުރެއެވެ.
މި ކާޓޫނަކީ އިސްތިއުމާރީ ޒަމާނުގައި އިންޑިއާގެ އައިޑެންޓިޓީ ކުޑަކޮށްލުމަށް ބޭނުންކުރި ފަދަ ސިފަކުރުންތަކެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކާއި، މުހައްލިލުން އަދި ނޯވޭއާއި ބޭރުގައި އުޅޭ އިންޑިއާގެ މީހުން ބުނާ ގޮތުގައި މިފަދަ އިހާނެތި ސިފަކުރުންތަކަކީ ޒަމާނީ ނޫސްވެރިކަމުގައި ޖާގަ އޮންނަންޖެހޭނެ ކަންކަމެއް ނޫނެވެ.
ބޮޑުވަޒީރު މޯދީ މިހާރު ކުރައްވަމުން ގެންދަވާ ފަސް ގައުމުގެ ދަތުރުފުޅުގެ ތެރެއިން ނޯވޭއަކީ މުހިންމު އެއް މަންޒިލެވެ. ނަމަވެސް މި ކާޓޫނުގެ މައްސަލައާ ގުޅިގެން، ރަސްމީ ބައްދަލުވުންތަކުގެ ބަދަލުގައި މިހާރު ސަމާލުކަން ހުއްޓިފައިވަނީ މީޑިއާގެ އަޚުލާގާއި ސަގާފީ އިހުސާސްތަކަށް ބެލުމެއް ނެތި ކުރާ މިފަދަ އަމަލުތަކަށެވެ. މިހާތަނަށް "އަފްޓެންޕޯސްޓަން" ނޫހުން މިކަމާ ގުޅޭގޮތުން ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.






