ދުނިޔޭގެ ނިޒާމު "ޖަންގަލީގެ ގާނޫނަށް" ބަދަލު ވިޔަ ނުދޭން ޝީ އާއި ޕޫޓިން އެކަތިގަނޑަކަށް ވެއްޖެ

ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން ބެއިޖިންގައި ބޭއްވި ސަމިޓެއްގައި، ވޮޝިންގޓަނާ ދެކޮޅަށް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރާނެ ކަމުގެ އިޝާރާތެއް ދެއްވައިފިއެވެ. މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދުނިޔޭގެ ނިޒާމު "ޖަންގަލީގެ ގާނޫނަށް" ބަދަލުވެގެންދާ ދިއުމާ ދެކޮޅަށް އިންޒާރު ދެއްވާފައެވެ.

ދެ ގައުމުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 175 ބިލިއަން ޑޮލަރުގެ "ގޯލްޑަން ޑޯމް" ޑިފެންސް ސިސްޓަމް ގާއިމުކުރުމުގެ ރޭވުމަށް ވަނީ ފާޑުކިޔާފައެވެ. މީގެ އިތުރުން، އެމެރިކާ އާއި ރަޝިޔާއާ ދެމެދު އޮތް އެންމެ ފަހުގެ ހަތިޔާރު ކޮންޓްރޯލް ކުރުމުގެ މުއާހަދާގެ މުއްދަތު ހަމަވުމާ ގުޅިގެން ވެސް ދެ ގައުމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބުދަ ދުވަހު ބޭއްވި މި ސަމިޓް ފެށިގެން ދިޔައީ ރަތް ދޫލައިގެ މަރުހަބާއަކާއި އަސްކަރީ ބޭންޑުގެ ހަރަކާތްތަކާއެކުގައެވެ. ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕޫޓިން ވިދާޅުވީ، ބޭރުގެ ނޭދެވޭ ނުފޫޒުތަކާއެކުވެސް ދެ ގައުމުގެ އިގްތިސާދީ އެއްބާރުލުން ވަރުގަދަވަމުންދާ ކަމަށެވެ. ޝީ ޖިންޕިން ވަނީ ޗައިނާ އާއި ރަޝިޔާގެ ގުޅުމަކީ "ނުގުޑާފަދަ ވަރުގަދަ" ގުޅުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅޭގޮތުން ޝީ ވިދާޅުވީ، އިތުރު ހަމަނުޖެހުންތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ބައެއް ގައުމުތަކުން ދުނިޔޭގެ ކަންކަން އެއްފަރާތަކުން ކޮންޓްރޯލްކޮށް، އަމިއްލަ މަސްލަހަތު އިސްކުރުމަށް ކުރާ މަސައްކަތްތައް ނާކާމިޔާބުވެފައިވާ ކަމަށް ދެ ގައުމުގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ބައްދަލުވުމުގެ މައިގަނޑު އެއް މައުޟޫއަކީ ހަކަތައިގެ ދާއިރާއެވެ. ޕޫޓިން ވިދާޅުވި ގޮތުގައި ހަކަތައަކީ ދެ ގައުމުގެ އިގްތިސާދީ ގުޅުމުގެ މައިބަދައެވެ. ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާ ގުޅުން ކަނޑާލުމުން، ޗައިނާ ވެފައިވަނީ ރަޝިޔާގެ ތެލުގެ އެންމެ ބޮޑު ކަސްޓަމަރަށެވެ. ނަމަވެސް، ގިނަ ދުވަސްތަކެއް ވަންދެން މަޝްވަރާ ކުރެވެމުންދާ "ޕަވަރ އޮފް ސައިބީރިއާ 2″ ގޭސް ހޮޅީގެ މަޝްރޫއާ މެދު އަދި ވަކި ގޮތެއް ނުނިމެއެވެ.

ރަޝިޔާގެ ރައީސް ވިދާޅުވީ ދެ ގައުމުން ގުޅިގެން މިނިވަން އަދި މުސްތަގިއްލު ޚާރިޖީ ސިޔާސަތެއް ކުރިއަށްގެންދާނެ ކަމަށެވެ. ޝީ ޖިންޕިން އިތުރަށް ވިދާޅުވީ، ދުނިޔޭގެ ބާރުތައް އެއްފަރާތަކަށް ލެނބިފައި އޮތުމުގެ ބަދަލުގައި، އެމެރިކާގެ ނުފޫޒު ކުޑަ، ގިނަ ބާރުތަކެއް އެކުލެވޭ ދުނިޔެއަކަށް ޗައިނާއިން ތާއީދުކުރާ ކަމަށެވެ. މި ދަތުރުފުޅުގައި ރަޝިޔާގެ ވިޔަފާރިވެރިންނާއި ސަރުކާރުގެ އިސްވެރިންގެ ބޮޑު ވަފުދެއް ޕޫޓިންއާއެކު ބައިވެރިވެވަޑައިގަންނަވައެވެ.

ހިއްސާ ކުރައްވާ!