ޣައްޒާގައި އިސްރާއީލުން ކުރިއަށްގެންދާ ލާއިންސާނީ ޖެނޮސައިޑް ހަނގުރާމައާއި ހިސާރުގެ ސަބަބުން، މިއަހަރުގެ އަޟްޙާ އީދުގައިވެސް ފަލަސްޠީނުގެ ދެ މިލިއަނަށްވުރެ ގިނަ ރައްޔިތުންނަށް އުޟުހިޔާ ކަތިލުމުގެ މާތް އަޅުކަމުން މަހްރޫމްވެއްޖެއެވެ. މިއީ ޣައްޒާގެ ރައްޔިތުން މި އަޅުކަމުން މަހްރޫމްވި ޖެހިޖެހިގެން ތިންވަނަ އަހަރެވެ.
ޣައްޒާގެ ބާޒާރުގައި ޖަނަވާރު މަދުވުމުގެ ސަބަބުން އަގުތައް ވަނީ އަތްނުފޯރާ ފަށަށް އުފުލިފައެވެ. މަސްވެރިއެއް ކަމަށްވާ އަކްރަމް ސައީދު ބުނި ގޮތުގައި، ހަނގުރާމައިގެ ކުރިން ކިލޯއެއް 25 ޝެކޭލްއަށް ލިބުނު ނަމަވެސް، މިހާރު ކިލޯއެއްގެ އަގު ވަނީ 300 ޝެކޭލްއަށްވުރެ މައްޗަށް އަރާފައެވެ. 45 ކިލޯގެ ކުޑަ ބަކަރިއެއްގެ އަގު މިހާރު ހުރީ 14،000 ޝެކޭލްގައެވެ.
ޣައްޒާގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު އަލް ސޫސީ ބުނީ، "މިއީ އަހަރެން އުޟުހިޔާ ކަތިނުލާ ތިންވަނަ އަހަރު. ބާޒާރުގައި ތަކެތި މަދުވެފައި އަގުތައް ހުރީ އިންތިހާ ބޮޑުކޮށް،" ކަމަށެވެ. އޭނާ އިތުރަށް ބުނީ މިއީ މުސްލިމުންގެ ދީނީ އިހުސާސްތަކަށް ގަސްތުގައި ދޭ ހަމަލާއެއް ކަމަށެވެ.
ޖެނޮސައިޑް ޔަހޫދީ އިސްރާއީލުގެ ސިފައިން ވަނީ ޣައްޒާގެ ޖަނަވާރު ގެންގުޅޭ ފާމްތަކާއި ކާނާ ރައްކާކުރާ ގުދަންތަކަށް ސީދާ އަމާޒުކޮށް ހަމަލާދީފައެވެ. މީގެ ސަބަބުން ޣައްޒާގެ ޖަނަވާރުގެ އާބާދީ ވަނީ މުޅިންހެން ހަލާކުވެފައެވެ. ހަނގުރާމައިގެ ކުރިން ޣައްޒާއަށް އަހަރަކު 10،000 އާއި 20،000 އާ ދެމެދުގެ އަދަދަކަށް ގެރި އަދި 40،000 އެއްހާ ބަކަރި އެތެރެކުރި ނަމަވެސް، މިހާރު އެއްވެސް ޖަނަވާރެއް އެތެރެކުރުމުގެ ހުއްދައެއް ނުދެއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ޖަމްއިއްޔާ އިން ހާމަކުރާ ގޮތުގައި ޣައްޒާގެ އާބާދީގެ 77 އިންސައްތަ ނުވަތަ 1.6 މިލިއަން މީހުން ތިބީ ކާބޯތަކެތީގެ ނާމާންކަމެއްގެ ތެރޭގައެވެ. މީގެ ތެރޭގައި އެއްލައްކައަށްވުރެ ގިނަ ކުޑަކުދިންނާއި 37،000 މާބަނޑު އަންހެނުން ހިމެނެއެވެ.
ޖެނޮސައިޑް ޔަހޫދީ ރެޖީމުން އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ މިންވަރުގެ ތެރެއިން އެތެރެކުރެވެނީ އެންމެ 38 އިންސައްތަ އެހީއެވެ. މީގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް އީދުގެ އުފާވެރިކަން އިހުސާސް ކުރުމުގެ ބަދަލުގައި ޖެހިފައިވަނީ ބަނޑުހައިހޫނުކަމާއި ހިތާމައިގެ ތެރޭގައި ދުވަސްތައް ހޭދަކުރާށެވެ. އަރަބިން ތިބެނީ ދެ ބަނޑަށް ކައިގެންނެވެ!






