އިންޑިއާ އާއި ރާއްޖޭގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ރަސްމީކޮށް ކުރިއަށް

އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ގާއިމުކުރުމަށް ބޭނުންވާ 'ޓާމްސް އޮފް ރިފަރެންސް' ފައިނަލްކޮށް، އެއްބަސްވުމުގެ ރަސްމީ މަޝްވަރާތައް ފަށައިފިއެވެ. މި މަޝްވަރާތައް ނިންމާލައި 2026 ވަނަ އަހަރުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ބެލެވެއެވެ.

އިންޑިއާގެ ޑިޕާޓްމަންޓް އޮފް ކޮމާސް އިން ހާމަކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމަކީ އެ ގައުމުގެ ބައިނަލްއަގުވާމީ ވިޔަފާރި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ. އިންޑިއާގެ ހައިކޮމިޝަނުން ވެސް ވަނީ އެކްސްގައި މިކަން ކަށަވަރުކޮށްދީ، ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

މި އެއްބަސްވުމުގެ ބިންގާ އެޅިގެން ދިޔައީ 2025 ވަނަ އަހަރުގެ ޖުލައި މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ވެވުނު އިގްތިސާދީ އެއްބަސްވުންތަކުގެ ތެރެއިން، މިހާރު މިވަނީ މަޝްވަރާތައް ކުރިއަށް ގެންދާނެ ރަސްމީ އޮނިގަނޑެއް އެކުލަވާލެވިފައެވެ.

ރާއްޖެއަކީ ކާބޯތަކެއްޗާއި، ބޭހާއި، އަދި އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ހޯދުމުގައި އިންޑިއާއަށް ބޮޑަށް ބަރޯސާވާ ގައުމެކެވެ. ހަމައެއާއެކު، އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މާކެޓަކަށް ވާއިރު، ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގައި ވެސް އެ ގައުމަކީ މުހިންމު ބައިވެރިއެކެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ނަގާ ޓެރިފްތައް ކުޑަވެ، އިންވެސްޓްމަންޓްތަކަށް މަގުފަހިވެގެންދާނެއެވެ.

މި އެއްބަސްވުމަކީ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، އެކި ގައުމުތަކާއެކު އޮންނަ ވިޔަފާރީގެ ގުޅުންތައް ވަރުގަދަ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. ރާއްޖެއިން މިހާރު ވެސް ދަނީ ޗައިނާއާއެކު ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، އެކި ގައުމުތަކުގެ ފައިސާއިން މުއާމަލާތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ.

މި ނިންމުމަކީ ދެ ގައުމަށް ވެސް ފައިދާހުރި ނިންމުމެކެވެ. ރާއްޖެއަށް އިގްތިސާދީ ގޮތުން އިތުރު ފުރުސަތުތަކާއި މާކެޓް އެކްސެސް ލިބިގެންދާއިރު، އިންޑިއާ ކަނޑުގެ ސަރަހައްދުގައި އިންޑިއާގެ ދައުރު މި އެއްބަސްވުމުގެ ސަބަބުން އިތުރަށް ފުޅާވެގެންދާނެއެވެ. މަޝްވަރާތައް ކުރިއަށްދާނެ ތާވަލުގެ އިތުރު ތަފްސީލުތައް ކުރިއަށް އޮތް މަސްތަކުގައި ދެ ސަރުކާރުން ހާމަކުރާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!