ހިސާރު ކަނޑުވާލުމަސް މަސައްކަތްކުރި ހަތަރު އެކްޓިވިސްޓަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އިސްރާއީލުން ޣައްޒާއަށް ކުރިމަތިކޮށްފައިވާ 19 އަހަރުވީ ހިސާރު ކަނޑާލުމަށް އިންސާނީ އެހީއާއެކު ދަތުރުކުރި ފްލޮޓިލާ މިޝަންތަކުގައި ބައިވެރިވި ހަތަރު އެކްޓިވިސްޓަކަށް އެމެރިކާ ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ. މި ފިޔަވަޅުތައް އިއުލާނުކޮށްފައިވަނީ ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރި އުޅަނދުތައް އިސްރާއީލުން ހުއްޓުވައި، މަދުވެގެން 430 އެކްޓިވިސްޓުން ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޔަހޫދީ ޖެނޮސައިޑަށް ތާއީދު ކުރާ ޓްރަމްޕްގެ ސަރުކާރުން މި އެކްޓިވިސްޓުންނަށް ތުހުމަތުކޮށްފައިވަނީ އެމީހުން ފަލަސްތީނަށް ދަތުރުކުރަން އުޅުނީ "ހަމާސް ޖަމާއަތަށް ތާއީދުކުރުމަށް" ކަމަށެވެ. ނަމަވެސް މި ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް އެމެރިކާއިން އާންމުކޮށްފައެއް ނުވެއެވެ. އިންޓަނޭޝަނަލް އެކްޓިވިސްޓުން ބުނާ ގޮތުގައި މި ދަތުރުތަކުގެ މަގްސަދަކީ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދިނުމާއި، އިސްރާއީލުގެ ލާނުސާނީ ހިސާރަށް ދުނިޔޭގެ ސަމާލުކަން ގެނައުމެވެ.

އިސްރާއީލުން 2007 ވަނަ އަހަރުން ފެށިގެން ޣައްޒާ ބަންދުކޮށްފައި އޮތުމުގެ ސަބަބުން އެ ސަރަހައްދުގެ 2.3 މިލިއަން ރައްޔިތުން ދަނީ ކާބޯތަކެއްޗާއި، ސާފު ބޯފެނާއި، ބޭހުގެ ދަތިކަން އިންތިހާއަށް ތަހައްމަލު ކުރަމުންނެވެ. އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ މި ހިސާރަކީ ފަލަސްތީނުގެ ރައްޔިތުންނަށް ދެވޭ "ޖަމާއީ އަދަބެއް" ގެ ގޮތުގައި ސިފަކޮށްފައެވެ.

މިޝަންގެ އިންތިޒާމުކުރާ ފަރާތްތަކުން ވަނީ އިސްރާއީލުގެ ކަނޑުގެ ސިފައިން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން އުޅަނދުތައް ހުއްޓުވައި، އެކްޓިވިސްޓުންނަށް ރަބަރު ވަޒަނުން ހަމަލާދީފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި ހައްޔަރުކުރެވުނު މީހުންނަށް ޖިސްމާނީ އަދި ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ޝަކުވާތައްވެސް ވަނީ ފެންމަތިވެފައެވެ. މިހާރު 46 ގައުމަކަށް ނިސްބަތްވާ އެކްޓިވިސްޓުން އިސްރާއީލުނ ް ވަގަށ ްނަގާފައި ވޭވެ.

ޣައްޒާގެ ސިއްހީ އިދާރާތަކުން ހާމަކުރާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 72,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ. އިންތިޒާމުކުރާ ފަރާތްތަކުން ބިރުގަންނަނީ އެމެރިކާގެ މި ފިޔަވަޅުތަކުގެ ސަބަބުން އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް އިތުރު ހުރަސްތަކެއް ކުރިމަތިވެދާނެތީއެވެ.

ހިއްސާ ކުރައްވާ!